ތ. ވަންދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
އެ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދެއް ވަންދޫއަށް ޒިޔާރަތްކޮށް މިސްކިތުގެ މަސައްކަތް ކުރިއަށްދާ މިންވަރު ބައްލަވާލައްވާފައިވާ ކަމަށާއި، މިހާތަނަށް މިސްކިތުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ތ. އަތޮޅުގައި ދެވަނައަށް އެންމެ ކުޑަ އާބާދީ އޮންނަ ރަށަކީ ވަންދޫއެވެ. އެ ރަށުގެ އާބާދީ 400 އާ ގާތްކުރާއިރު، ރަށުގައި ދިރިއުޅޭ އާބާދީ މިއަށްވުރެ މަދެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މިވަގުތު އަތޮޅުތަކުގެ އެކި ރަށްރަށުގައި ގިނަ މިސްކިތްތަކެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. މިގޮތުން މި އަހަރުގެ ތެރޭގައި 13 މިސްކިތެއް ނިންމާ ހުޅުވުމަށް ވަނީ ރޭވިފައެވެ.
މީގެ އިތުރުން، ޤުރުއާނާ ބެހޭ މަރުކަޒަކާއި އިސްލާމިކް ސެންޓަރު ހިމެނޭ މިސްކިތްތަކުގެ އިމާރާތްތައްވެސް އަތޮޅުތަކުގައި ތަރައްޤީކުރަމުންދާއިރު، މާލެ ސަރަހައްދުގައިވެސް އިސްލާމިކް މިނިސްޓްރީން ދަނީ މިސްކިތް ބިނާކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...