އދ. އިން ބާރުދޭ ދުނިޔޭގެ ބަނޑުހައިހޫނުކަން މޮނިޓަރކުރާ ފަރާތުން ޣައްޒާ އާއި އެ ސަރަހައްދުގައި ފުރަތަމަ ފަހަރަށް ބަނޑުހައިހޫނުކަމުގެ ހާލަތު އިއުލާންކޮށްފިއެވެ.
މިއީ އިސްރާއީލުން ހަނގުރާމައިގެ ތެރޭގައި އެ ސަރަހައްދަށް އެހީ ވަނުން ހުއްޓުވާފައިވަނިކޮށް އައި އިއުލާނެކެވެ.
އިންޓެގްރޭޓެޑް ފުޑް ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ހުކުރު ދުވަހު ބުނި ގޮތުގައި، މިހާރު 500،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ދިރިއުޅޭ ޣައްޒާ ސިޓީ އާއި އެ ސަރަހައްދުގައި ބަނޑުހައިހޫނުކަމުގެ ހާލަތު ވަނީ ކުރިމަތިވެފައެވެ. އަދި މި އަދަދު ސެޕްޓެމްބަރު މަހުގެ ނިޔަލަށް 641،000 އަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، އިސްރާއީލުން ޣައްޒާގެ މައްޗަށް އަޅާފައިވާ ހިޞާރު ނެގުމަށް ގޮވާލާފައެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އދ. ގެ މި އިއުލާނުން ޣައްޒާގައި ދިމާވެފައިވާ "އިންސާނީ ކާރިސާ" ވަނީ ކަށަވަރުވެފައެވެ. އަދި އިސްރާއީލުން ބަނޑުހައިހޫނުކަން ބޭނުންކުރަނީ "ހަނގުރާމައިގެ ހަތިޔާރެއްގެ" ގޮތުގައި ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން ބުނެފައިވަނީ އައިޕީސީގެ ރިޕޯޓުން ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތު އޮތްކަން "ސާބިތު ހަގީގަތެއް" ގެ ގޮތުގައި ކަށަވަރުވެފައިވާ ކަމަށެވެ. އަދި މިއީ ހަނގުރާމައިގެ ކުށްތަކުގެ ތެރޭގައި ހިމެނިދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އައިޕީސީގެ ރިޕޯޓުން "ބަނޑުހައިހޫނުކަމުގެ ހާލަތު ދިމާވެފައިވާކަމާމެދު އިތުރު މާނަކުރުމާއި ޝައްކުކުރުމުގެ ދޮރު ވަނީ ބަންދުވެފައި" ކަމަށެވެ. އަދި މިހާރު ބޭނުންވަނީ "މާ ލަސްވުމުގެ ކުރިން" ބަނޑުހައިހޫނުކަމާއި އެ ރައްޔިތުންގެ މައްޗަށް ކުރެވޭ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ނުފޫޒު ބޭނުންކުރުން ކަމަށް ބުނެފައިވެއެވެ.
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާ ވޯލްކަރ ޓަރކް ވިދާޅުވި ގޮތުގައި ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނުކަމުގެ ހާލަތު ކުރިމަތިވެފައި ވަނީ "ސީދާ އިސްރާއީލް ސަރުކާރުގެ އަމަލުތަކުގެ ސަބަބުން" ކަމަށެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވާ މަރުތައް ހަނގުރާމައިގެ ކުށްތަކުގެ ގޮތުގައި ބެލިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންރުވާގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވި ގޮތުގައި "މަސްތަކެއް ވަންދެން ދެމުން އައި އިންޒާރުތަކަށް އެއްވެސް ފަރާތަކުން ކަންފަތް ދީފައެއް ނުވެއެވެ." އަދި މިހާރު ޣައްޒާ ސިޓީއާއި އެ ސަރަހައްދުގައި ބަނޑުހައިހޫނުކަން ކަށަވަރުވެފައިވާތީ، މިކަން ހުއްޓުވުމަށް "ސިޔާސީ އިރާދަ" ބޭނުންވާ ވަގުތު ޖެހިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ސީނިއަރ ޑިރެކްޓަރ އެރިކާ ގުއެވާރާ ރޯސަސް ވިދާޅުވި ގޮތުގައި މި ބަނޑުހައިހޫނުކަމަކީ "އިސްރާއީލުން ގަސްދުގައި ކުރިއަށް ގެންދާ ހަނގުރާމައިގެ ސީދާ ނަތީޖާއެކެވެ." އަދި އިސްރާއީލުން އިންސާނީ އެހީ ހުރަސްއަޅައި، މުހިންމު އަސާސީ ވަސީލަތްތައް ހަލާކުކޮށް، އާންމު ރައްޔިތުން މެރުމަކީ ޣައްޒާގެ ފަލަސްތީނު ރައްޔިތުން ނައްތާލުމަށް ކުރާ ނަސްލު މަރާ ހަނގުރާމައިގެ ސާފު ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚިޔާލު