ފަލަސްޠީނާއި ޢަރަބި ޤައުމުތަކުގެ ބިންތަކަށް އަތްގަދަ ކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ 'ވިޜަން އޮފް ގްރެއިޓަރ އިސްރާއީލް' ގެ ނަމުގައި އިޢުލާނުކޮށްފައިވާ ތަސައްވުރު، ޢަރަބި އަދި އިސްލާމީ ދުނިޔެއިން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ފަލަސްޠީނުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ގޮވާލައި ނެރެފައިވާ ބަޔާނުގައި ޢަރަބި އަދި އިސްލާމީ 31 ޤައުމެއްގެ ޚާރިޖީ ވަޒީރުން ވަނީ ސޮއިކުރައްވާފައެވެ. މި ބަޔާނުގައި ޢަރަބި ލީގު، އޯއައިސީ އަދި ޖީސީސީ ފަދަ މުހިންމު އިސްލާމީ ޖަމްޢިއްޔާތައް ބައިވެރިވެފައިވެއެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ނަތަންޔާހޫގެ ހުށަހެޅުމަކީ ޢަރަބި ޤައުމުތަކުގެ ޤައުމީ ސަލާމަތަށާއި، ސިޔާދަތީ މިނިވަންކަމަށް ނުރައްކާވާނެ ކަމެކެވެ. އަދި މިއީ "ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސުލްޙައާއި ހަމަޖެހުން ގެއްލިގެންދާނެ" ކަމެއްގެ ގޮތުގައި ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި ހަމައެއާއެކު، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރިކުރުވުމަށް 'އީ1' ގެ ނަމުގައި ހިންގަން ނިންމާފައިވާ މަޝްރޫޢު ވެސް ވަނީ ކުށްވެރިކޮށްފައެވެ. މި މަޝްރޫޢަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ފަލަސްޠީނު ރައްޔިތުންގެ މިނިވަން ދައުލަތެއްގައި ދިރިއުޅުމުގެ ޙައްޤު ނިގުޅައިގަންނަ މަޝްރޫޢެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓާލުމަށާއި، އެ ސަރަޙައްދުގައި ދިރިއުޅޭ 2.2 މިލިއަން މީހުންނަށް ކުރިމަތިވެފައިވާ އިންސާނީ ބޮޑު ހާދިސާއަށް ޙައްލެއް ހޯދުމަށް ވެސް ގޮވާލާފައިވެއެވެ.
ޚިޔާލު