ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަލަށް ހުޅުވި ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހހިރާއްޖެ މިނިވަންވިތާ 60 އަހަރު ފާހަގަކުރި ދުވަހު ރަސްމީކޮށް ހުޅުވާފައިވާ އައު ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭގޮތަށް ހަމަޖައްސަވާފއިވާކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މީސް މީޑިއާގެ އެކި މަންސަތަކުގައި ހިއްސާ ކުރެއްވި ޕޯސްޓަކުންނެވެ.
މީގެ އިތުރުން ކުރީގެ ޓާމިނަލްއެކޭ އެއްފަދައިން އައު ޓަރމިނަލްގައިވެސް ނަމާދުކުރުމަށް ޚާއްސަ ކޮޓަރިތަކެއްވެސް ވަނީ ތަރައްގީކުރެވިފައެވެ. މިގޮތުން ފިރިހެނުންނާއި އަންހެނުންނަށް ވަކި ނަމާދުކުރެވޭ ގޮތަށް ޓާމިނަލްގެ އެކި ސަރަޙައްދުތަކުގައި އިންތިޒާމް ހަމަޖައްސާފައިވެއެވެ. މީގެ ސަބަބުން މުވައްޒަފުންނާއި ފަސިންޖަރުންނަށް ގަޑިއަށް ނަމާދުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ރައީސްގެ މިނިންމެވުމާ ގުޅިގެން ރާއްޖޭގައި ފުންނާބު އުސް ދީނީ ޢިލްމުވެރިން ވަނީ މިކަމަށް ތަޢުރީފުކުރައްވާފައެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައު ޓާމިނަލްގައި ބަންގީގެ އަޑި އިވޭގޮތަށް ހެއްދެވިކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާ ކުރައްވައި ވިދާޅުވެފައިވަނީ ބަންގިއަކީ އިސްލާމީ ހިދާޔަތު ރަމްޒުކޮސްދޭ ވަރަށް މަތިވެރި ޝިޢާރެއްކަމަށެވެ.
މީގެ އިތުރުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި އެޖަމްޢިއްޔާގެ ނައިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި 5 ވަގުތު ބަންގީގެ އަޑު އިވޭގޮތަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖެއްސެވުމަކީ މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާޣެ މި ނިންމެވުމާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވީ މިއީ ވަރަށް ތާރީޚީ ކަމެއްކަމަށައި އަދި މިއީ ހޮޔޮ ފާލެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. މީގެ އިތުރުން ދީނީ އިލްމުވެރިޔާ ޝަފީއު އަބްދުﷲ ވިދާޅުވެފައިވަނީ މިއީ ވަރަށް ރަނގަޅު ނިންމުމެއްކަމަށެވެ. މީގެ އިތުރުންވެސް ގިނަ އިލްމުވެރިންތަކެއް ވަނީ ރައީސްގެ މި ނިންމެވުމަށް ތައުރީފު ކުރައްވާފައެވެ.
މިއީ ދިވެހިރާއްޖޭގެ އެއާޕޯޓެއްގައި ފަސް ވަގުތު ބަންގީގެ އަޑު އިއްވަން ފެށި ފުރަތަމަ ފަހަރެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަށްވާއިރު މި ޤައުމުގެ އިސްލާމީ ވަހުދަތު ހިމާޔަތްކޮށް އިސްލާމީ ރިވެތި އާދަތައް ފެތުރުމަކީ މުހިންމު ކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...