ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ނިންމާފައިވާ އިސްލާމީ ކުތުބުޚާނާތަކުގެ ތެރެއިން ގދ. ތިނަދޫ އަދި ރ. އުނގޫފާރު އިސްލާމީ މަރުކަޒުގެ ކުތުބުޚާނާތައް އޮގަސްޓު މަހުގެ ނިޔަލަށް ނިންމައި ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އައްޝައިޚް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ގާއިމުކުރުމަކީ އެ މިނިސްޓްރީގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ހުޅުވޭނެ ދެ ކުތުބުޚާނާގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށާއި، 31 އޮގަސްޓުގެ ކުރިން މި މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާކަމަށް ވެސް އައްޝައިޚް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޛް އަޙުމަދު ޝާތިރު ވިދާޅުވެފައިވަނީ އަލަށް ހުޅުވޭ އިސްލާމީ މަރުކަޒުތައް ހުޅުވޭއިރު އިސްލާމީ ކުތުބުޚާނާއާއެކު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ ތެރޭގައި ހއ. ދިއްދޫ، ސ. ހިތަދޫ އަދި ޏ. ފުވައްމުލަކުގެ އިސްލާމީ މަރުކަޒުތައް ހިމެނެއެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިސްލާމީ މަރުކަޒުތަކެއްގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމުކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝާހީމު ޢަލީ ސަޢީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ޚިޔާލު