ރާއްޖޭގެ ޚަބަރު އަސްކޮއި ގްރޫޕުން ލަނޑުދިން މީހުން އެކަން ރިޕޯޓުކުރުމަށް ފުލުހުން އެދިއްޖެ

އަސްކޮއި ގްރޫޕުން ލަނޑުދިން މީހުން އެކަން ރިޕޯޓުކުރުމަށް ފުލުހުން އެދިއްޖެ

އަސްކޮއި ގްރޫޕުން ލަނޑުދިން މީހުން އެކަން ރިޕޯޓުކުރުމަށް ފުލުހުން އެދިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްއިން ޢުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު އެއިންތިޒާމު ހަމަޖައްސައި ނުދިން ފަރާތްތައް އެމައްސަލަ ހުށަހެޅުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

އަސްކޮއި ގްރޫޕުން އުމްރާއަށް މީހުން ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާފައި ނުވާ މައްސަލައެއް ފެންމަތިވެފައިވާއިރު މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ދަތުރަށް ފައިސާ ދެއްކުމަށްފަހު، ފުރަން ގާތްގަނޑަކަށް ހަފްތާއެއްގެ މުއްދަތު އޮއްވާ، އުމްރާއަށް ދެވެން ނެތްކަމަށް އެ ގްރޫޕުން ވަނީ އަންގާފައެވެ. އޭގެ ކުރިން އެ ގްރޫޕުން ވަނީ ޢުމްރާ ދަތުރު ކުރިއަށްދާނެ ކަމުގެ ޔަޤީންކަންދީ ރަށްރަށުގައި އުޅޭ ފަރާތްތައް މާލެ އައުމަށް ވެސް އަންގާފައެވެ.

މިމައްސަލައާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ އެ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި، ދަތުރު ކެންސަލްކޮށް މަކަރު ހަދާފައިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، މައްސަލަ ފުލުހުންނަށް ހުށަހަޅައި، ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މިއީ އެ ކުންފުނިން މިފަދަ ކަމެއް ކުރި ތިންވަނަ ފަހަރު ކަމަށް ބެލެވޭއިރު، ހަމައެކަނި ޖޫރިމަނާއަކުން ފުއްދާނުލައި އެ ކުންފުނި އުވާލަން ޖެހޭކަމަށް ގިނަ ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިމައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންއިން އެމައްސަލަ ދަނީ ތަޙުޤީޤު ކުރަމުންނެވެ.

އެހެންކަމުން މިމައްސަލަ ދިމާވެފައިވާ ފަރާތްތަކުން 9790048 މިނަންބަރަށް ގުޅުމަށް ނުވަތަ ހެންވޭރު ދަނޑު ކައިރީގައި ހުންނަ ކްރައިމް އިންވެސްޓިގޭޝަން އިމާރާތަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް ފުލުހުން އެދެއެވެ.

އަސްކޮއި ގްރޫޕަށް ފިޔަވަޅު އަޅާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެފައިވާއިރު މީގެ ކުރިންވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ އެގްރޫޕާ ދެމެދު އޮތް އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން އެ ގްރޫޕުން 130،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހިފައިވެއެވެ. މީގެ އިތުރުން، މި އަހަރުގެ ރަމަޟާން މަހު އުމްރާ ދަތުރަށް ކުރިއާލާ ފައިސާ ދެއްކި ފަރާތައް، އުމްރާއަށް ނުގެންދިއުމާ ގުޅިގެން އެފައިސާ އަނބުރާ ރައްދުކުރުމަށްވެސް އޭރު އަންގާފައިވާކަން ފާހަގަކުރެވެއެވެ.

ޓެގް

އަސްކޮއި ޢުމްރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.