އިޒްރޭލުގައި ވެރިކަންކުރާ ކޯލިޝަންގެ މުހިންމު ބައިވެރިއެއް ކެބިނެޓުން ވަކިވާން ނިންމުމާއެކު ބެންޖަމިން ނެތަންޔާހޫގެ ސަރުކާރަށް އިޒްރޭލުގެ ބަރުލަމާނުގައި އޮތް މެޖޯރިޓީ ގެއްލިއްޖެއެވެ.
އަލްޓްރާ-އޯތޮޑޮކްސް "ޝާސް" ޕާޓީއިން ބުނެފައިވަނީ އެޕާޓީއިން ކެބިނެޓުން ވަކިވާން ނިންމީ އިޒްރޭލުގައި ދީނީ ޢިލްމު އުނގެނޭ ދަރިވަރުންނަށް ޢަސްކަރީ ޚިދުމަތުން އިސްތިސްނާ ލިބޭ ލިބުން ދެމެހެއްޓޭނެކަން ޤާނޫނު ހަދާ މަޖިލީހުން ކަށަވަރުކޮށްދީފައިނުވުމުން އެކަމުގެ އިޙްތިޖާޖުގައެވެ.
އެޕާޓީއިން ކެބިނެޓުން ވަކިވާން ނިންމުމާއެކު އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން ނަތަންޔާހޫގެ ކޯލިޝަނަށް ބާކީ އޮތީ 50 ގޮނޑިއެވެ.
ނަމަވެސް ޝާސް ޕާޓީއިން ބުނެފައިވަނީ އެޕާޓީއިން ސަރުކާރު ވައްޓާލަން މަސައްކަތް ނުކުރާނެ ކަމަށާއި ބައެއް ބިލުތަކަށް ވޯޓު ދިނުމުގައި ސަރުކާރަށް އެއްބާރުލުން ދެވިދާނެ ކަމަށެވެ. އަދި މިހާރު އޮތް ސަރުކާރު ވައްޓާލުމަށް ތާޢީދު ނުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޝާސް ޕާޓީ ސަރުކާރުން ވަކިވުމުގެ އެއް ދުވަސް ކުރިން، އެހެން އަލްޓްރާ-އޯތޮޑޮކްސް ޕާޓީއެއް ކަމަށްވާ ޔުނައިޓެޑް ތޯރާ ޖުޑާއިޒަމް ވެސް ވަނީ ހަމަ މި މައްސަލައިގައި ސަރުކާރުން ވަކިވެފައެވެ.
އަލްޓްރާ-އޯތޮޑޮކްސް ދީނީ ދަރިވަރުންނަށް މިހާރު ޢަސްކަރީ ޚިދުމަތުން އިސްތިސްނާ ލިބިފައި އޮތްނަމަވެސް އެހެން ފަރާތްތަކުން އެޚިދުމަތް ކުރަން ޖެހުމުން އެއީ އިންސަފުވެރި ގޮތެއް ނޫންކަމަށް ބުނެ އިޒްރޭލުގެ ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އެކަމަށް ލިބިފައިވެއެވެ.
ޝާސް ޕާޓީއިން ސަރުކާރުން ވަކިވާން ނިންމުމާއެކު އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ވަނީ މިހާރު އޮތް ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށް ސިފަކޮށް، އިންތިޚާބެއް ބޭއްވުމަށް ގޮވާލައިފައެވެ.

















advertisment
ޚިޔާލު