ދިމިޝްޤުގައި ހުންނަ ސީރިއާ ސިފައިންގެ ޖެނެރަލް ސްޓާފް ކޮމްޕްލެކްސްގެ މައި ދޮރާށްޓަށް އިޒްރޭލުން ޙަމަލާ ދީފިއެވެ.
އިޒްރޭލުގެ ސިފައިން ސީރިއާގެ ދިމިޝްޤުގައި ހުންނަ ސީރިއާ ސަރުކާރުގެ ސިފައިންގެ މައި މަރުކަޒުގެ ދޮރާށްޓަށް ޙަމަލާ ދީފައިވާ ކަމަށް ބުނެފައިވަނީ އިޒްރޭލުން މިއަދު ނެރުނު ބަޔާނެއްގައެވެ.
ދިމިޝްޤުގެ މެދު ސަރަޙައްދުގައި ދެ މީހަކު ޒަޚަމްވެފައިވާ ކަމަށް ސީރިއާގެ ސްޓޭޓް ޓީވީއިން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް މިއީ އެޙަމަލާއާ ގުޅޭ ކަމެއްކަން ސާފުކޮށްދީފައެއްނުވެއެވެ. ސީރިއާ ސިފައިންގެ ޖެނެރަލް ސްޓާފް ކޮމްޕްލެކްސް ކައިރިން ބަޑީގެ އަޑު އިވިފައިވާ ކަމަށް ވެސް ސީރިއާގެ ޓީވީއިން ރިޕޯޓުކޮށްފައިވެއެވެ.
އިސްރޭލް ސިފައިންގެ ރޭޑިއޯއިން މި ހަމަލާތައް ދީފައިވާކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ އެ ސަރަހައްދުގައި ހުރި "ސީރިއާ ސިފައިންގެ ވަސީލަތްތަކަށް" އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ.
އިޒްރޭލުން އިތުރަށް ބުނެފައިވަނީ އިޒްރޭލާ ސީރިއާއާ ދެމެދު އޮންނަ ބޯޑަރުގެ ސަރަހައްދަށް އިތުރު ސިފައިން ފޮނުވާ، ސެކިއުރިޓީ ވަރުގަދަ ކުރާނެ ކަމަށެވެ.
މި ހަމަލާތައް ދީފައިމިވަނީ، ސީރިއާގެ ސުވައިދާ ޕްރޮވިންސްގައި ދުރޫޒުންނާއި ބަދަވީ ޢަރަބި ޤަބީލާއަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސީރިއާ ސަރުކާރުގެ ސިފައިން އެހަމަނުޖެހުމުގެ ތެރެއަށް ތަދައްޚުލުވެ ހަމަނުޖެހުން ހުއްޓުވަން ކުރި މަސައްކަތާ ގުޅިގެންނެވެ.
ދުރޫޒުންނަކީ 10 ވަނަ ޤަރުނުގައި އިސްމާޢީލީ ޝިޔަޢީންގެ ތެރެއިން އުފެދުނު މަޒްހަބެކެވެ. ދުނިޔޭގެ ގާތްގަނޑަކަށް 1 މިލިއަން ޑްރޫޒުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ދިރިއުޅެނީ ސީރިޔާގައެވެ. ސީރިއާގެ ސުވެއިދާ ޕްރޮވިންސްގައި މިމީހުންގެ ބޮޑު އާބާދީއެއް އޮންނައިރު ސިޔާސީ ގޮތުންނާއި ޢަސްކަރީ ގޮތުން އެމީހުންނަށް އެހީވަނީ އިޒްރޭލުންނެވެ.
ސީރިއާ ސަރުކާރުގެ ސިފައިން ސުވެއިދާ ޕްރޮވިންސުން ނުފައިބައިފިނަމަ އިތުރު ޙަމަލާތައް ދެމުންގެންދާނެ ކަމަށް އިޒްރޭލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ އިންޒާރު ދީފައެވެ.
ފާއިތުވި އަހަރުގެ ޑިސެމްބަރުގައި ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، އިސްރާއީލުން ސީރިއާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ޙަމަލާތަކެއް ދިނެވެ. އެގޮތުން 1973 ވަނަ އަހަރުގެ ޔޯމް ކިޕުރް ހަނގުރާމައަށްފަހު ވެވުނު އެއްބަސްވުމުގެ ދަށުން "ޑީމިލިޓަރައިޒްޑް ޒޯން" ތަކެއްގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ވެސް އިޒްރޭލުން ޙަމަލާ ދީފައިވެއެވެ.

















advertisment
ޚިޔާލު