މިޔަންމާގެ ރަޚައިން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުމާއި މުސްލިމުންނަށް އަމާޒުކޮށްގެން ދެމުންދާ ޙަމަލާތަކާ ގުޅިގެން ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި 150،000 އަށްވުރެ ގިނަ ރޮހިންޖާ ރެފިއުޖީއިން ރައްކާތެރިކަން ހޯދުމަށް ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާކަމަށް އދ އިން ބުނެފިއެވެ.
މިޔަންމާގައި ހަނގުރާމަތީ ހަތިޔާރުގެ ބޭނުންކޮށްގެން ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވެ، ހާލަތު ގޯސްވަމުންދާއިރު، ހާހުން ގުނާލެވޭ މީހުން "ކޮކްސް ބަޒާރ" ގެ ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕްތަކަށް ރައްކާތެރިކަން ހޯދުމަށް ބޯޑަރު ހުރަސްކުރަމުން ދެއެވެ. މިހާރުވެސް ގާތްގަނޑަކަށް އެއް މިލިއަން ރޮހިންޖާ ރެފިއުޖީޏް ދިރިއުޅެމުންދަނީ ތޮއްޖެހިފައިވާ ކޭމްޕްތަކުގައެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެމުން އދ ގެ ރެފިއުޖީ އޭޖެންސީގެ ސްޕޯކްސްޕާސަން ބާބަރ ބަލޯޗް ވިދާޅުވީ މިއީ 2017 ވަނަ އަހަރުއްސުރެ އެންމެ ގިނަ ރޮހިންޖާ ރެފިއުޖީއިން ބަންގްލަދޭޝްއަށް ހިޖުރަކުރި ފަހަރެވެ. އެގޮތުން 2017 ވަނަ އަހަރު ހިޖުރަކުރި މީހުންގެ ޢަދަދު 750،000 އަށް އަރައިފައިވެއެވެ.
ބަންގްލަދޭޝްއިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން، ރޮހިންޖާގެ ރެފިއުޖީންނަށް ރައްކާތެރިކަން ދީފައެވެ. ރޮހިންޖާއަކީ މެޖޯރިޓީ ބުދިސްޓް ޤައުމެއް ކަމަށްވާ މިޔަންމާގައި އޮންނަ ކުޑަ މުސްލިކް މުޖުތަމަޢެކެވެ.
މިހާރު އެ ޤައުމުގައި ހުރި ރެފިއުޖީ ކޭމްޕްތަކުގައި ގާތްގަނޑަކަށް އެއް މިލިއަން މީހުން ދިރިއުޅެމުންދާއިރު، އަލަށް އަންނަ މީހުންނަށް އެހީ ފޯރުކޮށްދޭނެ ވަޞީލަތްތައް ހުރިކަމާމެދު ސުވާލު އުފެދެއެވެ. މިހާރުވެސް ގިނަ ބަޔަކު ބަރޯސާ ވަނީ ބަންގްލަދޭޝްގެ ބައެއް ރައްޔިތުންގެ ދީލަތި އެހީއަށްކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އދ ގެ ރެފިއުޖީ އޭޖެންސީގެ ސްޕޯކްސްޕާސަން ބާބަރ ބަލޯޗް އިތުރަށް ވިދާޅުވި ގޮތުގައި ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުން އަންނަ މިލިއަނެއްހާ މީހުން އުޅެމުންދަނީ އެންމެ 24 އަކަކިލޯމީޓަރުގެ ޖާގައަކަށް ތޮއްޖެހިގެންނެވެ.
މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުމަކީ 2017 ވަނަ އަހަރުއްސުރެ މުސްލިމުންދާ ދެކޮޅަށް ހިންގަމުންދާ ބޮޑު ޢުދުވާނެކެވެ. ރޮހިންޖާގެ މުސްލިމުންނަކީ މިޔަންމާގެ ރައްޔިތުން ނޫން ކަމަށާއި އެމީހުންނަކީ ޣައިރު ޤާނޫނީ ހިޖުރަވެރިން ކަމަށްބުނެ މިޔަންމާގެ ސަރުކާރާއި އަސްކަރިއްޔާއިން މަސައްކަތް ކުރަމުންދަނީ ރޮހިންޖާގެ މުސްލިމުން އެޤައުމުން ބޭރުކުރުމަށެވެ. 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ފެށި މި ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން މަރާލައި، ރޭޕްކޮށް، ތަންތަނުގައި ހުޅު ޖަހާފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިއީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުށްވެރިކޮށްފައިވާ ޢަމަލުތަކެކެވެ.

















advertisment
ޚިޔާލު