ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފިއެވެ.
ސެނެގާލްގެ ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެސްޝަން އޮފް ޖެރޫސަލަމް" ގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަށް ރާއްޖޭން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، އަހްމަދު ސަރީރު ދެއްވި ތަޤުރީރުގައި، އިޒްރޭލުގެ އިސްތިއުމާރީ ސިޔާސަތުތައް ސިފަކުރެއްވާފައިވަނީ، ނިޒާމީ ގޮތެއްގައި ރޭވިގެން، ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިންތަކުން ބާލައި، މުދަލާއި ބިންތައް ފޭރިގަނެ، އިންސާނީ ޙައްޤުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ސިޔާސަތުތަކެއްގެ ގޮތުގަ އެވެ.
އޭނާ ވަނީ އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އަދި ޣައްޒާގައި މެދުކެނޑުމެއް ނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ އަނިޔާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ.
މިއަނިޔާވެރިކަން ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޒްރޭލުން މެދު ކެނޑުމެއް ނެތި ހިންގަމުންދާ ލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެނެސް، މިކަމަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމުގައި ސަރީރު ވިދާޅުވި އެވެ.
އދ.ގެ އާންމު މަޖިލީހުގެ ގަރާރަކުން، 1975 ވަނަ އަހަރު އުފައްދާފައިވާ ސީއައިއާރްޕީޕީގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހިމާޔަތްކޮށް، މިނިވަން މުސްތަގިއްލު ދައުލަތަކާ އެކު ގައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްގު އަލުން ހޯދައި ދިނުމަށްޓަކައި ތަންފީޒުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. މި ކޮމިޓީގެ ހުށަހެޅުންތައް ވަނީ އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފަ އެވެ. އަދި މި ކޮމިޓީއިން ކޮންމެ އަހަރަކު އދ.ގެ އާންމު މަޖިލީހަށް ރިޕޯޓު ހުށަހަޅަ އެވެ.
ރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯއައިސީގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމިއްޔާގެ މެމްބަރު ގައުމެކެވެ.

















advertisment
ޚިޔާލު