އަރަބިދުނިޔެ

ޙަމާސްއިން އިޒްރޭލު ސިފައިންނަށް ވަރުގަދަ ޙަމަލާއެއް ދީ 5 މީހަކު މަރާލައިފި

ޙަމަލާގައި މަރާލާފައިވާ އިޒްރޭލު ސިފައިން

ޣައްޒާގެ އުތުރުގައި ހިނގި ކުރިމަތިލުންތަކުގައި އިސްރޭލުގެ ފަސް ސިފައިން މަރުވެ، 14 ސިފައިންނަށް އަނިޔާވެފައިވާ ކަމަށް އިޒްރޭލުގެ ސިފައިން (އައި.ޑީ.އެފް) އިން ބުނެފިއެވެ.

އައި.ޑީ.އެފް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ހޯމަ ދުވަހުގެ ރޭ ޣައްޒާގެ އުތުރުގައި ހިނގި ކުރިމަތިލުންތަކުގައި ކްފީރް ބްރިގޭޑް ގެ ނެޓްޒާ ޔެހޫދާ ބެޓޭލިއަންގެ ފަސް ސިފައިން މަރުވެ، އަނިޔާވި 14 ސިފައިންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްއެވެ.

އައި.ޑީ.އެފްގެ ރޭޑިއޯއިން ރިޕޯޓްކުރި ގޮތުގައި، މި ހާދިސާ ހިނގީ ނެޓްޒާ ޔެހޫދާ ބަޓޭލިއަންގެ ފައިމަގު ޕެޓްރޯލެއް ބައިތު ހަނޫން ހުރަސްކުރަމުން ދަނިކޮށެވެ.

ރޭޑިއޯ ބްރޯޑްކާސްޓަރު ބުނި ގޮތުގައި، ހޯމަ ދުވަހުގެ ރޭ، ބައިތު ހަނޫންގައި ހިންގި ގްރައުންޑް އޮޕަރޭޝަންތަކުގެ ތެރޭގައި، މަގުގެ އެއްފަރާތުގައި ހަރުކޮށްފައި އޮތް ބޮމަކުން އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންނަށް ހަމަލާ ދީފައިވެއެވެ. އެ ސިފައިން ހަރަކާތްތެރިވީ ފައިމަގުގައި ކަމަށާއި، އެއްވެސް އުޅަނދެއްގައި ނޫން ކަމަށްވެސް އެ ބްރޯޑްކާސްޓަރު ބުންޏެވެ.

އަނިޔާވި މީހުން އިވެކުއޭޓް ކުރަމުން ދަނިކޮށް، ހަތިޔާރު އެޅި ޙަމާސްގެ ހަނގުރާމަވެރިން ފޮރުވިފައި ތިބެ ރެސްކިއު ޓީމަށް ވެސް ހަމަލާ ދިނެވެ. މިކަމުގެ ސަބަބުން އިތުރު ބަޔަކަށް އަނިޔާވެފައިވެއެވެ.

އިސްރާއީލުގެ ސިފައިން ޢާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ޣައްޒާ ހަނގުރާމަ ފެށުނު ފަހުން މަރުވި ސިފައިންގެ އަދަދު 888 އަށް އަރާފައިވެއެވެ. އޭގެ ތެރެއިން 444 ސިފައިން މަރުވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައި ފެށި ގްރައުންޑް އިންވޭޝަން އޮޕަރޭޝަންތަކުގެ ތެރޭގައެވެ. އަދި މަދުވެގެން 6,060 ސިފައިންނަށް އަނިޔާވެފައިވާ އިރު، އޭގެ ތެރެއިން 2,768 ސިފައިންނަށް އަނިޔާވީ ގްރައުންޑް އިންވޭޝަން އޮޕަރޭޝަންތަކުގެ ތެރޭގައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށީގެން އިޒްރޭލް ސިފައިން ވަނީ ޣައްޒާގައި 57،500 އަށް ވުރެ ގިނަ ފަލަސްތީނީން މަރާލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހުއްޓުމެއްނެތި ދެމުންދާ ބޮމުގެ ޙަމަލާތަކުގެ ސަބަބުން އެ ސަރަހައްދު ވަނީ ދިރިއުޅެން ނުކުޅަދޭ ފަދަ ތަނަކަށް ވެފައެވެ. އަދި ކާނާގެ ދަތިކަމާއި ބަލިމަޑުކަން ވަނީ ފެތުރިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *