1446 ވަނަ އަހަރުގެ އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޖަމްޢިއްޔަތުއްސަލަފުން އިއްޔެ ރޭ ބޭއްވި ޚާއްޞަ ޙަފުލާއެއްގައި 8 ފަރާތަކަށް ހަނދާނީ ލިޔުން ދީފިއެވެ.
މި ޙަފްލާގެ ޝަރަފްވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފް އަޙްމަދު އަކީ ހަނދާނީ ލިޔުންތައް ޙަވާލުކޮށްދެއްވި ފަރާތެވެ.
ހަނދާނީ ލިޔުން ލިބުނު ފަރާތްތަކުގެ ތެރޭގައި އދ. ދަނގެތި ޖަމްޢިއްޔަތުލް ޤަލަމް، ގާފަރު ކައުންސިލް، ހދ. ނޮޅިވަރަމު ޖަމްޢިޔަތުލް ރިސާލަ، ރ. ކިނޮޅަސް ކައުންސިލް، ދ. ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި އެރަށުގެ ބްރަދާސް އެކަޑަމީ، ހދ. ވައިކަރަދޫ ކައުންސިލް އަދި ނަޑެއްލާ އައިލެންޑް ޑެވެލޮޕްމެންޓް ސޮސައިޓީ ހިމެނެއެވެ.
ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން "މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ބޭއްވޭ ފުރަތަމަ މުނާސަބަތު" ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި ސިވިލް ސޮސައިޓީތަކުން އަދާކުރާ މުހިންމު ދައުރާ ޚިލާފަށް، ރާއްޖޭގެ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރު މަޙްދޫދުވެފައިވަނީ ހަމައެކަނި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ކަމަށް ފާހަގަކުރެއްވިއެވެ.
އަދި މަދަނީ ޖަމްޢިއްޔާތަކުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ. މި މަސައްކަތަކީ ކޮންމެ ޖަމްޢިއްޔާއަކުންވެސް ކުރަންޖެހޭނެ ކަމެއްކަމުގައި އާދަމް ޝަރީފް އަޙްމަދު ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.
ޚިޔާލު