ކޮލަމިސްޓްދީނީ ލިޔުންދީން

ބަންގި ޝަރުޢު ކުރެއްވުން.

ބަންގި އަށް ޢަރަބި ބަހުން ކިޔަނީ "އަޛާން" އެވެ. "أذان" ގެ މާނައަކީ ފޯރުކޮށްދިނުމެވެ. މިގޮތުން ކަމެއްގެ މައުލުމާތު އެހެން ބަޔަކަށް އިވޭ ވަރަށް ބަޔާންކޮށްދިނުން މީގެ މާނައިގައި ހިމެނެއެވެ.

أذن المئذن أن غدا رمضان. މާނައީ:- މާދަމާ ރޯދަ މަސް ކަމަށް (ރޭޑިޔޯ) އެނައުންސަރު އެނައުންސް ކޮށްފިއެވެ.

އިސްލާމް ދީނުގެ އިޞްޠިލާޙުގައި أذان ނުވަތަ ބަންގިއަކީ، ނަމާދު ވަގުތު ވަދެއްޖެކަން މީސްތަކުންނަށް އެންގުމަށްޓަކައި އިއްވޭ ނިދާއެކެވެ. ނުވަތަ ގޮވޭ ގޮވުމެކެވެ. އެގޮވުމުން ޙުކުމްވެގެން އަންނަނީ، ފިރިހެނުން މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދު ކުރަންވީ ވަގުތު ވަދެއްޖެކަމާއި އަންހެނުން ގޭގައި ނަމާދު ކުރުމުގެ ވަގުތު ވަދެއްޖެކަމެވެ. ބަންގި ގޮވާހިނދު އިމާމްމީހާ "صلوا في بييتكم" "ތިޔަބައިމީހުން ގެތަކުގައި ނަމާދުކުރާށޭ ގޮވައިފިނަމަ، ދެން ފިރިހެނުންވެސް މިސްކިތަށް ނައިސް ގޭގައި ނަމާދު ކުރަންވީއެވެ.

ބަންގި އަކީ އަންނަނިވި ޢިބާރާތުން ގޮވޭ ނިދާއެވެ.

(اللهُ أَكْبَر، اللهُ أَكْبَر، اللهُ أَكْبَر، اللهُ أَكْبَر، أَشْهَدُ أَن لَا إِلَهَ إِلا الله، أَشْهَدُ أَن لَا إِلَهَ إِلا الله، أَشْهَدُ أَن مُحمدًا رَسُولُ الله، أَشْهَدُ أَن مُحمدًا رَسُولُ الله، حَيَّ عَلى الصلَاة، حيَّ عَلى الصلَاة، حَيَّ عَلى الفَلَاح، حَيَّ عَلى الفَلَاح، اَللهُ أَكْبَر، اَللهُ أَكْبَر، لَا إِلهَ إِلا الله)

ބަންގި ޝަރުޢު ކުރެވުނު.

ބަންގި ޝަރުޢު ކުރެވުނީ މުސްލިމުން މަދީނާއަށް ހިޖުރަކުރި ފުރަތަމަ އަހަރުއެވެ. ބަންގި ޝަރުޢު ވުމުގެކުރިން، މުސްލިމުން ފަރުޟު ނަމާދު ޖަމާޢަތުގައި ކުރުމަށްޓަކައި، އެއްވަގުތަކައް އެންމެން އިއްތިފާގުވެ އެވަގުތަށް ޖަމާވެ އުޅުނެވެ. ނަމަވެސް ބައެއްފަހަރު ވަގުތުތައް ހަނދާން ބެހެއްޓުމަށް ބައެއް ބޭފުޅުންނަށް ދަތިވެއެވެ.

އެއްދުވަހަކު ރަސޫލުﷲ صلي الله عليه وسلم މީސްތަކުންނަށް ނަމާދަށް ގޮވުމަށް ހަދާނެ ގޮތަކާމެދު ޞަޙާބީންނާއިއެކު މަޝްވަރާއެއް ކުރެއްވިއެވެ.  އެކި ބޭފުޅުން ވަރަށް ގިނަ މަޝްވަރާތައް ދެއްވިއެވެ. ކްރިސްޓިއަނުން ބޭނުން ކުރާފަދަ ރަނގަބީލެއް ބޭނުންކުރަން އެއްބައި ބޭކަލުން މަޝްވަރާ ދެއްވިއިރު އަނެއްބައިބޭކަލުން މަޝްވަރާދެއްވީ ޔަހޫދިން ގޮއްވާކަހަލަ ދުއްމާރިއެއް ގޮއްވައިގެން މީސްތަކުންނަށް އެންގުމަށެވެ. އަދި ހަމަ މިމަޝްވަރާތަކުގެ ތެރެއިން މަޖޫންސީން ރޯކުރާފަދަ އަލިފާނެއް ރޯކުރަންވެސް މަސްވަރާ ހުށައެޅުނެވެ. ނަމަވެސް މިއިން އެއްވެސް މަސްވަރާއަކަށް އިތުރު އެކަލޭގެފާނު މާ ގަޔާވެލައްވާގޮތެއް ނުވިއެވެ.

އެހެނަސް ނުރުހުންތެރިކަމާއެކުވެސް ރަނގަބީލެއް ޖެހުމުގެ ޚިޔާލު ޤަބޫލުފުޅު ކުރައްވައި އެކަން އެގޮތައް ކުރުމަށް އެންގެވިއެވެ. އެކަމަކީ ނަޞާރާއިންނާ ވައްތަރުވުމެއް އޭގައި ހުރިކަމަކަށްވާތީ އެކަމާ ވަރަށްބޮޑަށް ހިތްޕުޅާނުވެހުންނަވާ ނުރުހޭ ޙާލުއެވެ.

އެއަށްފަހު ކަންހިނގައިދިޔަގޮތް عبد الله بن زيد بن عبد ربهގެ ޙަދީޘުގައި ވާރިދުވެގެން އަންނަނީ މިފަދައިންނެވެ.

عَبْدُ اللهِ بِنْ زَيْدُ بِنْ عَبْد ربه : لما أجمع رسول الله صلى الله عليه وسلم أن يضرب بالناقوس وهو له كاره لموافقته النصارى طاف بي من الليل طائف وأنا نائم رجل عليه ثوبان أخضران وفي يده ناقوس يحمله قال فقلت : يا عبد الله أتبيع الناقوس ؟ قال وما تصنع به ؟ قال قلت : ندعو به إلى الصلاة . قال : أفلا أدلك على خيرٍ من ذلك فقلت : بلى . قال تقول : الله اكبر …. (إلى نهاية الأذان )… قال : فلما أصبحت أتيت رسول الله صلى الله عليه وسلم فأخبرته بما رأيت فقال : إنها لرؤيا حق إن شاء الله فقم مع بلال فألْقِ عليه ما رأيت فإنه أندى صوتاً منك قال فقمت مع بلال فجعلت ألقيه عليه ويؤذن به قال : فسمع ذلك عمر بن الخطاب رضي الله عنه وهو في بيته فخرج يجرّ رداءه يقول : والذي بعثك بالحق لقد رأيت مثل الذي أُرِي . فقال رسول الله صلى الله عليه وسلم فلله الحمد . رواه أحمد ( 15881 ) والترمذي ( 174 ) وأبو داود ( 421 ) و ( 430 ) وابن ماجه  698 ) .

މާނައީ:- ރަނގަބީލެއް ޖަހައިގެން މީސްތަކުންނަށް ނަމާދައްގޮވުމަށް، ނުރުހުންތެރިކަމާއެކުވެސް އިތުރުނަބިއްޔާ އަހުރެމެންނަށް އަމުރުކޮށްފައިވަނިކޮށް ތިމަންނާއަށް ނިދީގައި ހުވަފެނެއްފެނުނެވެ. އެހުވަފެނުގައި ތިމަންނާއަށްފެނުނީ ފެހިކުލައިގެ ހެދުމެއްގައި ހުރި މީހަކު ރަނގަބީލު ވިއްކަންހުއްޓައެވެ. ތިމަން އެމީހެއްގެ ކައިރިއަށްގޮސް ބުނީމެވެ. އަހަރެންނަށް ތިޔަ ރަނގަބީލު ވިއްކަފާނަމުހެއްޔެވެ؟ ދެން އޭނާއަހަންނާ ސުވާލު ކުރިއެވެ. " ކަލޭ މިރަނގަބީލު ގަނެގެން މިއިން ކުރާނީ ކޮންބޭނުމެއްހެއްޔެވެ؟" ޖަވާބުގައި އަހަރެންބުނީމެވެ. "އަހަރުން ތީގެން މީސްތަކުންނަށް ނަމާދަށް އައުމަށް ގޮވާނީއެވެ." ދެން އޭނާބުންޏެވެ. "ތިޔައްވުރެ ހެޔޮގޮތެއް އަހުރެން ކަލެއަށް ކިޔައިދެންހެއްޔެވެ؟" އަހަރެން އާނއެކޭ ބުނުމުން އޭނާ ބުނީ "(الله أكبر، الله أكبر، الله أكبر، الله أكبر، أشهد أن لا إله إلا الله، أشهد أن لا إله إلا الله، أشهد أن محمدًا رسولُ الله، أشهد أن محمدًا رسولُ الله، حيَّ على الصلاة، حيَّ على الصلاة، حيَّ على الفلاح، حيَّ على الفلاح، الله أكبر، الله أكبر، لا إله إلا الله) މިކަލިމަތަކުން މީސްތަކުންނަށް ނިދާ އިއްވާށެވެ." ދެން ހެނދުނުވުމުން ތިމަނާ ރަސޫލުﷲ صلي الله عليه وسلم ގެ އަރިހަށް އައިސް ހުވަފެނުގެ ވާހަކަ ދެންނެވުމުން، ޙަދީޘްފުޅު ކުރެއްވިއެވެ. ﷲ އިރާދަކުރެއްވީތީ، ތިއީ ޙައްޤު ދެތު ހުވަފެނެކެވެ. ބިލާލުގެފާނައިއެކު ތެދުވެ އޭނާއަށް ތިކަލިމަތަށް ދަސްކޮށްދޭށެވެ. އަމަކަށަވަރުން އޭނާގެ އަޑު ކަލޭގެ އަޑަށްވުރެ ވަރުގަދަވެފައި ޗާލުވާނެއެވެ." ދެން ތިމަންނާ ދެތުވެ ބިލާލުގެފާނަށް އެކަލިމަތަށް ދަންކޮށްދެއްވުމުން އެކަލޭގެފާނު ބަންގި ގޮއްވެވިއެވެ. އަދި އެ ބަންގިގެ އަޑު އިވިވަޑައިގެން ޢުމަރުގެފާނު ގެކޮޅުން ނިކުމެވަޑައިގެން އެކަލޭގެފާނުގެ ރިދާކޮޅު ބިންމަތީގައި ދަންމަވަމުން ކަހަލަގޮތަކަށް އަވަސްއަވަހަށް ވަޑައިގެން ދެންނެވިއެވެ. " ކަލޭގެފާނު ޙައްޤައިގެން ފޮނުއްވެވި މަތިވެރި ފަރާތް ގަންދެއްވަމެވެ. ތިމަންނާއަށްވެސް ދިފަދައިން ރޭގައި ހުވަފެނުން ފެނުނެވެ." ދެން އިތުރު އެކަލޭގެފާނު صلي الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "(الحمد الله).  ހުރިހާ ޙަމްދެއް ހުރީ ﷲއަށެވެ."

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *