ރިޕޯޓް ލޮބުވެތި ބެލެނިވެރިންނޭވެ! ތިޔަބޭފުޅުންގެ ޒިއްމާ ފުރިހަމަ ކުރައްވާށެވެ

ލޮބުވެތި ބެލެނިވެރިންނޭވެ! ތިޔަބޭފުޅުންގެ ޒިއްމާ ފުރިހަމަ ކުރައްވާށެވެ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޖުމާ

އިންސާނާ މިދަނީ ދުވެހެއް ދުވަހަކަށް "ތަރައްޤީ"ވަމުންނެވެ.  މާއްދީ ފިކުރިއްޔާތުގެ އޮއިވަރުގައި ތަރައްޤީވަމުންދާ އޭނާގެ ސިކުނޑި ދަނީ ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކުގެ ޙަޤީޤަތް ހޯދުމުގެމަގަށް އެއިގެ އެންމެ ހަލުވިމިނުގައި މަސައްކަތްކުރަމުންނެވެ. އެމީހަކަށް ތަނަވަސްވީ 'ހަނި' ، 'ފުޅާ' މަގަކުންނެވެ. މި އަދުގެ ޒުވާން ސިކުނޑިއަކީ، މީހަކު ބުނިހާ އެއްޗެއް ޤަބޫލުކޮށްލައިގެން ހިތްހަމަޖައްސާލެވޭފަދަ ސިކުނޑިއެއް ނޫނެވެ. ތަފާތު އެކި އެކި އޮޅުންބޮޅުން ތަކުގެ ތެރެއިން މިނިވަންވާން މަސައްކަތް ކުރާ ސިކުނޑިއެކެވެ.

ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ.  ދުނިޔެ ހުޅުވެމުން ދިޔުމުގެ ނަތީޖާ އެއްގެ ގޮތުންނެވެ. ތަރައްޤީވަމުން އަންނަ ޓެކްނޮލޮޖީއިންނެވެ. މިއަދުގެ މައިންބަފައިންނަކީ މިކަމަށް ލޯހުޅުވިފައިވާ ބަޔަކަށްވާން އެބަޖެހެއެވެ. ހޭލުންތެރިބަޔަކަށް ވާން އެބަޖެހެއެވެ. އަމިއްލަ ދަރިފުޅަށް ތެދުބުނެދޭނެ އެހީތެރިއަކަށް ވާން އެބަޖެހެއެވެ. ހިތާމައަކީ ޙައްޤު ތެދުބުނެދޭނެ މައިންބަފައިން ނިސްބަތުންމަދުކަމެވެ. ރަނގަޅު ހަމަތަކަކާއި، އޭނާގެ އޮޅުން އަރަމުންދާ ބުއްދިއަށް ސާފުވާފަދަ ހަމަތައް ބުނެދެވޭނެ މީހަކު ނުވާކަމެވެ. ރަނގަޅު ޖަވާބު ބުނެދޭނެ މީހަކު ނެތި ހެޔޮމަގަށް އަޅުވަން މަސައްކަތް ކޮށްދޭނެ މީހަކުނެތި އަމިއްލައަށް ބޭނުންވާ ގޮތެއް އިޚްތިޔާރު ކުރުމަށް ޅަ ސިކުނޑިތައް މިވަނީ "މިނިވަން"ކޮށްލާފައެވެ.

ޒަމާނީ މައިންބަފައިންނަކީ ދުނިޔަވީ މަސައްކަތުގައި އަވަދިނެތިއުޅޭ "ބިޒީ" ބައެކެވެ. ދަރިފުޅުގެ ތަރުބަވީ ޒިއްމާ އުފުލަނީ ކޮންމެވެސް ބިދޭސީ ކާފަރެކެވެ. އަތުގައި ފައިސާ ހުރީތީ ތަފާތު ޓިއުޝަންތަކަށް ފޮނުވައިގެން ޢިލްމް އުގަންނައިދިނުމަށް ބުރަ މަސައްކަތްކުރެއެވެ. އެހެންނަމަވެސް ޓިއުޝަނުގައި ކުރަނީ ކީއްތޯ ބަލައެއް ނުލެވެއެވެ. މުދައްރިސާއި ބައްދަލުކުރަމަށް ދާނެ ވަގުތެއްނޯވެއެވެ. އެކުގައި އުޅެނީ ކޮންބައެއް ކަމެއް ރަޙްމަތްތެރިންނަކީ ކޮބައިކަމެއް ވެސް ބަލައެއް ނުލެވެއެވެ. ޒަމާނަކުން ދުވަހެއްގައި ބާއްވާ ބައްދަލުވުމަކަށް ނަލަހެދިގެން ފޮނިވެލާފައިދެވެއެވެ. މިއީ އަމިއްލަދަރިފުޅުގެ މުސްތަޤްބަލަށްޓަކައި ޢަމަލީގޮތުން ބައިވެރިވެވޭ ހަމައެކަނި ފުރުސަތުކަމާއި މެދު ވިސްނައެއް ނުލެވެއެވެ. އެވަގުތު ކޮޅުގެ ބޭނުންވެސް ހިފެނީ ނަހަމަ ގޮތުގައެވެ. ޙަޤީޤަތްހާމަކޮށްދޭ މުދައްރިސް ކުށްވެރިކޮށް ދިފާޢުކުރެވެނީ ތިމާގެ ޒިއްމާއިން އިހްމާލްކުރެވެމުންދާ ދަރިފުޅެވެ. މިކުރެވެނީ ކޮންކަމެއް ކަންވެސް ނޭގޭ ހާލްއެވެ. އަމިއްލައަތުން އަނބުރާލެވެނީ ދެލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅުގެ މުސްތަޤްބަލްކަމެއްވެސް ނޭގި ހުރެއެވެ. މިދައްކާލެވުނީ، މިއަޅާލެވުނީ ކަތި ފިޔަވަޅެއްކަންވެސް ނޭގި ހުރެއެވެ.

ލޮބުވެތި ބެލެނިވެރިންނޭވެ! އަދަބު އަޚްލާޤާއި ރިވެތި ސުލޫކަކީ ނޫ ނުވަތަ ފެހި ޤާނޫނަކުން  ހޯދައިދޭންޖެހޭ އެއްޗެއް ނޫނެވެ. ޤަދަރާއި އިޚްތިރާމަކީވެސް ކޯޓު ޙުކުމަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ޣައުލަބިއްޔަތުން ހޯދައިދޭންޖެހޭނެ އެއްޗެއް ނޫނެވެ. މިއިންކޮންމެ ކަމަކީ ވެސް އެމީހެއްގެ ޢަމަލެވެ. ޢަމަލް އިސްލާޚް ކޮށްގެން ބަހުގައި ތެދުވެރިވެވިގެން އެމީހަކު އަމިއްލައަށް ހޯދައިގަނެވޭނެ އެއްޗެކެވެ. އެހެންކަމުން މިއީ މިއަދު ތިޔަބޭފުޅުންގެ ޒިއްމާއެކެވެ. އަމިއްލަނަފްސު އިސްލާހްކޮށް އިސްލާމީ ރިވެތި ތަރުބިއްޔަތުގެ އަލީގައި ރަގަޅު ޢާއިލާއެއް ބިނާ ކުރުމަށް މަސައްކަތް ކޮށްދެއްވާށެވެ. ތަރުބަވީ ޒިއްމާއިން ބަރީޣަވެ ޢަދުލު އިންޞާފް ޤާއިމް ކުރުމުގެ ދާއިރާއަށް އިނގިލިދިއް ނުކުރައްވާށެވެ.  ޢަދުލްއިންޞާފް ޤާއިމް ކުރުމުގެ ބާރަކީ ޤާނޫން އަސާސީ ނަގަހައްޓައި ޤާނޫން އަސާސީ ބާރުވެރި ކުރަންޖެހޭ ފަރާތެވެ. ތަރުބިއްޔަތު ކުރުމުގެ މަރުހަލާ އޮތީ ތިޔަބޭފުޅުންގެ އަތްޕުޅުގައެވެ. ނިކަން މާޒީ އަށް ވިސްނަވާލަ ބައްލަވާށެވެ. އަމިއްލަމައިންބަފައިން ނުވަތަ ކާބަފައިން ދަރިންގެ ތަރުބިއްޔަތަށް ދީފައިވާ އަހައްމިއްޔަތަށް ވިސްނަވާލަބައްލަވާށެވެ. ތިޔަބޭފުޅުން ތުއްޕުޅުއިރު މައިންބަފައިން ދެއްވި ތަރުބިއްޔަތާއި އެއްހަމައެއްގައި އެއިގެ ކަންފުޅެއްވެސް އަމިއްލަ ދަރިފުޅަށްދެވުނުތޯ އަމިއްލަ ނަފްސާއި ސުވާލުކުރައްވާށެވެ. ދަރިފުޅުދެކެ ލޯބިވުމަކީ އޭނައަށް ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދައިދެވުމެވެ. މިއީކީ އެއް ދެބަސްވެރިވުމެއް ބަހުސްކުރުމެއް ވެސް އޮތް ކަމެއްނޫނެވެ. ފިޠުރަތުގެ ސާފްކަންމަތީ އެއްވެސް ކުށެއްނެތި މިދުނިޔެއަށް އުފަންވާ އެ ތުއްތު ދަރިފުޅު މަޖޫސީއަކަށް ނުވަތަ ނަޞާރާ އަކަށްވެސް ހަދަނީ މައިންބަފައިން އެ ކުއްޖަކަށްދައްކާ ނަމޫނާއިންނެވެ. ދެވޭ ތަރުބިއްޔަތުންނެވެ. މިކަމާއި މެދު ފުންކޮށް ވިސްނަވާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.