ރާއްޖޭގެ ޚަބަރު

މަރުގެ އަދަބު ދިނުން އުވާލެވޭނީ ދިވެހި ރައްޔިތުން އެގޮތް ބޭނުން ވާނަމަ: އޭޖީ

މަރުގެ އަދަބު ދިނުން އުވާލެވޭނީ ދިވެހި ރައްޔިތުން އެގޮތް ބޭނުންވާ ނަމަ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ ތަޤްރީރު ކުރައްވަމުން އޭޖީ ރިފްއަތު ވިދާޅުވީ، މަރުގެ އަދަބު އުވާލުމަށް ޤައުމުތަކުން ގޮވާލާ ކަމަށެވެ.

އެހެން ނަމަވެސް މިހާރު ހުރި ޤާނޫނުތަކަށް ރައްޔިތުންގެ މަޖިލީހުން ބަދަލު ނުގެނެސް މަރުގެ އަދަބު އުވާނުލެވޭނެ ކަމަށެވެ. އަދި އެކަމުގައި ރައްޔިތުން ދެކޭގޮތް ނުބަލައި އެގޮތަށް ނިންމެން ނުއޮންނާނެ ކަމަށް އޭޖީ ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ ހަމައެއާއެކު މަރުގެ އަދަބު އުވާލުމަށް ކުރާ ކޮންމެ ކަމަކީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި އެއްގޮތަށް، ރައްޔިތުން ބޭނުންވާ ގޮތަށް ކުރާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގައި މަރުގެ އަދަބު ދިނުން މަޑުޖައްސާފައި އޮތް އޮތުން ދަމަހައްޓާނެކަމުގެ ޔަގީންކަން އޭޖީ ވަނީ ދެއްވައިފައެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 67 އަހަރު ކުރިންނެވެ.

އޭޖީ ވިދާޅުވީ މަރުގެ އަދަބު ދިނުމަށްވުރެ ރާއްޖެއަށް މުހިންމީ، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުން ކަމަށެވެ.

މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރުގެ ޑްރާފްޓަށް ރާއްޖެ އިން ވަނީ އާނ ބަސް ބުނެފައެވެ.

މިހާރު ކުރިއަށްދާ ޔޫޕީއާރް ސައިކަލްގައި ގިނަ ޤައުމުތަކުން ވަނީ ރާއްޖެއިން އެ މޮރެޓޯރިއަމް ދެމެހެއްޓުމަށް އެދިފައެވެ.

ރާއްޖޭގައި މަރުގެ އަދަބުދިނުން ހުއްޓަލާފައި އޮންނަތާ އެތައް އަހަރެއް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަނީ މަރުގެ އަދަބުދޭން ނިންމައި އެކަން އިޢްލާން ކުރައްވައިފައެވެ. ނަމަވެސް އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު ވެސް އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ.

މަރުގެ ބައެއް މައްސަލަތަކުގައި މަރަށް މަރުހިފަން ނިންމައި ހުކުމްކޮށްފައި ތިބި މީހުން ރާއްޖޭގެ ޖަލުތަކުގައި ވެސް އެބަތިއްބެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *