އިސްލާމްދީނުގައި ﷲ ތަޢާލާ ވަނީ ޢަދުލު އިންސާފުގެ ހަަމަތަކާއި އުޞޫލުތައް ބަޔާން ކޮށްދެއްވާފައިކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝެއިޚް ސަމީރު މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް ސަމީރު މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އިސްލާޙު ކުރުމުގެ ނަމުގައި އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ވާހަކަ ދައްކައެވެ. އެގޮތުން އަޅުގަނޑުމެންނަކީ އިޞްލާޙް ކުރާ ބައެކޭ، އަޅުގަނޑުމެންނަކީ ހެވާ ލާބައަށް މަސައްކަތް ކުރާ ބައެކޭ، އަޅުގަނޑުމެންނަކީ ހުރިހާ ގޮތަކުންވެސް އެންމެ ރައްކައުތެރި ކަމަށް މަސައްކަތް ކުރާ ބައެކޭ ބުނަމުން ދެއެވެ.
އަދި ހަމަ އެހެންމެ މުޖުތަމަޢުގެ އެކުވެރިކަމާއި، އިންސާފު ޤާއިމުކުރުމަށްޓަކައި ހަމަ ހަމަ ކަމާއި އިޖުތިމާޢީ އަދާލަތު ޤާއިމު ކުރުމަށްޓަކައި، މިނޫންވެސް ވަރަށް ބައިވަރު، ވަރަށް ރިތި ޝަރުޠުތައް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ބޭފުޅުން އެބަ ދައްކަވާކަމެވެ. ނަމަވެސް އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ ޙަޤީޤަތަކީ އެއީ ޢަދުލު އިންސާފު ކަމުގައި ވިޔަސް އަދި ތަރައްޤީ އާއި ތަހުޒީބު ކަމުގައި ވިޔަސް އަދި އަޅުގަނޑުމެންގެ މުޖުތަމަޢަށް ލާބައާއި މަންފާ ކަމުގައި ވިޔަސް މިއިން ކޮންމެ ކަމަކީ ވެސް އިސްލާމްދީނުގައި ﷲ ތަޢާލާ ފުރިހަމަ ކޮށްދެއްވާފައި ހުރި ކަންކަމެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ މި ޙައްލުތައް ބަޔާންކޮށްދެއްވާފައި ވާއިރުގައި ޙައްލުތައް ހުރިގޮތަށް ބެހެއްޓުމަށްފަހު އެޙައްލުތަކުން މޫނު އަބުރާލައި އެއީ އަމިއްލަ އަށް ހަދަ ހަދައިގެން ގެންނަ އެއްޗެހި ކަމެވެ. އެހެންކަމުން މީސްމީހުންގެ ބޭރުފުށުން މި ފެންނަ ޢަލާމާތްތަކުން އަޅުގަނޑުމެންނަށް، ކީރިތި ޤުރުއާނުގައި ބަޔާން ކޮށްދެއްވާފައިވާ މުނާފިޤުންގެ އެތައް ބައިވަރު ޞިފަތަކެއް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އެކި އެކި ފަރާތްތަކުގެ ބަހާއި ޢަމަލުން ފާހަގަކުރެވޭކަން އެނގިގެންދެއެވެ.
ޚިޔާލު