ރާއްޖޭގެ ޚަބަރު

"ރެއިޒް" ގެ ނަމުގައި މަހަލްދީބުން އެއްމަސް ދުވަހުގެ ކޯހެއް ބާއްވަނީ

"ރެއިޒް"ގެ ނަމުގައި ދަރިން ތަރުބިއްޔަތު ކުރުމާއި ބެހޭ އެއްމަސް ދުވަހުގެ ކޯހެއް މަހަލްދީބް ފައުންޑޭޝަނުން ބާއްވަން ނިންމައިފިއެވެ.

2016ވަނަ އަހަރުން ފެށިގެން ދަރިން ތަރުބިއްޔަތު ކުރުމާއި ބެހޭ ވޯކްޝޮޕްތަށް މަހަލްދީބް ފައުންޑޭޝަނުން އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިހާތަނަށް ކުރިއަށް ގެންދެވުނު ވޯކްޝޮޕް ތަކާއި އެކު ލިބިފައިވާ ތަޖުރިބާއާއި އެކު މިހާރު އެފައުންޑޭޝަނުން މިވަނީ ދަރިން ތަރުބިއްޔަތު ކުރުމުގެ ގޮތްތަކާއި އުޞޫލުތަކާއި ގުޅޭ އެއްމަސް ދުވަހުގެ ކޯހެއް ހިންގުމަށް ނިންމަވައިފައެވެ.

ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭ ގޮތުން މަހަލްދީބުން ކުރިއަށް ގެންދިޔަ ވޯކްޝޯޕް ތަކުގައި މަޢުލޫމާތު ދެއްވަވާފައިވަނީ އަލްއުސްތާޛް މުޙައްމްދު އަނީލްއެވެ. މިހާތަނަށް އަނީލް 100އެއްހާ ސެޝަން ދަރިން ތަރުބިއްޔަތު ކުރުމާއި ބެހޭ ގޮތުން ނަންގަވައި ދެއްވައި ފައިވެއެވެ.

އެއްމަސް ދުވަހަށް ބޭއްވޭ މިކޯހަގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ތަރުބިއްޔަތު ބޭނުން ކުރާނެ ތަފާތު އުކުޅު ތަކެވެ. އޭގެ ތެރޭގައި ދެމަފިރިންގެ ގުޅުމާއި ހައްޤުތަކާއި، ތަރުބިއްޔަތަކީ ކޯއްޗެއްކަން ބުނެދިނުމާއި، އެކި ޢުމުރުފުރައިގެ ކުދިން ޙާއްސަކޮށް ފުރާވަރުގެ ކުދިން ތަރުބިއްޔަތު ކުރާނެ ގޮތާއި، ޕޮޒިޓިވް ޕޭރެންޓިންގް އާއި އިންޓަރނެޓް ސޭފްޓީއާއި އިންޓަރނެޓަކީ ކުދިންނަށް އަމާން މާޙައުލަކަށް ހެދުމަށްޓަކައި ޢަމަލީގޮތުން ކުރެވިދާނެ ކަންކަމާއި ކުދިންނާއި މުޢާމަލާތު ކުރާނެ ގޮތާއި ކުދިންގެ ތަރުބިއްޔަކުރުމަށް ހުރި ގޮންޖެހުންތަކާއި އެކަމުގައި ޢާންމުކޮށް ހެދޭ ގޯސްތަކާއި ސްކްރީން ޓައިމް މަދުކުރާނެ ގޮތްތަކާއި ތަރުބިއްޔަތު ކުރުމުގައި ރަސޫލާ ގެންގުޅުއްވި އުސްލޫބުތަކާއި އަނިޔާގެ ވަކިތަކުން ދަރިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަމެވެ.

 

މިކޯސް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ހަފްތާއަކު 3ދުވަހު ކިޔަވައިދޭގޮތަށް އެއްމަސްދުވަހަށެވެ. ކޯހުގެ ފީއެއްގެ ގޮތުގައި 975ރުފިޔާ ހަމަޖެހިފައި ވާއިރު މިކޯހުގައި ބައިވެރި ވުމަށް ޝައުޤުވެރިވާ ބޭފުޅުން އޮންލައިންކޮށް ފޯމް ހުށައުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލައިފައެވެ.

http://bit.ly/raiseonlinecourse

މަތީގައިވާ ވެބްސައިޓުން ކޯހަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ކޯހުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާޅެވިފައިވާ މުއްދަތުގައި ތަފާތުއެކި ޑިސްކައުންޓްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، 3 މީހުނަށްވުރެ ގިނަ މީހުން އެއްފަހަރާ ރެޖިސްޓަރ ކުރައްވާނަމަ ނުވަތަ ދެމަފިރިން އެއްކޮށް ރެޖިސްޓަރ ކުރައްވާނަމަ 10% ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޯހުގައި ރެޖިސްޓަރ ކުރުމުގެ ފުރުޞަތު އޮކްޓޯބަރ 13އަށް ހަމަވާއިރު އޮކްޓޯބަރ 16ވަނަ ދުވަހު ކިޔެވުން ފެށުމަށް މަހަލްދީބް ފައުންޑޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *