ހަރުކަށިފިކުރު މިއަދު މާނަކުރަނީ އިސްލާމްދީނުގެ ޢަދާވާތްތެރީން ބޭނުންވާ މަފްހޫމަކަށް ކަމަށް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ އިސްލާމީ ވެށި ދަރުސް ސިލްސިލާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މިމަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ތަފާތު އެކި އެކި ބޭނުމުގައި ދީނީ ޢިލްމަށް ނިސްބަތްވާ އެކި އެކި މީހުން އެއީ ހަރުކަށި ބައެއް ކަމަށް ލޭބަލް ކުރާކަމަށެވެ. އަޅުގަނޑުމެން މުޖުތަމަޢުގައި ވެސް އެފަދަ ވާހަކަތައް ގޮވާ މީހުން އެބަތިބި ކަމަށެވެ. އެހެންކަމުން އަސްލު ހަރުކަށިކަމާއި މެދުމިނުގެ ފިކުރު އަދި ހަރުކަށިނޫން ފިކުރަކީ ކޮބައިކަން މީސްތަކުންނަށް ބުނެދޭން ޖެހޭކަމަށެވެ.
މީގެ އިތުރުން އިސްލާމީ ޤައުމުތަކުގައި އިސްލާމީ ވެއްޓެއްގައި އޭގެ މަފްހޫމު އޮޅުވާލުމަށްޓަކައި މީހުންގެ ތަފާތު އެކި އެކި ޕްލޭންތައް ތަންފީޒްކުރެއެވެ. އަސްލު ޙަޤީޤަތުގައި މުސްލިމަކު ނުވަތަ އިންސާނަކު ބިމުގައި ދިރިއުޅެން، އޭނާގެ ޙަޔާތް އާރާސްތު ކުރަންވީގޮތް، އުޅެންވީ މަންހައްޖު ކަނޑައަޅުއްވާފައި ވަނީ އޭނާގެ ވެރި ރައްބު ﷲ ސުބްހާނަހޫ ވަތަޢާލާކަމެވެ.
އަދި ހަމަ އެހެންމެ އިންސާނުންނަކީ ﷲ ތަޢާލާ ޚަލްޤު ކުރެއްވި މަޚްލޫޤުންގެ ތެރެއިން ޝަރަފްވެރި ކުރައްވާ ތަކްލީފް ޙަވާލް ކުރައްވާފައިވާ މަޚްލޫޤެކެވެ. އެހެންކަމުން އެއީ ޠަބީޢީ ގޮތުންނޭ ކިޔާ އެކި ފަހަރު އެކި ދުނިޔޭގެ ތިޔަރީތަކަށް ފިޓުކޮށްގެން ބަލަން ވެއްޖެނަމަ އެކަންކަން ދެކޮޅު ނުޖެހޭނެއެވެ. އަދި އިސްލާމް ދީނުގެ މިންގަނޑު އަޅުގަނޑުމެން ހުރިހާ ކަމެއްވެސް ހިމަނަން ޖެހެއެވެ. އެހެންނޫންނަމަ، ދީނީ މިންގަނޑުން ބޭރުވެއްޖެނަމަ ދާނީ ނުބައި މަގުންނެވެ.
ﷲ ތަޢާލާ ލައްވަވާފައިވާ މެދުމިން މި އުއްމަތަކީ މީސްތަކުންނަށް އެންމެ ހެޔޮ އުއްމަތް ކަމަށް މުފައްސިރުން ބަޔާން ކުރައްވައެވެ. އަދި ﷲ ތަޢާލާ ވަނީ ޙަލާލާއި ޙަރާމް ދީނުގައި ބަޔާން ކުރައްވާފައެވެ. އެހެންކަމުން އަޅުގަނޑުމެން އަމިއްލައަށް ދީނުގެ ކަންކަން ހުއްދަކޮށް ކަންކަން މަނާކޮށް ހަދާނަމަ އެކަން ދެކޮޅު ނުޖެހޭނެކަމަށެވެ. އަދި ހަރުކަށިކަމާއި މަޑުކަށިކަންވެސް ބަލަނީ އިސްލާމްދީނުގެ މިންގަނޑަށް ބަލައިގެންކަމެވެ.
ޚިޔާލު