ބެލެނިވެރިންނަށް ޚާއްޞަ ކުރެވިގެން، ރައްކާތެރިކަމާއިއެކު ދަރިން އިންޓަނެޓު ބޭނުންކުރުމާއި ބެހޭ ވެބިނާރެއް ބޭއްވުމަށް ނިންމަވައިފިއެވެ.
"ތިބާގެ ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ރައްކާތެރި ގޮތުގައިކަން ޔަޤީންތޯ" މިޝިޢާރުގެ ދަށުން ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ މިވެބިނާރ އިންތިޒާމު ކުރައްވާފައިވަނީ މަޙަލްދީބު ފައުންޑޭޝަންގެ ފަރާތުންނެވެ. މިގޮތުން މިވެބިނާރުގައި، ދަރިން އިންޓަރނެޓް ބޭނުންކުރަނީ ރައްކާތެރިގޮތުގައި ކަން ކަށަވަރުކުރުމުގެ މުހިއްމު ކަމާއި، އިންޓަރނެޓުން ކުދިންނަށް ފޯރާފާނެ ނޭދެވޭ އަސަރުތަކަށާއި، އިންޓަނެޓުގައި ތުއްތު ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގޭ ބައެއް ނޭދެވޭ ޙަރަކާތްތަކުގެ މަޢުލޫމާތު ދެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދަރިން އިންޓަނެޓް ބޭނުންކުރަނީ ރައްކާތެރި ގޮތުގައި ކަން ކަށަވަރުކުރުމަށް ބޭނުންކުރެވިދާނެ ބައެއް "ޓޫލް" ތަކާއި ބެހޭ މަޢުލޫމާތު ދެވޭނެކަމަށްވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.
އެއްވެސް ފީއަކާއި ނުލާ، މުޅިން ހިލޭ މަޙަލްދީބު ފައުންޑޭޝަނުން ކުރިއަށް ގެންދަވާ މިމަޢޫލޫމާތު ދިނުމުގެ ސެޝަން ބޭއްވެވުމަށް ހަމަޖައްސަވާފައިވަނީ މިހަފްތާގެ 25 ސެޕްޓެމްބަރު ވާ ހުކުރު ދުވަހު ރޭގަނޑު 20:45 އަކުން 23:00 އަށެވެ. އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވާ މިވެބިނާރުގައި ނަންނޯޓު ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މިވެބިނާރުގައި ރަޖިސްޓްރީ ކުރެއްވުމަށް ހަމަޖެހިފައިވަނީ މަޙަލްދީބު ފައުންޑޭޝަންގެ ފޭސްބުކް ޞަފްޙާއިގައިވާ ގޫގުލް ފޯރމް ލިންކު މެދުވެރިކޮށެވެ.
މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީއިން އިސްލާމީ ޝަރީޢަތުން ބެޗްލާރސް ޑިގްރީ ޙާޞިލު ކުރައްވާ، އަދި ދަރިން ތަރުބިއްޔަތު ކުރުމާއި ބެހޭ ގޮތުން 100 އަށްވުރެ ގިނަ ސެޝަން ނަންގަވާދެއްވާފައިވާ އައްޝައިޚު މުޙައްމަދު އަނީލާއި، ނެޓްވަރކިް ކޮމްޕިއުޓިންގގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރައްވާފައިވާ، އެމްއާރްއީއައިސީގެ ޖެނެރަލް މެނޭޖަރު އަޙްމަދު ނަސީމެވެ.

















ޚިޔާލު