އަރަބިދުނިޔެދުނިޔެ

މަޝްހޫރު ޤާރީ އައްޝައިޚު ޢަބްދު ﷲ ބަޞްފަރާއި އައްޝައިޚު ސުޢޫދު އަލްފުނައިސާން ހައްޔަރުކޮށްފި

Mashooru Qari Abdhullah Basfaraai Sheikh Saud AlFunaisaan Hayyaru Koffi

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން މަޝްހޫރު ޤާރީ އައްޝައިޚު ޢަބްދު ﷲ ބަޞްފަރާއި ފަޟީލަތުއްޝައިޚު އައްދުކްތޫރު އަލްފުނައިސާން ހައްޔަރުކޮށްފިއެވެ.

މިކަން މިދިޔަ ހުކުރު ދުވަހު އިޢުލާން ކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދީނީ އަދި ސިޔާސީ ސަބަބުތަކާއިހުރެ ހައްޔަރު ކުރާ ޤައިދީން ޑޮކިޔުމަންޓު ކުރަމުންދާ ބައެއްކަމުގައިވާ މުޢުތަޤިލީ އައްރައުޔި (ނުވަތަ ޕްރިޒަނާރޒް އޮފް ކޮންޝައިންސް ސަޢުދޫ ޢަރަބިއްޔާ) ގެ ފަރާތުންނެވެ.

މުޢޫތަޤިލީ އައްރައުޔިން މަޢުލޫމާތު ދީފައިވާ ގޮތުގައި އައްޝައިޚު ދުކްތޫރު އަލްޤާރީ ބަޞްފަރު ހައްޔަރުކޯށްފައިވަނީ މިދިޔަ އޯގަސްޓު މަހުއެވެ. އައްޝައިޚު އައްދުކްތޫރު ސުޢޫދު އަލްފުނައިސާން މިއަހަރުގެ މާރޗު މަހުން ފެށިގެން ހައްޔަރު ކުރެވިފައިވާ ބޭފުޅެކެވެ. އެހެނަސް ޝައިޚު ހައްޔަރުކޮށްފައިވާކަން ޢާއްމުވެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ފަޟީލަތުއްޝައިޚު އައްދުކްތޫރު އަލްޤާރީ ޢަބްދު ﷲ ބަޞްފަރަކީ ޖިއްދާގެ ޖާމިޢަތު މަލިކު ޢަބްދުލްޢަޒީޒުގެ، ކުއްލިއްޔަތުއް ޝަރީޢާ ވައްދިރާސާތިލް އިސްލާމިއްޔާގެ އެސޯޝިއޭޓު ޕްރޮފެސަރެކެވެ. އަދި ޝައިޚަކީ  ހައިއަތުލް ޢާލަމިއްޔާ ލިލް ކިތާބި ވައްސުންނާގެ ކުރީގެ އަމީނު ޢާއްމުވެސް މެއެވެ. ޑރ ބަޞްފަރަކީ ދީނީ އެކިއެކި މަޢުޟޫޢުތަކަށް ފޮތްތައް އެކުލަވާލައްވާފައިވާ ބޭކަލެއްވެސްމެއެވެ. މިގޮތުން ޝައިޚުގެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި އައްތަޖްވީދު އަލްމުޔައްސަރު (ފަސޭހަ ތަޖުވީދު)، ލަމަޙާތު މިން ސީރަތިއް ޞިއްދީޤި (އަބޫ ބަކުރު އައްޞިއްދީޤުގެ ސީޔަރަތަށް ނަޡަރު ހިންގާލުމެއް)، އަދި ތައައްމުލާތު ފީ ސޫރަތިލް ފާތިޙާ (ފާތިޙާ ސޫރަތަށް ވިސްނާލުމެއް)، ތައައްމުލާތު ފީ ސޫރަތިލް ކަހުފް (ސޫރަތުލް ކަހުފަށް ވިސްނާލުމެއް)، އަދި ޢިބަރު ވަދަލާލާތު މިން އަޙްދާޘިއް ސިޔަރަތިއް ނަބަވިއްޔާ؛ އަލްޢަހްދުލް މައްކީ (ނަބަވީ ސިޔަރަތުގައި ހިނގައިދިޔަ ޙާދިޘާތަކުން ލިބޭ ފިލާވަޅުތަކާއި ޢިބްރަތްތައް؛ މައްކީ ދައުރު) މިފަދަ އަގުހުރި ފޮތްތައް ހިމެނެއެވެ.

އައްޝައިޚު އަލްއުސްތާޛު އައްދުކްތޫރު ސުޢޫދު އަލްފުނައިސާނަކީ ރިޔާޟުގެ ޖާމިޢަތުލް އިމާމުގެ، ކުއްލިއްޔަތުއް ޝަރީޢާގެ ކުރީގެ ޑީނެވެ. ޝައިޚުގެ ޙަޔާތްޕުޅުގައި ދީން ފެތުރުއްވުމަށްޓަކައި ދަޢުވަތުގެ އެތަކެއް މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. މީގެ އިތުރުން ދީނީ އެކި މައުޟޫޢުތަކަށް ޝައިޚު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި ޒަކާތުގެ ބެހެނިވެރިންގެ ތެރެއިން ފީ ސަބީލި ﷲ (ﷲ ގެ މަގުގައި ހޭދަ ކުރާ ބައި) މިކަމާއި ގުޅޭ ޒަމާނީ ޙުކުމްތައް ބަޔާން ކުރައްވާ ލިޔުއްވާފައިވާ ފޮތަކާއި، މުފައްސިރުން އިޚްތިލާފުވެވަޑައިގެންފައިވާ ކަންކަމާއި، އެކަމުގެ ސަބަބުތަކާއި އަޘަރުތަކާއި ގުޅޭ ފޮތަކާއި، އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ އަރިހުން ރިވާވެފައިވާ ތަފްސީރީ ރިވާޔަތްތައް ޖަމާކުރައްވާފައިވާ ފޮތެއް ހިމެނެއެވެ.

ސަޢުދީ ޢަރަބިއްޔާގައި މީގެ ކުރިންވެސް ވަނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިން ހައްޔަރު ކުރެވިފައެވެ. މިގޮތުން 2017 ވަނަ އަހަރު ހައްޔަރު ކުރެވުނު ސަޢުދީ ޢަރަބިއްޔާގެ މަޝްހޫރު ދުކްތޫރު ސަލްމާނުލް ޢައުދާގެ ދަރިކަލުން ޢަބްދު ﷲ އަލްޢައުދާ މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ބައްޕާފުޅަށް އަނިޔާކުރެވި، ބޭސް ފަރުވާއިންނާއި، ނިދިން މަޙްރޫމު ކޮށްފައިވެއެވެ. މިގޮތުން ޝައިޚުގެ އަތާއި ފައި އައްސާ، ކަނުބަނުމަށްފަހު، އެކަހެރިކުރެވި، ޝައިޚާއި ދިމާއަށް ކާބޯތަކެތި އަޅާފައިވާ ކޮތަޅު ޝައިޚާއި ދިމާއަށް އުކާ، ދަތުން އެކޮތަޅުތައް ހުޅުވުމަށް މަޖުބޫރު ކޮށްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *