އަލްއަޤްޞާ މިސްކިތް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ދީނީ ވާޖިބެއްކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު މިހެން ވިދާޅުވެފައިވަނީ ފަލަސްޠީނުގެ މައްސަލައާއި ގުޅިގެން ޤުދުސްގައި "ވިތު ޕީސް އެގެއިންސްޓު ދި އޮކިއުޕޭޝަން" (ޞުލްޙަވެރިކަމާއިއެކު އިސްތިޢުމާރާއި އިދިކޮޅަށް) މިނަމުގައި ބޭއްވުނު ކޮންފަރަންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖެ ތަމްސީލު ކުރެއްވުމަށް، ޑރ އަޙްމަދު ޒާހިރު ބައިވެރިވެ ވަޑައިގެންފައިވާ ކޮންފަރެންސަކީ، އިސްރާއީލުގެ ސަރުކާރުން، ފަލަސްޠިނުގެ ބިންތައް ރަސްމީކޮށް ވެރިކުރުމަށް މަސައްކަތް ކުރަމުންދާތީ، އެކަމާއި މެދު މީސްތަކުން ހޭލުންތެރި ކުރުވުމުގެ ގޮތުން މަޝްވަރާ ކުރެއްވުމަށް، ޖޫން މަހުގެ 29 ވަނަ ދުވަހު ބާއްވަވާފައިވާ ކޮންފަރެންސެކެވެ. އަދި ހަމަމިއާއި އެކު، އަލްމަސްޖިދުލް އަޤްޞާ ޙިމާޔަތްކޮށް، ފަލަސްޠީނުގައި އަމަންއަމާންކަމާއި، ޞުލްޙަވެރިކަން ޤާއިމުކުރުމާއިމެދު މަޝްވަރާ ކުރެއްވުމަކީވެސް މިބައްދަލުވުމުގެ ލަނޑުދަނޑިތަކުގެ ތެރެއިން ލަނޑުދަނޑިއެކެވެ.
ޑރ ޒާހިރު މިކޮންފަރަންސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި ފަލަސްޠިނުގެ މައްސަލައަކީ ދީނާއި ޢަޤީދާ އާއި ގުޅިފައިވާ މައްސަލައެކެވެ. އަދި މުސްލިމުންގެ އެއްމެ ފުރަތަމަ ޤިބްލަ ކަމަށްވާ އަލްމަސްޖިދުލް އަޤްޞާ އަކީ ޤުދުސްގެ މާތް ބިމުގައިވާ ތަނެއްކަމުން އެތަން ޙިމާޔަތް ކުރުމަކީވެސް މުސްލިމުންގެ ދީނީ ވާޖިބެއްކަމަށްވެސް ޑރ ޒާހިރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޑރ ޒާހިރު ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖެއަކީ އެއްމެ ކުރީއްސުރެންވެސް، ފަލަސްޠީނުގެ ބިންތަކަށް ގަދަވެގެންފައިވާ ޔަހޫދީން، މުސްލިމުންނަށް ކުރަމުން ގެންދާ އަނިޔާ އާއި އިދިކޮޅަށް އަޑުއުފުލަމުންދާ ބައެކެވެ. އަދި ހަމަ އެފަދައިން ދިވެހިން އަބަދުވެސް ދެމިތިބޭނީ (އިރާދަކުރެއްވިއްޔާ) އެގޮތުގެ މަތީގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...