އަރަބިދުނިޔެދުނިޔެ

ފަލަސްޠީނުގެ ރައްޔިތަކު އޭނާގެ އުޚްތުގެ ކައިވެންޏަށް ދިޔަ މަގުމަތީގައި އަވަހާރަކޮށްލައިފި

Falastheenuge rayyithaku Eynage Ukhthuge Kaivenyah Dhiya Magumathyga Avahaara Kohlaifi

އިސްރާއީލު ސިފައިން، ފަލަސްޠީނުގެ ރައްޔިތަކު އޭނާގެ އުޚްތުގެ ކައިވެންޏަށް ދިޔަ މަގުމަތީގައި އަވަހާރަ ކޮށްލައިފިއެވެ.

ޢުމުރުން އެއްމެ 27 އަހަރުގެ ފަލަސްޠީނުގެ މުވާޠިނެއް ކަމުގައިވާ އަޙްމަދު ޢަރީޤާޠު، މިދިޔަ ބުދަ ދުވަހު އަވަހާރަ ކޮށްލާފައިވަނީ، އޭނާގެ އުޚްތާއި، އޭނާގެ މަންމަ ބަލާ ދިޔަ މަގުމަތީގައިވާ އިސްރާއީލުގެ ޗެކްޕޮއިންޓަކާއި ދިމާލުން ދުއްވާފައި ވަޑައިގަންނަވަނިކޮށެވެ.

ޢަރީޤާތުގެ ގެކޮޅު ހުންނަ ރަށް ކަމުގައިވާ އިރުމަތީ އަލްޤުދުސްގެ أبو ديس އާއި، ބައިތު ލަޙްމުގެ މެދުގައިވާ ވާދީ އައްނާރު (އަލިފާނުގެ ވާދީ) އަކީ އިސްރާއީލުގެ ޢަސްކަރީ އެއް ޗެކްޕޮއިންޓް ހުންނަ ސަރަޙައްދެކެވެ. މިސަރަޙައްދަށް އަލިފާނުގެ ވާދީ މިނަން ދެވިފައި ވަނީވެސް، އޭނާ ދަތުރު ކުރަމުން ދިޔަ މަގު އަޑިގުޑަންކޮށް ވަރަށް ދުރަށް، ކުއްލިއަކަށް ތިރިއަށްދާ ފަދަ ގޮތަކަށް އޮންނާތީއެވެ.

އިސްރާއީލު ސިފައިން ބުނާ ގޮތުގައި ޢަރީޤާތު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ކާރު އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ ސިފައިން ގަޔަށް އަރުވާ، އެބައިމީހުންނަށް ޙަމަލާ ދޭށެވެ. މިގޮތުން އިސްރާއީލު ފުލުހުންގެ އިސް ތަރުޖަމާނު މިކީ ރޯސެންފީލްޑުވަނީ ޢަރީޤާތުގެ ކާރުކޮޅު އެކްސިޑެންޓުވެފައިވާތަން ފޮޓޯ ނަގާ، ޓެރަރިސްޓު ޙަމަލާއެއް ހުއްޓުވިއްޖެކަމަށް ބުނެ އެއެފޮޓޯ ޓްވީޓު ކޮށްފައެވެ.

ޢަރީޤާތުގެ ޢާއިލާއިން މަޢުލޫމާތު ދެއްވާ ގޮތުގައި ޢަރީޤާތު މިމަގުން ދަތުރު ކުރައްވާފައި ވަޑައިގަންނަވަނިކޮށް، އެމަގުގެ ގޮތުން އޭނާގެ ކާރު އިރުކޮޅަކަށް ކޮންޓްރޯލުން ނެއްޓުނީކަމަށް ބެލެވެއެވެ. އަދި އެހިސާބުން އެއްވެސް ބަލާލުމެއްނެތި އިސްރާއީލު ސިފައިން، ޢަރީޤާތުގެ ހަށިކޮޅަށް ބަޑިޖަހާ މަރާލީއެވެ.

މަންޒަރުދުށް ފަރާތްތަކުންވެސް ވިދާޅުވަނީ މިހެންނެވެ. ފަލަސްޠީނުގެ މީޑީޔާތަކުން ޚަބަރު ދެއްވާ ގޮތުގައި ޢަރީޤާތުގެ ހަށިކޮޅަށް ބަޑިޖެހުމަށްފަހު 1 ގަޑި އިރާއި ބައި ވަންދެން، އިސްރާއީލުގެ ސިފައިން، އޭނާއަށް ޞިއްޙީ އެހީތެރިކަމެއް ނުދެއެވެ. މިގޮތުން މިމަންޒަރު ދުށް ފަލަސްޠީނުގެ ރައްޔިތެއްވަނީ، މިމަންޒަރު ވީޑިޔޯކޮށް ސޯޝަލް މީޑީޔާގައި ފަތުރުއްވާފައެވެ. "ޝަހީދުވެގެން އެދިޔައީ ޒުވާން ފިރިހެންކުއްޖެއް. އޭނާ އެމަރާލީ އަހަރެމެންގެ ކުރިމަތީގައި" ވީޑިޔޯ ކުރެއްވި ފަރާތުން ވިދާޅުވެފައިވެއެވެ.

ޢަރީޤާތުގެ ދެބޭންގެ ދެދަރި ދައްތަ، "ޑިމޮކްރަސީ ނައު" ނޫހަށް ޚަބަރު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި ޢަރީޤާތުގެ ބައްޕާފުޅު، އަބޫ ފައިޞަލް، އޭނާގެ ދަރިފުޅާއި ދިމާވޭތޯ އާދޭސް ކުރުމުންވެސް އިސްރާއީލުގެ ސިފައިން އޭނާއަކަށް ހުއްދައެއް ނުދިނެވެ. އަދި ހަމަ އެފަދައިން އެބައިމީހުންވަނީ ފަލަސްޠީނުގެ ރެޑް ކްރެސެންޓުގެ އެހީތެރިންނަށްވެސް، ޢަރީޤާތަށް އެހީވުމަށް އެސަރަޙައްދަށް ދިޔުން މަނާކޮށްފައެވެ.

ޢަރީޤާތު އަވަހާރަކޮށްލި އިރު އިސްރާއީލުން ދައްކާފައިވާ ބަހަނާއަކީ އާ ބަހަނާއެއްނޫނެވެ. އަދި އެބައިމީހުން މިފަދަ މަރުތަކާއި މެދު ދޮގު ވާހަކަ ފަތުރާ، ބައިނަލްއަޤްވާމީ މީޑިޔާ ހައްލާލުމަކީވެސް އާކަމެއްނޫނެވެ. މިދިޔަ މަހުވެސް، ފަލަސްޠީނުގެ ރައްޔިތެއް އަވަހާރަކޮށްލުމަށްފަހު އެބައިމީހުން ބުނެފައިވަނީ އެއީ އެބައިމީހުންގެ ގަޔަށް ކާރު އެރުވުމަށް އޭނާ އައުމުން ދިން ދިފާޢީ ޙަމަލާއެއްކަމަށެވެ. ފަލަސްޠީނުގެ ޕެރަމެޑިކެއްކަމަށްވާ ޒުވާން ރަޒާން އަވަހާރަ ކޮށްލުމުން ބައިނަލް އަޤްވާމީ ނޫސްފަތުރާ މީޑިޔާތަކުން ކެކިގަތުމުން އެބައިމީހުން ނެރުނީ އެޑިޓް ކޮށްފައިވާ ރަޒާންގެ ވީޑީޔޯއެކެވެ. އޭނާ "ތިމަންނާއަކީ ޒަޚަމްވެފައިވާ މީހުން ރައްކާތެރިކުރުމަށްވާ އިންސާނީ އައްޑަނައެކޭ" ބުނި ވީޑީޔޯ "ތިމަންނާއަކީ ޙަމާސް ރައްކާތެރި ކުރުމަށްޓަކައިވާ އިންސާނީ އައްޑަނައެކޭ" އަޑުއިވޭ ފަދައިން ބަދަލުކޮށްލިއެވެ. އެހިސާބުން މުޅި ދުނިޔެ އެކަމާއިމެދު ކުރި އިހްތިޖާޖު ހުއްޓުނެވެ. "ޓެރަރިސްޓު" ޖަމާޢަތަކަށް އެއްބާރުލުން ދެވިދާނެތީއެވެ.

ބައިތު ލަޙަމާއި، އަބޫ ދީސް މިދެއަވަށަކީވެސް ފަލަސްޠީނުގެ ދެއަވަށެވެ. މިސަރަޙައްދަކީ ފަލަސްޠީނުގެ ދެ ސަރަޙައްދެވެ. އެހެނަސް އިސްރާއީލުގެ ޢަސްކަރީ ޗެކްޕޮއިންޓެއް މިތަނުގައި ހުރުމަކީ ސުވާލު އުފައްދަން ޖެހޭ ކަމެކެވެ. ފަލަސްޠީނުގެ އެއްމެ ބޮޑު އެއްރަށަކީ ޤުދުސެވެ. އަބޫ ދީސް އަކީ ޤުދުސްގެ ރަށެކެވެ. އެހެނަސް ޢަރީޤާތުގެ އުޚްތަށް ކައިވެންޏަށް ތައްޔާރުވާން ބައިތު ލަޙަމަށް ދާން ޖެހުނީ، އަބޫ ދީސް، ޤުދުސާއި ވަކިކޮށް، އިސްރާއީލުން ރާނާފައިވާ ބޮޑު ފާރުގެ ސަބަބުންނެވެ. މިފާރު މިހާތަނަށް އައިއިރުވެސް ކޮޅަށް ހުރީ ކީއްވެތޯ ސުވާލު އުފައްދަން ޖެހެއެވެ. ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމްޢިއްޔާ އެއްކަމަށްވާ ޕެލަސްޓިނިއަން ލިބަރޭޝަން އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް ޞާއިބު ޢަރީޤާތަކީ، އަވަހާރަކޯށްލެވުނު އަޙްމަދު ޢަރީޤާތުގެ ބޮޑުބޭބޭފުޅެވެ. ޞާއިބު ނެރުއްވި ބަޔާނެއްގައި އަހްމަދު ޢަރީޤާތުގެ މިމަރަކީ ޤަޞްދުގައި ހިނގިކަމެއްކަމަށް ޝައްކުވެ ވަޑައިގަންނަވާކަމަށް އިޝާރާތް ކުރައްވާފައިވެއެވެ. ފަލަސްޠީނުގެ ބިންތައް އަތުލުމަށް އިސްރާއީލު މަަސައްކަތް ކުރަމުންދާ ދުވަސްވަރެއްގައި ޕީއެލްއޯގެ އިސް ބޭފުޅެއްގެ ޢާއިލީ ބޭފުޅެއް އަވަހާރަކޮށްލެވުމަކީ އިއްތިފާޤެއްބާއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *