ތިމާގެ މުސްލިމް އަޚާގެ ކުރިމަތީގައި ހިނިތުންވުމަކީ ޞަދަޤާތެއްކަމަށް ޝެއިޚް އަހްމަދު ނާޒިހް ވިދާޅުވެއްޖެއެވެ.
ޝައިޚް ނާޒިހް މިހެން ވިދާޅުވެފައި ވަނީ ރަބީޢުލް ޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާއެއް ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިވީޑިއޯގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ހުރިހާ އެންމެންނަކީ މުދާ ހޭދަކޮށްގެން ޞަދަޤާތް ކުރެވޭނެފަދަ މީހެއް ނޫނެވެ. ނަމަވެސް ﷲ ސުބްހާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ޞަދަޤާތް ކުރުމުގެ ދޮރު ހުޅުވާ ދެއްވާފައެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. ތިމާގެ އަޚާގެ ކުރިމަތީގައި ހިނިތުންވުމަކީ ޞަދަޤާތެކެވެ.
އެހެންކަމުން މާ ބޮޑު ބުރަތަކެއް އެކަމުގައި އުފުލުމަކާއި ނުލައި އެކަން ކުރެވިދާނެ އެވެ. އެއީ ހިނިތުންވުމެވެ. ނަމަވެސް ތިމާ ހަދާން ކުރަން ޖެހޭ ކަމެއް ވެއެވެ. އެއީ ތިމާއާއި ބައްދަލުވާ މުސްލިމް އަޚާގެ ކެކުޅުން ހުރެއްޖެ ކަމުގައި ވާނަމަ އެކަންތަށްތަށް ފިލައިގެން ދާ ސަބަބެއް ކަމުގައި ތިމާގެ ހިނިތުންވުން ވެދާނެކަމެވެ.
ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމް މިކަމަށް ބާރު އަޅުއްވާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. އެއްވެސް ހެޔޮ ޢަމަލަކީ އެއީ ކުޑަ ޢަމަލެއް ކަމުގައި ދެކިގެން ދޫކޮށް ނުލާށެވެ. ފަރުވާ ކުޑަ ނުކުރާށެވެ. އެކުޑަ ހެޔޮ ޢަމަލަކީ ތިމާގެ އަޚާގެ ކުރިމަތިގައި ހިނިތުން ވެލުން ކަމުގައި ވިޔަސް ދޫކޮށް ނުލާށެވެ. އެހެންކަމުން ފަހަރުގައި މިއީ ވަރަށް ކުޑަ ކުޑަ އާދައިގެ ކަމެއް ކަމުގައި ވިޔަސް މިފަދަ ހެޔޮ ޢަމަލުތަށް ގައިގައި ހަރުލެއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ޝެއިޚްގެ ވާހަކަފުޅުގައި ހާމަ ކުރެއްވިއެވެ.
ޝެއިޚް ގެ ވާހަކަފުޅު ނިންމަވާލައްވަމުން ދުޢާ ކުރެއްވީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް މިފަދަ ހެޔޮ ކަން ކަން ކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކޮށްދެއްވުމަށެވެ.
ޚިޔާލު