ޢަޒާބު ފޮނުއްވުން:
މާތް اللَّه ވަޙީ ކުރައްވައިފައިވަނީ ﴿وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ﴾ އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ." މާތް اللَّه އުޑުން ވާރޭ ފޮނުއްވިއެވެ. އެއީ އޭގެކުރިން އަދި އޭގެފަހުންވެސް ނުފޮނުއްވާފަދަ ވާރޭއެކެވެ. ހީވަނީ ކިރުބާ އަކުން ފެން އޮއްސާ ހެންނެވެ. މާތް اللَّه ބިމަށް އަމުރު ކުރެއްވުމުން ބިމުގެ ހުރިހާ ކަންކޮޅަކުން ފެންއަރަން ފެށިއެވެ.
އެއީ އަންނަނިވި އާޔަތްތަކުގައި މާތް اللَّه ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. ﴿فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ﴾ ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލާގެފާނު دعاء ކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ، (މިއަޅާޔަށް) نصر ދެއްވާނދޭވެ! ﴿فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاءٍ مُّنْهَمِرٍ﴾ ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ. ﴿ وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاءُ عَلَىٰ أَمْرٍ قَدْ قُدِرَ﴾ އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ. ﴿وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ ﴾ އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ."
ފިލާތަކަކާއި، މޮހޮރުތުން ހަދާފައިވާ ނައު ﴿تَجْرِي بِأَعْيُنِنَا﴾ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން، ދުވަމުންދެތެވެ. ރައްކާތެރިކަމާއި ބެލެހެއްޓުންތެރިކަމުގެ ދަށުންނެވެ. އެއީ ﴿جَزَاءً لِّمَن كَانَ كُفِرَ﴾ (އެއުރެން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: نوح ގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ."
އިބުނު ޖަރީރާއި އެނޫންވެސް ބޭކަލުން ވިދާޅުވެފައިވަނީ ޠޫފާން ފޮނުއްވައިފައިވަނީ ޤިބުޠީ ތާރީޚުން شهر آب ގެ ސަތާރައިގައެވެ."
ފެންގަނޑު އުފުލިގެން ދިޔަގޮތް ބަޔާންކޮށްދެއްވަމުން މާތް الله ވަޙީ ކުރައްވައިފައިވަނީ ﴿ إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ﴾ ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ. ﴿ لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ ﴾ އެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ."
މުފައްސިރުން ވިދާޅުވެފައިވަނީ ބިމުގައިވާ އެންމެ އުސް ފަރުބަދައަށްވުރެ ފަނަރަ މުށުގެ މިންވަރަށް ފެންގަނޑު އުފުލިގެން ދިޔައެވެ. އަހުލުކިތާބީންގެ ފޮތްތަކުގައިވާ ގޮތުން އަށްޑިހަ މުށަށް ފެންގަނޑު އުފުލިގެން ދިޔައެވެ. ބިމުގެ ހުރިހާ ކަންކޮޅެއްގައި ފެންބޮޑުވެގެން ދިޔައެވެ. ބިމުގައި ފުރާމަ ހުރި އެއްވެސް އެއްޗެއް ނެތިގެން ދިޔައެވެ. މީގެ ތެރޭގައި ކިތަންމެ ކުޑައެއްޗެއް ވިޔަސް، އަދި ބޮޑުއެއްޗެއް ވިޔަސް، ނުހިމެނި ދޫކުރެވިގެން ގޮސްފައެއް ނުވެއެވެ.
ދަރިކަލުން ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރެއްވުން:
ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުން يام އަށް ގޮވާލައްވަމުން ވިދާޅުވިއެވެ. ﴿ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْكَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِينَ﴾ އަދި نوح ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި كافر ންނާ އެކުގައި ނުވާށެވެ!
﴿قَالَ سَآوِي إِلَىٰ جَبَلٍ يَعْصِمُنِي مِنَ الْمَاءِ قَالَ لَا عَاصِمَ الْيَوْمَ مِنْ أَمْرِ اللَّـهِ إِلَّا مَن رَّحِمَ وَحَالَ بَيْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَقِينَ﴾ އެ ދަރިކަލުން ދެންނެވިއެވެ. ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه ގެ أمر ފުޅުން (އެބަހީ: اللَّه ގެ عذاب ން) ރައްކާތެރިކުރާނޭ ފަރާތެއް، އެކަލާނގެ رحمة ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި غرق ކުރެއްވި މީހުންގެ ތެރެއިން، އެ ދަރިކަލުންވިއެވެ."
ކުރިން ބަޔާން ކުރިހެން މިދަރިކަލުންނަކީ يام އެވެ. ކާފިރު ދަރިކަލެކެވެ. ނުބައި ޢަމަލުތައް ކުރަމުން ދިޔަ ދަރިކަލެކެވެ. ބައްޕާފުޅުގެ ދީނާއި ޚިލާފުވިއެވެ. ހަލާކުވީ މީހުންނާއެކު ހަލާކުވެގެން ދިޔައީއެވެ. އޭނާގެ ބައްޕާފުޅާއެކު ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރި ޢާއިލީ ގޮތުން އެއްވެސް ގުޅުމެއްނެތް ބައެކެވެ. އެއީ އެމީހުން ދީނާއި މަޛުހަބުގެ ގޮތުން ނޫޙުގެފާނަށް ތަބަޢަވުމުގެ ސަބަބުންނެވެ. (ނުނިމޭ)
ޚިޔާލު