ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (7 ވަނަ ބައި)

سورة الشوري ގައި ބަޔާން ކުރައްވައިފައިވަނީ މިފަދައިންނެވެ.

﴿شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ اللَّـهُ يَجْتَبِي إِلَيْهِ مَن يَشَاءُ وَيَهْدِي إِلَيْهِ مَن يُنِيبُ ﴾ ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ شرع ކުރެއްވި دين އަކީ، އެކަލާނގެ نوح ގެފާނަށް وصية ކުރެއްވި دين އެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވި دين އެވެ. އަދި إبراهيم ގެފާނަށާއި، موسى ގެފާނަށާއި، عيسى ގެފާނަށް وصية ކުރެއްވި دين އެވެ. (އެ وصية އަކީ) ތިޔަބައިމީހުން دين قائم ކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! ތިޔަބައިމީހުން އެކަމަކަށް ތިޔަގޮވައިލާ ކަންތައް، مشرك ންގެ މައްޗަށް ބޮޑުކަމަކަށްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އަޅަކު خيار ކުރައްވަތެވެ. އަދި އެކަލާނގެއަށް توبة ވެ، رجوع ވާމީހާއަށް ތެދުމަގު ދައްކަވަތެވެ."

سورة ق ގައި ބަޔާން ކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَابُ الرَّسِّ وَثَمُودُ﴾ އެއުރެންގެ ކުރީގައި، نوح ގެފާނުގެ قوم ގެމީހުންނާއި، رسّ ގެ އެކުވެރިންނާއި، ثمود ބާގައިމީހުން (رسول ން) ދޮގުކުރޫއެވެ. ﴿ وَعَادٌ وَفِرْعَوْنُ وَإِخْوَانُ لُوطٍ﴾ އަދި عاد ބާގައިމީހުންނާއި، فرعون އާއި لوط ގެފާނުގެ إخوان ންވެސް (ދޮގުކުރޫއެވެ.) ﴿وَأَصْحَابُ الْأَيْكَةِ وَقَوْمُ تُبَّعٍ كُلٌّ كَذَّبَ الرُّسُلَ فَحَقَّ وَعِيدِ ﴿١٤﴾ އަދި الأيكة ގެ އެކުވެރިންނާއި، تُبّع ގެ قوم ގެމީހުންނާއި، އެހުރިހާ އެންމެންވެސް رسول ން ދޮގުކުރޫއެވެ. ތިމަންރަސްކަލާނގެ وعيد (އެއުރެންނަށް) حق ވެއްޖެއެވެ."

سورة الذاريات ގައި ބަޔާން ކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿ وَقَوْمَ نُوحٍ مِّن قَبْلُ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ﴾ އަދި އޭގެކުރިން ތިމަންރަސްކަލާނގެ نوح ގެފާނުގެ قوم ގެމީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން، فاسق ވެގެންވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ."

سورة النجم ގައި ބަޔާން ކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿ وَقَوْمَ نُوحٍ مِّن قَبْلُ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَىٰ ﴾ އަދި އޭގެކުރިން نوح ގެފާނުގެ قوم ގެމީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެންވީ އަނިޔާވެރިކަންބޮޑު، އަދި އުރެދުންބޮޑު ބަޔަކު ކަމުގައެވެ."

سورة الحديد ގައި ބަޔާން ކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿ وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَاهِيمَ وَجَعَلْنَا فِي ذُرِّيَّتِهِمَا النُّبُوَّةَ وَالْكِتَابَ فَمِنْهُم مُّهْتَدٍ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴾ އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނާއި إبراهيم ގެފާނު رسول ކަމާއިގެން ފޮނުއްވީމެވެ. އަދި އެ ދެ رسول ންގެ ދަރިކޮޅުގައި ނަބީކަމާއި (ބާވައިލެއްވި) ފޮތްތައް ލެއްވީމެވެ. ފަހެ، އެއުރެންގެ ތެރެއިން ތެދުމަގު ލިބިގެންވާ މީހުންވެއެވެ. އަދި އެއުރެންގެ ތެރެއިން ގިނަމީހުންނީ، فاسق ންނެވެ."

سورة التحريم ގައި ބަޔާން ކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿ ضَرَبَ اللَّـهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّـهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ ﴾ نوح ގެފާނުގެ އަނބިކަނބަލުންނާއި، لوط ގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، كافر ވިމީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ صالح އަޅުންގެ ތެރެއިން ދެ އަޅެއްގެ أمر ގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް خيانة ތެރިވިއެވެ. ފަހެ، اللَّه ގެ حضرة ން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!"

ނޫޙުގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި ދެމެދު ހިނގާދިޔަކަންތަކުން އޮޅުން ފިލައިގެން ގޮސްފައިވަނީ ކީރިތި ޤުރްއާނާއި ސުންނަތާއި އާޘާރުންނެވެ. އެ ވާހަކަ ކުރީގައިވަނީ ބަޔާން ކުރެވިފައެވެ. އަދި އާދަމުގެފާނާއި ނޫޙުގެފާނައި ދެމެދުގައި ހޭދަވެގެން ދިޔަ ދުވަސްތަކުގައި އުޅުނު މީހުން ޘާބިތުވެ ތިބީ އިސްލާމްދީން މަތީގައެވެ. ނަމަވެސް އެއަށްފަހު ޙާލަތު އެހެން ގޮތަށް ފުރޮޅި ބުދަށް އަޅުކަން ކުރަން ފެށިގެން ދިޔައީއެވެ.

ބުދަށް އަޅުކަން ކުރަން ފެށިގެން ދިޔަ ސަބަބާމެދު އަލްއިމާމު ބުޚާރީ، އިބުނު ޖުރައިޖު ޢަޠާއު، އިބުނު ޢައްބާސުގެ އަރިހުން އަންނަނިވި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. ﴿ وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا ﴾ އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إلهންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسرއާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ!"

މިބައިމީހުންނަކީ ނޫޙުގެފާނުގެ ޤައުމުގައި ހެޔޮލަފާ ޞާލިޙު މީހުންގެ ގޮތުގައި މަޝްހޫރުވެފައިވާ ބައެކެވެ. އެމީހުން މަރުވުމުން ޝައިޠާނާ އެ ޤައުމުގެ މީހުންނަށް އެމީހުންގެ މަޖިލިސްތަކުގައި އެމީސްމީހުންގެ ނަންތައް ކިޔާފައި ބުދުތަކެއް ހަދާފައި ބެހެއްޓުމަށް އިރުޝާދު ދިނެވެ. މިވަސްވާސްތަކުގެ ނަތީޖައެއްގެ ގޮތުން އެ ޤައުމުގެ މީހުން އެގޮތަށް ޢަމަލު ކުރިއެވެ. އޭރު އެތަކެއްޗަށް އަޅުކަމެއް ނުކުރެއެވެ. ކުރިން މިއިޝާރަތް ކުރި މީހުން ނެތި ދިޔުމުން އެބައިމީހުނާއި ބެހޭ މަޢްލޫމާތު އެގޭ އެއްވެސް މީހަކު ނެތި ފަހުގެ ޖީލްތަކުގެ މީހުން އެތަކެއްޗަށް އަޅުކަން ކުރަން ފެށީއެވެ. އަދިވެސް އިބުނު ޢައްބާސް ވިދާޅުވެފައިވެއެވެ. އެއަށްފަހު ނޫޙުގެފާނުގެ ޤައުމުގެ މީހުން އަޅުކަން ކުރަމުން އައި ބުދުތައް ޢަރަބިންނަށް ލިބިގެން ދިޔައެވެ."
މިވާހަކައިގެ ތަފުސީރުގައި އިބުނު ޖަރީރު ވިދާޅުވެފައިވަނީ އާދަމުގެފާނާއި ނޫޙުގެފާނާއި ދެމެދު ހޭދަވެގެން ދިޔަ ދުވަސްތަކުގައި އުޅުނު މީހުންނަކީ ހެޔޮލަފާ ޞާލިޙުންނެވެ. އެ މީހުންގެ ތެރޭގައި މީހުން ތަބަޢަވެ ބަސްޤަބޫލު ކުރާ މީހުން ތިއްބެވެ. އެމީހުން މިދުނިޔެ ދޫކުރުމުން އެމީހުންނަށް ތަބަޢަވީ މީހުން އެމީހުންގެ ޞޫރަ ހެދުމުން އެމީހުން ދުށުމަށް އަހަރެމެންގެ ހިތުގައި މިއުފެދޭ ޝައުޤުވެރިކަމަށް ކޮންމެވެސް ލުއިކަމެއް ލިބިދާނެއެވެ. އަދި އަހަރެމެންގެ އަޅުކަމަށް ވެސް އިތުރު ބާރެއް ލިބިގެންދާނެއެވެ. އެ ގޮތުން އެމީސްމީހުންގެ ގޮތުގައި ޞޫރަތައް ހަދާފައި ބެހެއްޓީއެވެ. ދެން އެއަށްފަހު އައި މީހުންނަށް ވަސްވާސްދެމުން ޝައިޠާނާ ބުންޏެވެ. ތިޔަބައިމީހުންގެ ކުރީގެ މީހުން މިތަކެއްޗަށް އަޅުކަން ކުރިއެވެ. ތިޔަބައިމީހުންނަށް ވާރޭ ފެން ލިބިގެންދަނީ އެތަކެތީގެ ސަބަބުންނެވެ. ދެން އެމީހުން އެތަކެއްޗަށް އަޅުކަން ކުރަން ފެށީއެވެ.

އިބުނު އަބީ ޙާތިމް ޢުރުވަތު ބުން އައްޒުބައިރު ވިދާޅުވިކަމަށް ބަޔާން ކުރައްވައިފައިވެއެވެ." وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسرއާކީ އާދަމުގެފާނުގެ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ وَدّ އެވެ. އަދި އެބޭފުޅުންގެ ތެރެއިން އެންމެ ކިޔަމަންތެރި ބޭފުޅަކީވެސް وَدّ އެވެ."

އިބުނު އަބީ ޙާތިމް ވިދާޅުވެފައިވެއެވެ." وَدّ އަކީ ހެޔޮލަފާ ޞާލިޙު މީހެކެވެ. ޤައުމުގެ މީހުން ލޯބިވާ މީހެކެވެ. އޭނާ މިދުނިޔެ ދޫކުރުން މީސްތަކުން އޭނާގެ ޤަބުރުގެ ވަށައިގެން ޠަވާފުކޮށް، އެޤަބުރު ބާބިލަށް ގެންދިޔައެވެ. އަދި ހިތާމަކޮށް ރޮއި ހެދިއެވެ. ޝައިޠާނާ އަށް މިމަންޒަރު ފެނުން އެމީހުންގެ ތެރެއަށް އިންސާނެއްގެ ސޫރާގައި ދިޔައެވެ. ގޮސް ބުންޏެވެ. ތިޔަބައިމީހުންގެ ހިތުގައި ތިޔަ މީހަކަށް ދެވިފައިވާ ޤަދަރާއި އިޙްތިރާމާއި ލޯބި ތިމަންނާއަށް ފެނިއްޖެއެވެ. ތިޔަބައިމީހުންނަށްޓަކައި ތިމަން އޭނާގެ ބުދެއް ހަދައި ދެންހެއްޔެވެ. އޭރުން ތިޔަބައިމީހުންގެ ނާދީތަކުގައި އެ ބުދު ބަހައްޓާނީއެވެ. އަދި ބުދުކައިރީގައި ތިބިގެން އޭނާގެ ހަނދާން އާކުރާނީއެވެ."

އެއަށްފަހު އެމީހުންގެ ނާދީތަކުގައި އޭނާގެ ހަނދާން އާކުރަމުން ދިޔައެވެ. މިމަންޒަރު ފެނުމުން އިބިލީސް ބުންޏެވެ. ތިޔަބައިމީހުން ބޭނުންކަމުގައިވާނަމަ، ތިޔައިން ކޮންމެ މީހެއްގެ ގޭގައި ބެހެއްޓުމަށްޓަކައި އޭނާގެ ޞޫރައެއް ތިމަން ހަދައިދީފާނަމެވެ. އޭރުން ތިޔަބައިމީހުން ގޭގައި ތިބޭއިރުވެސް އޭނާގެ ހަނދާންތައް އާކުރެވެމުން ދާނެއެވެ. އެ ޤައުމުގެ މީހުން އެކަމަށް އެއްބަސްވުމުން އިބިލީސް އެރަށުގެ ކޮންމެ ގެއަކަށް ޞޫރައެއް ހަދައިދިނެވެ. މިމަންޒަރުތައް އެމީސްމީހުންގެ ދަރިންނަށް ފެނުމުން އެ ކުދިންވެސް މައިންބަފައިން ކުރަމުންދާ ކަންތައްތަކުގައި ބައިވެރިވާން ފެށިއެވެ. އެއަށްފަހު މާތް اﷲ ފިޔަވައި އަޅުކަން ކުރެވޭ ކަލެއްކަމުގައި ފަހުގެ ޖީލުތަކުގެ މީހުން އެތަކެތި ބަލައިގަތެވެ. މާތް اﷲ ފިޔަވައި އެންމެ ފުރަތަމަ އަޅުކަން ކުރެވުނު ފަރާތަކީ وَدّ ގެ ނަމުން ނަންދިފައިވާ ޞޫރައަށެވެ.

ކުރިން މިއިޝާރަތް ކުރި ޞޫރަތަކުގެ ތެރެއިން ކޮންމެ ޞޫރައަކަށް ވެސް ޖަމާޢަތެއްގެ މީހުން އަޅުކަން ކުރަމުން ދިޔައެވެ. ބުނެވޭ ގޮތުގައި ޒަމާންތައް ދިގުވަމުން ގޮސް ކުރިން މިއިޝާރަތް ކުރި ޞޫރަތަކުގެ ސިފައިގައި ބުދުތައް ހަދައި މާތް اﷲ ފިޔަވައި އެތަކެއްޗަށް އަޅުކަން ކުރަންފެށިއެވެ.

ބުޚާރީ އާއި މުސްލިމުގައި ބަޔާން ވެގެންވެއެވެ. ކީރިތި ރަސޫލާގެ އަރިހުން، أم المؤمنين أم سلمة އާއި أم المؤمنين أم حبيبة ޙަބުޝްކަރައިން ފެނިވަޑައިގެންނެވި ކަނީސާތަކާއި އެތަންތަނުގައި ހުރި ކުރެހުންތަކުގެ ރީތިކަމުގެ ވާހަކަފުޅު ދެއްކެވިއެވެ. ކީރިތި ރަސޫލާ އެ ބޭކަނބަލުންނަށް ޙަދީޘް ކުރެއްވިއެވެ. «أُولَئِكَ قَوْمٌ إِذَا مَاتَ فِيهِمُ العَبْدُ الصَّالِحُ، أَوِ الرَّجُلُ الصَّالِحُ، بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، أُولَئِكَ شِرَارُ الخَلْقِ عِنْدَ اللَّهِ» މާނައީ:"އެމީހުންނަކީ އެމީހުންގެ ތެރެއިން ހެޔޮލަފާ ޞާލިޙު މީހަކު ނުވަތަ ހެޔޮލަފާ އަޅަކު މަރުވެއްޖެނަމަ، އެމީހާގެ ޤަބުރު މަތީގައި މިސްކިތެއް ބިނާ ކުރެއެވެ. އަދި އެތަޞްވީރުތައް އެމީހުން ކުރަހައެވެ. މާތް اﷲ ގެ ޙަޟުރަތުގައި އެންމެ ނުބައި ބަޔަކީ އެބައިމީހުންނެވެ." (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *