ކޯވިޑް19 ގައި ހާލުގައި ޖެހުނު ފަރާތްތަކަށް ޒަކާތު ފަންޑުން 5.5 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާ ފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިޔުސަށް ޚަބަރު ދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ވިދާޅުވެފައިވާ ގޮތުގައި ޒަކާތު ކޮމިޓީގެ މަޝްވަރާފުޅުގެ މަތިން، މިނިސްޓްރީން ވަނީ ކޯވިޑް 19 ގައި ދިމާވެފައިވާ އެކިއެކި ކަންކަމުގައި ޒަކާތު ފަންޑުން 15 މިލިޔަން ޚަރަދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މިގޮތުން ރާއްޖެއިން ބޭރުގައި ތިއްބެވި ފަރާތްތަކަށް އެހީތެރިވެވަޑައިގަތުމަށްޓަކައި މިހާތަނަށް 3 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައިވާ އިރު، ވަގުތީ ބޯހިޔާވަހީކަމުގެ ދަށުގައި ތިއްބެވި ފަރާތްތަކަށް 1 މިލިޔަން ޚަރަދު ކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އެހީތެރިކަން ފޯރުކޮށެދއްވުމުގެ ގޮތުން ޤުރްއާން ކިލާސްތަކާއި ސްކޫލުތައް ހިންގަވާ ފަރާތްތަކަށް ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޑރ ޒާހިރު ވިދާޅުވެފައިވާ ގޮތުގައި ކޯވިޑް-19 ގެ ސަބަބުން ގެދޮރު ކުލި ނުދެއްކޭ، ޙާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ޒަކާތު ފަންޑުން ފޯރުކޮށްދެވޭނެ އެހީއާމެދު މިހާރު އެބޭފުޅުން ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ޙާލުގައިޖެހޭ ފަރާތްތަކަށްވެސް ޒަކާތުފަންޑުން އެހީތެރި ވެވެން އޮތް މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށް މިނިސްޓަރ ޒާހިރު ވިދާޅުވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...