އަރަބިދުނިޔެއޭޝިއާދުނިޔެ

އިސްރާއީލުން ފަލަސްޠީނުގެ ރާމަ ﷲ ގެ ރައްޔިތެއް އަވަހާރަކޮށްލާ، ޑައުން ސިންޑްރޮމްގެ ޒުވާނަކު ޒަޚަމް ކޮށްލައިފި!

Israelun Falastheenuge Ramallah ge Rayyitheh Avahaarakolla Down Syndromege Zuvaanaku Zakham Kollaifi

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ފަލަސްޠީނުގެ ރާމަ ﷲގެ ރައްޔިތަކު އަވަހާރަކޮށްލާ، ހަމަ އެރަށުގެ ޚާއްޞަ އެހީއަށް ބޭނުންވާ ޑައުން ސިންޑްރޮމްގެ ޒުވާނަކު ޒަޚަމް ކޮށްލައިފިއެވެ.

ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކާއި ބެހޭ ސެންޓަރު (ޕީސީއެޗްއާރު) އިން މަޢުލޫމާތު ދެއްވާ ގޮތުގައި ރާމަ ﷲ ގެ ރައްޔިތެއްކަމަށްވާ ޢުމުރުން 37 އަހަރުގެ ފާޟީ ޢަދުނާން ސަމަރާ ޤަޢުދު އަވަހާރަ ކޮށްލެވިފައިވަނީ ރާމަ ﷲ ގެ ހުޅަނގު އުތުރުގެ ސަރަޙައްދެއްކަމަށްވާ ދިއުރު ނިޡާމާއި، ނަބީ ޞާލިޙް މިދެ އަވަށް ދޭތެރޭގައެވެ.

ޕީސީއެޗްއާރުން ވިދާޅުވާ ގޮތުގައި ފާޟީ ދަތުރު ކުރައްވަމުން ގެންދެވި ކާރުކޮޅަށް އިސްރާއީލުގެ ސިފައިންވަނީ އެތައް ފަހަރަކު ބަޑި ޖަހާފައެވެ. އަދި ފާޟީގެ ހަށިކޮޅަށް ވަޒަން އެރުމުން، 2 ގަޑިއިރު ވަންދެން އެއްވެސް ޞިއްޙީ އެހީތެރިކަމަކާއި ނުލާ، ޒަޚަމްތަކަށް ފަރުވާ ނުދީ، ލޭ ފައިބަން މަގަށް ދޫކޮށްލެވުނެވެ. އަދި ފަލަސްޠީނުގެ އެމްބިއުލެންސުތައްވެސް އޭނާއަށް އެހީވުމަށް އައުން މަނާކުރިއެވެ. އޭގެ 2 ގަޑި އިރާއި ބައިފަހުން އިސްރާއީލުގެ ސިފައިން އައިސް، އޭނާގެ ހަށިކޮޅު ގޮތް ނޭނގޭ ތަނަކަށް ގެންދެވުނެވެ.

އިސްރާއީލުގެ ފަރާތުން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން ފާޟީ އަވަހާރަ ކޮށްލެވިފައިވަނީ އިސްރާއީލުގެ ސިފައިންނާއި ދިމާއަށް ކާރުކޮޅު ދުއްވާލެއްވުމުން، ކާރުން ޖައްސަން އުޅޭކަމަށް ޝައްކު ކުރެވިގެން، ދިފާޢީ ޙަމަލާއެއްގެ ގޮތުންނެވެ. އަދި މިޙަމަލާގައި އިސްރާއީލް ސިފައިންގެ އެއްވެސް ބަޔަކަށް ގެއްލުން ވެފައެއް ނުވެއެވެ. އެހެނަސް ފަލަސްޠީނުގެ އިންސާނީ ހައްޤުތަކާއި ބެހޭ ސެންޓަރުން ހޯއްދެވި ހޯއްދެވުމަކުން އެނގިފައިވާ ގޮތުގައި ފާޟީ ވަޑައިގަތީ އޭނާގެ އަނބި މީހާއާއި 5 ދަރިން ބައްލަވާ، ޢާއިލާގެ ބައެއް ގާތަށެވެ.

މިގޮތުން ފާޟީ އެގެއަށް ވަޑައިގަތް މަގުމަތީ، އިސްރާއީލުގެ ސަލާމަތީ އުޅަނދަކާއި ދިމާވުމުން، އެމީހުން، އޭނާ ގާތު ހުއްޓެވުމަށް އެންގިއެވެ. އެވަގުތު ފާޟީގެ ކާރު ކޮންޓްރޯލުން ނެއްޓި، އިސްރާއީލް ސިފައިން ތިބި ފަރާތް ނޫން އަނެއް ފަރާތަށް ކާރު ގޮސް، ގަހެއްގެ ދަށުގައި ހުރި ލަކުޑި ބެންޗެއްގައި ޖެހުމުން، 10 ފޫޓު ދުރުން އިސްރާއީލު ސިފައިން އޭނާގެ ގަޔަށް ބަޑި ޖަހާ އަވަހާރަކޮށްލިއެވެ.

ފާޟީ އަވަހާރަކޮށްލުމާއި ވިދިގެން ނަބީ ޞާލިޙް އަވަށުގެ އެތައް ރައްޔިތުންނެއް އެކަމާއި އިދިކޮޅަށް މުޒާހަރާކޮށް، އިހްތިޖާޖުކޮށް، އިސްރާއީލުގެ ސިފައިންނާއި ދިމާއަށް ގާ އުކާފައެވެ. މީގެ ރައްދު ހަމަލާއެއްގެ ގޮތުން އެބައިމީހުން ވަނީ ފަލަސްޠިނުގެ ރައްޔިތުންނާއި ދިމާއަށް ބަޑިއާއި، އަޑު ބޮމާއި، ކަރުނަ ގޭސް އުކާފައެވެ. މިކަންތަކުގެ ތެރޭގައި ފަލަސްޠީނުގެ އަޙްމަދު އިޔާދު އައްތަމީމީގެ ފަޔަށްވަނީ ބަޑި ޖަހާފައެވެ.

ފަލަސްޠީނުގެ 21 އަހަރުގެ ޒުވާނެއްކަމަށްވާ އަޙްމަދު އައްތަމީމީއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ޑައުން ސިންޑްރޮމް ހުންނަ ޒުވާނެކެވެ. މިކަމާއި ވިދިގެން ރާމަ ﷲ ގެ އިސްތިޝާރީ ހޮސްޕިޓަލަށް އޭނާ ވަނީ ފަރުވާ ދިނުމަށް ގެންދެވިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *