އަރަބިދުނިޔެދުނިޔެ

ފަލަކީ ހިސާބު ދައްކާގޮތުން ސައުދީއަށް ޢީދުވާނީ އާދިއްތަ ދުވަހު

ހުކުރު ދުވަހުގެ އިރުއޮއްސޭއިރު ސައުދީ އަރަބިޔާއަށް ޝައްވާލު މަހުގެ ހަނދު ފެންނާނެ ކަމުގެ އެއްވެސް ފުރުޞަތެއް ނެތްކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

ސައުދީ އަރަބިޔާގެ ރިޔާޟު ކައިރި ހުންނަ މަޖްމާހް ޔުނިވަރސިޓީގެ ފަލަކީ ޢިލްމުވެރިންނާއި ހަވާލާދީ ސައުދީ ގެޒެޓުން ހާމަކޮށްފައިވާ ގޮތުގައި 22 މެއި ވާ ހުކުރު ދުވަހުގެ އިރުއޮއްސޭ ވަގުތު އެޤައުމަށް ހަނދު ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ނުދައްކާތީ އެޤައުމަށް ޢީދުވާނީ މިމަހުގެ 24 ވާ އާދިއްތަ ދުވަހުއެވެ.

ފަލަކީ ޢިލްމުވެރިން އާއްމުކޮށްފައިވާ ގޮތުން ސައުދީ އަރަބިޔާއަށް ހުކުރުދުވަހު އިރުއޮއްސޭނީ 18:39 ގައެވެ. އަދި އިރުއޮއްސުމުގެ 13 މިނެޓް ކުރިން އެޤައުމަށް ހަނދު އޮއްސޭނެއެވެ. އެހެންކަމުން ހުކުރު ދުވަހުގެގެ އިރު އޮއްސުމަށް ފަހުގައި ސައުދީއަށް ހަނދު ފެންނުމުގެ ފުރުޞަތު ނޯންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަ އެވެ. ހޮނިހިރު ދުވަހު ސައުދީއަށް އިރުއޮއްސޭނީ 18:40 ގައެވެ. އަދި ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ 19:23 ގައެވެ.

ހަނދު ސާބިތު ކުރުމުގައި ސައޫދީ އަރަބިއްޔާގައި އަމަލު ކުރަމުން އަންނަ އުސޫލަކީ، ހަނދު ފެނުމުން ރޯދަ ހިފުމަށް، ކީރިތި މާތް ނަބިއްޔާގެ އަރިހުން ވާރިދުވެފައިވާ ހަދީޘްގައިވާ ގޮތަށް، ލޮލަށް ހަނދު ފެނިއްޖެ ކަމަށް ބަޔަކު ހެކިބަސް ދިނުމުން، ޖެހިގެން އަންނަ ދުވަހަކީ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅުމެވެ. އެގޮތުން ސައުދީގެ ސްޕްރިމް ކޯޓުން މިހާރުވަނީ ހުކުރު ދުވަހުގެ އިރުއޮއްސޭ ވަގުތު ހަނދު ފެންނަ މީހަކު އެފަރާތަށް ނުވަތަ އެމީހަކު ދިރިއުޅޭ ހިސާބަކާއި އެންމެ ކައިރީގައި ހުންނަ މަރުކަޒަކާއި އެމައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *