ކޮލަމިސްޓްދީނީ ލިޔުންދީން

ފަހު 10 އެއް އިޙްޔާ ކުރުމަށް 26 ވަޞިއްޔަތް (3)

17) ޙަލާލު ރިޒްޤު ތަނަވަސްކޮށްދެއްވާ އަދި ޙާލަތު އިޞްލާޙު ކުރައްވާތޯ ދުޢާކުރާށެވެ.
އައްޝައިޚު އަލްޢަރިފީ ވިދާޅުވެފައިވެއެވެ. ހަލާލު ރިޒްޤުން ﷲ ގެ އަޅާ ކައި، އެއިން އޭނާގެ އަހްލުވެރިންނަށް ކާންދިފިނަމަ އޭނާއަށްޓަކައި، އަދި އޭނާގެ ދަރީންނަށްތަކައި އޭގައި ބަރަކާތްލެއްވޭނެއެވެ… އެހެނަސް ޙަރާމް ގޮތުގައި ހޯދާ ކާނާއިން އޭނާ ކައި، އޭނާގެ ދަރީންނަށް ކާންދިފިނަމަ، ﷲ ތަޢާލާގެ ތައުފީޤު އޭނާއާއި ވަކިވެދެއެވެ.
ރިޒްޤު ތަނަވަސްވުމަކީ ހަމައެކަނި މުދަލުގެ ތަނަވަސްކަމެއްނޫނެވެ. އެހެނަސް ރިޒްޤުގެ ތެރޭގައި، ނަފްސުގެ ހިތްހަމަ ޖެހުމާއި، އީމާންކަމާއި، ޢިލްމާއި، ޞިއްޙަތާއި، ހެޔޮލަފާ އަނބިދަރީން ދެއްވުންވެސް ހިމެނެއެވެ.
މުކާތަބު އަޅެއް (ޞާޙިބު މީހާއަށް ލާރިދިނުމަށްފަހު އަމިއްލައަށް މިނިވަންވުމަށް ޢަޤުދު ހަދާފައިވާ އަޅެއް) ޢަލީ ރަޟިޔަ ﷲ ޢަންހު އަރިހަށް ވަޑައިގެން ދެންނެވިއެވެ. ތިމަންނާގެ ކިތާބާއަށް ލާރިދެއްކުމަށް ނުކުޅެދުންތެރި ވެއްޖެއެވެ. ތިމަންކަލޭގެފާނަށް ވާގިވެދެއްވާށެވެ. އެހިނދު ޢަލީގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ތިމަންކަލޭގެފާނަށް ދަސްކޮށްދެއްވި ދުޢާއެއް ދަސްކޮށްދެއްވަމު ހެއްޔެވެ؟ (އެދުޢާކިޔުމުން) ފަރުބަދައެއްގެ މިންވަރުގެ ދަރަންޏެއް އޮތް ކަމުގައިވިޔަސް ﷲ ތަޢާލާ ތިބާގެ ކިބައިން އެއަދާކޮށްދޭވާނެއެވެ. (އެއީ) “‏اللهم اكفني بحلالك عن حرامك، وأغنني بفضلك عمن سواك‏”‏ (މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ. އިބަރަސްކަލާނގެ ޙަރާމް ކުރެއްވި ތަކެތީގެ މައްޗަށް (އެބަހީ އެއަށް ބޭނުން ނުޖެހޭ ވަރަށް) ޙަލާލު ކުރެއްވި ތަކެތިން ތިމަންއަޅާ ފުދުންތެރިކުރައްވާފާންދެއެވެ. އަދި އިބަރަސްކަލާނގެ ފަޟްލަވަންތަވެރިކަމުން އިބަރަސްކަލާނގެ ފިޔަވާ އެހެން ފަރާތަކަށް މިއަޅާ ބޭނުންނުޖެހޭނޭ ގޮތް މިންވަރުކޮށްދެއްފާންދެއެވެ.)
18) رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا މިފަދައިން ދުޢާކުރާށެވެ.
މާތް ﷲ ތަޢާލާ ޥަޙީ ކުރައްވާފައިވެއެވެ. وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ﴿٧٤﴾ أُولَـٰئِكَ يُجْزَوْنَ الْغُرْفَةَ بِمَا صَبَرُوا وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَامًا ﴿٧٥﴾
މާނައީ: އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ! އެއުރެން ކެތްތެރިވީކަމަށްޓަކައި، ސުވަރުގޭގެ މަތިވެރި ދަރަޖަ އެއުރެންނަށް ޖަޒާއެއްގެގޮތުން ދެއްވާހުށްޓެވެ. އަދި އެތާނގައި، އެއުރެންނާ ބައްދަލުވާނީ، تحيّة އާއި، سلام ންނެވެ.

19) އަނބިމީހާގެ ނުވަތަ ފިރިމީހާގެ ޙާލަތު ރަގަޅު ކުރައްވާތޯ، އަދި ޞިއްޙަތާއި، ނަފްސުގެ ރާޙަތު ދެއްވާތޯ ދުޢާކުރާށެވެ.
ރަމަޟާން މަހުގެ ފަހު 10 ދުވަސް ފަދަ ދުޢާ އިޖާބަކުރެއްވުން ގާތްވެގެންވާ ދުވަސްވަރެއްގައި ތިމާގެ އަނބިދަރިންނަށް ދުޢާކޮށްދިނުމަކީ ޚާއްޞަކޮށް އެދެވިގެންވާކަމެކެވެ. ފާޅާއި ސިއްރުގައިވެސް ދެމަފިރިން އެކަކު އަނެކަކަށް ދުޢާކުރުން ހުއްޓެވެ. ޞައްޙަ ޙަދީޘެއްގައި ވާރިދުވެގެންވެއެވެ. “މުސްލިމަކު އޭނާގެ އަޚާއަށް ނޭނގި، އޭނާއަށްޓަކައި ދުޢާކޮށްދީފިނަމަ، މަލާއިކަތަކު، ތިބާއަށްވެސް ހަމަ އެފަދައިންވެއެވެ މިފަދައިން ދުޢާނުކުރައްވާ ދޫނުކުރައްވާނެއެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. “އަޅުކަމަކީ ދުޢާއެވެ. އެއަށްފަހު މާތް ﷲ ތަޢާލާގެ މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ. މާނައީ: އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.
20) ސަޖިދައިގައި ދުޢާކުރުން ގިނަކުރާށެވެ.
އެހެނީ ޙަދީޘްގައި ރިވާވެގެންވެއެވެ. “ﷲ ގެ އަޅާ އޭނާގެ ރައްބާއި އެއްމެ ކުއްތަންވާ ވަޤުތަކީ އޭނާ ސަޖިދައިގައި އޮންނަ ވަޤުތެވެ. ފަހެ ތިޔަބައިމީހުން ސަޖިދައިގައި ދުޢާކުރުން ގިނަކުރާށެވެ.” އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. “ދެންފަހެ ސުޖޫދުގައި ތިޔަބައިމީހުން ދުޢާކުރުން ގިނަކުރާށެވެ. ތިޔަބައިމީހުންނަށް އިޖާބަވުން ގާތެވެ.”
ސަޖިދައިގައި އޮންނަ ވަޤުތަކީ ﷲ ގެ އަޅާ، އެކަލާނގެ ޙަޟްރަތުގައި ދެންނެވުމަށް އެއްމެ ލާއިޤު ވަޤުތެވެ. މިހެންކަމުން ޢަރަބި ބަސް ނުދަންނަ މީހުންނަށް ޢަރަބި ނޫން ބަސްތަކުން ދުޢާކުރެވޭނެތޯ މިއީ ޢީލްމުވެރިން ވާހަކަފުޅު ދައްކަވާ ބަޙުޘް ކުރައްވާފައިވާ މައުޟޫޢެކެވެ. އެބައި ޢިލްމުވެރިންގެ އަރިހުގައި އެއީ ހުއްދަ ކަމެއްނޫނެވެ. އަނެއްބައި ބޭކަލުންގެ އަރިހުގައި އެއީ މަކްރޫހަ ކަމެކެވެ. އެހެނަސް ފަޟީލަތުއްޝައިޚު ޞާލިޙް ފައުޒާން ދެކިލައްވާ ގޮތުގައި، ޢަރަބި ނުދަންނަ މީހުންނަށް ނަމާދުގައި، (ފަރްޟު ޛިކުރުތަކުގެ އިތުރުން) ޢަރަބި ބަސް ނޫން އެހެން ބަސްބަހުން ދުޢާކުރެވޭނެއެވެ. މިއީ އައްޝައިޚު ޢަބްދުއްރަޙްމާން އައްސަނަދުވެސް އިޚްތިޔާރު ކުރައްވާފައިވާ ރައުޔެވެ.
21) ﷲ ތަޢާލާ ޙަޟްރަތުގައި ބިރުވެތިކަން އިތުރުކުރާށެވެ. އަދި ސަޖިދައިގައި ގިނަ އިރު ކުރާށެވެ.
މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދިޘް ކުރަޢްވާފައިވެއެވެ. “ތިޔަބައިމީހުން ސަޖިދަކުރުން އިތުރުކުރާށެވެ. ފަހެ ތިބާ ﷲ އަށް ސަޖިދައެއްކޮށްފިނަމަ، އެކަމުގެ ސަބަބުން ތިބާ ދަރަޖައެއް މަތިވެރި ނުކުރައްވާ، ފާފައެއް ނުފުއްސަވާ ދޫނުކުރެވޭނެތެވެ.”
ސަޖިދައިގެ ވަޤުތަކީ ﷲ ތަޢާލާއަށް ތިމާގެ ހުރިހާ ކަމެއް ދޫކޮށްލާ، ތަވައްކުލު ކޮށްލާ ވަގުތެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ނިކަމެތިކަން ފާޅުކުރާ ވަގުތެވެ. އެއީ އިންސާނާގެ ޙަޤީޤީ ހިތްހަމަޖެހުމުގެ އަޞްލެވެ. މާތް ﷲ ތަޢާލާ ޥަޙީ ކުރައްވާފައިވެއެވެ. وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ* فَسَبِّحْ بِحَمْدِ رَبِّكَ وَكُنْ مِنْ السَّاجِدِينَ} (الحجر: 97-98) މާނައީ: ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! އަދި سجدة ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!
22) އެއްވެސް ފުރުޞަތެއް ގެއްލުވާނުލާށެވެ. ފަރުވާކުޑަނުކޮށް ސަމާލުވާށެވެ. ލައިލަތުލް ޤަދްރި ވިލޭރޭގައިވަނީ ﷲ ތަޢާލާގެ ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންނެވެ.
ލައިލަތުލް ޤަދުރި ވިލޭރެއަކީ ކީރިތި ޤުރްއާން ދުނިޔޭގެ އުޑަށް ބާއްވާލެއްވުނު ރެޔެވެ. އެދުވަހަކީ ހެޔޮވެގެންވާ ބަރަކާތްތެރިވެގެންވާ ރެޔެކެވެ. އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގެ ހެޔޮކަމާއި ހަމަހަމަވެގެންވެއެވެ. އެދުވަހަކީ މަލާއިކަތުންނާއި ޖިބްރީލްގެފާނު ފައިބާވަޑައިގަންނަވާ ރެޔެވެ. ޢަފޫ ކުރެއްވުމާއި ފުއްސެވުން ޢާއްމު ވެގެންދާ ރެޔެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. “އީމާންކަމާއިއެކު، އަޖުރަށް އެދޭ ޙާލު ލައިލަތުލް ޤަދުރި ވިލޭރޭ ޤިޔާމުކޮށްފިމީހާއަށް އިސްވެދިޔަހާ ފާފަތަކެއް ފުއްސަވާދެއްވައެވެ.
23) ކީރިތި ޤުރްއާނުން ފަސޭހަ މިންވަރެއް ކިޔާށެވެ.
ކީރިތި ޤުރްއާނުގެ އެއްމެ އަކުރެއް ކިޔަވައިފި މީހާއަށްވެސް 10 ހެޔޮކަން ލިބެއެވެ. ކީރިތި ޤުރްއާން ފުރިހަމަކަމާއި އެކު އޭގެ ޙުކުމްތައް ދީގެން ކިޔަވާ މީހާ ވަނީ މަލާއިކަތުންނާއި އެކުއެވެ. އަދި ދަތިކަމާއިއެކު (ކޮށަކޮށައިގެން) ކީރިތި ޤުރްއާން ކިޔަވާ މީހާއަށްވެސް ދެއަޖުރުވެއެވެ. މާތް ﷲ ޥަޙީ ކުރައްވާފައިވެއެވެ. إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّـهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ ﴿٢٩﴾ لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِ ۚ إِنَّهُ غَفُورٌ شَكُورٌ ﴿٣٠﴾ މާނައީ: ހަމަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ. (އެއީ) އެކަލާނގެ އެއުރެންނަށް އެއުރެންގެ ދަރުމަ ހަމަޔަށް ދެއްވައި އަދި އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެއެވެ.
24) ލައިލަތުލް ޤަދްރި ވިލޭރޭ އިޙްޔާކުރުން، ފަޖުރާއި ހަމައަށް ދެމިގެންވެއެވެ. މަލާއިކަތުން އުޑުން ފައިބާވަޑައިގަންނަވާ، އުޑަށް އަރާވަޑައިގަންނަވާ އުޅުއްވައެވެ. މަލާއިކަތުން އުޑާއި ބިމާއި ދޭތެރޭ ދަތުރުކުރައްވައެވެ.
މާތް ﷲ ތަޢާލާ ޥަޙީ ކުރައްވާފައިވެއެވެ. تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾ މާނައި: ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمان ކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.
25) އެއްބައިމީހުންނަށް މިރޭ ލިބިގަތުމުން މަޙްރޫމުވެފައިވަނިކޮށް، ﷲ ތަޢާލާ ތިބާއަށް މިރޭތައް އިޙްޔާކުރުމުގެ ތައުފީޤު ދެއްވީތީ ޝުކުރުކުރާށެވެ.
މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިމަހުގައި ތިޔަބައިމީހުންނާއި، އެއްހާސް މައްސަރުގެ ހެޔޮކަމާއި އެއްވަރުގެ ރެޔެއް ބައްދަލުކުރެތެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމު ވެއްޖެމީހާ އެއްމެހާ ހެޔޮކަމަކުން މަޙްރޫމު ވެއްޖެއެވެ. އަދި އެރޭގެ ހެޔޮކަމުން މަޙްރޫމުވާނީ (ހަމަ ޙަޤީޤަތުގައިވެސް މަޙްރޫމުކުރެވިފައިވާ މީހެކެވެ.”
26) މިޜޭތަކުގައި ޞަދަޤާތްކުރުމަށް ހަނދުމަފުޅު ނައްތަވާނުލައްވާށެވެ. ޞަދަޤާތް ދިނުމަކީ އެކަމުގައި ގިނަގުނަ ވެގެންވާ އަޖުރު ލިބިގެންވާކަމެކެވެ.
މާތް ﷲ ގެ މަގުގައި ޞަދަޤާތްކުރާ އެއްޗަކީ ގެއްލިގެންދާނޭ އެއްޗެއްނޫނެވެ. އެއީ އޭނާގެ އާޚިރަތަށްޓަކައި ރައްކާކުރެވޭ އެއްޗެކެވެ. މާތް ﷲ ޥަޙީކުރައްވާފައިވެއެވެ. الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّـهِ ثُمَّ لَا يُتْبِعُونَ مَا أَنفَقُوا مَنًّا وَلَا أَذًى ۙ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٢٦٢﴾ މާނައީ: އެއުރެންގެ މުދާ، اللَّه ގެ މަގުގައި ހޭދަކޮށް، ދެން އެއަށްފަހު، އެއުރެން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ عمل ން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެއުރެންގެ އުޖޫރަ (އެބަހީ: ثواب) އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންނަށް ވެއެވެ. އަދި، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
އަދިވެސް ޥަޙީ ކުރައްވާފައިވެއެވެ. الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٢٧٤﴾ މާނައީ: އެއުރެންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެއުރެންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.
މާތް ﷲ ތަޢާލާ އަޅާމެން އެންމެނަށް ލައިލަތުލް ޤަދުރީގެ ހެޔޮކަން ލިބުމުގެ ހެޔޮ ތައުފީޤު ދެއްވާށެއެވެ. އާމީން.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *