ރާއްޖޭގެ ޚަބަރު

ކޯވިޑް 19 ގެ ސަބަބުން ފަޤީރުވެފައިވާ ފަރާތްތަކަށް ފިޠުރު ޒަކާތް ދެއްކިދާނެ: ޑރ ޝަހީމް

ކޯވިޑް 19 ގެ ސަބަބުން ވަޒީފާ ގެއްލި އަދި އޭގެ ސަބަބުން ފަޤީރުވެފައިވާ ފަރާތްތަކަށް ފިޠުރު ޒަކާތް ދެއްކިދާނެކަމަށް ޑރ ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅެވެފައިވާ ގޮތުގައި ކޯވިޑް 19 ގެ ސަބަބުން ވަޒީފާ ގެއްލި، ފަޤީރުވެ، މާލީދަތިކަން ޖެހިފައިވާ ފަރާތްތަކަށް ފިޠުރު ޒަކާތް ދެވިދާނެއެވެ. އަދި އެއީ ވަޤުތީ ދަތިކަމެއްވިޔަސް އެފަދަ ފަރާތްތައް ފިޠުރު ޒަކާތް ޙައްޤުވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި ހަމަ މީގެ އިތުރުން ޑރ ޝަހީމު ވިދާޅުވާ ގޮތުގައި ދިވެހި ރާއްޖޭގައި ދިރިއުޅޭ، ދަތި ޙާލު ޖެހިފައިވާ މުސްލިމް ބިދޭސީ ފަރާތްތަކަށްވެސް ފިޠުރު ޒަކާތް ދެވިދާނެއެވެ. އަދި އަމިއްލަ ފަރާތަކުން، އެފަދަ ޙާލެއް ޖެހިފައިވާ ބޭފުޅަކަށް ފިޠުރު ޒަކާތް ދެއްވައިފިނަމަ، ޝަރްޢީ ގޮތުން އެބޭފުޅަކު ފިޠުރު ޒަކާތް ދެއްކެވިކަމަށް ބެލެވޭނެކަމަށާއި، އެދެއްވި ދެއްވުން ޞައްޙަވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ، މިއަހަރު އިސްލާމިކް މިނިސްޓްރީން ކޯވިޑް 19 އާއި ވިދިގެން ދަތިކަން ދިމާވެފައިވާ ފަރާތްތައް ފަޤީރުންގެ ލިސްޓަށް ނާރާނޭ ކަމަށް ވިދާޅުވެފައިވަނިކޮށެވެ. އިސްލާމިކް މިނިސްޓްރީން މިގޮތަށް ޢަމަލު ކުރައްވާފައިވަނީ ކޯވިޑް 19 އާއި ވިދިގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކުން، އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *