ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ވެބްސައިޓެއް ހުޅުވައިފިއެވެ.
މިވެބްސައިޓު ހުޅުއްވައިދެއްވީ މި ހޮނިހިރު ދުވަހު އޮންލައިންކޮށް ބޭއްވުނު ބައްދަލުވުމެއްގައި މިނިސްޓަރ އޮފް އާރޓްސް އެންޑް އެންޑް ކަލްޗަރ ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫނާއި، ވިލާތުގެ އިއްތިޙާދު (އީޔޫ) އިން ދިވެހިރާއްޖެއާއި ސިލޯނަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑެނިސް ޗައިބީއެވެ.
މީގެ އިތުރުން މި ޖަލްސާގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް އެންޑް ކަލްޗަރ ހެރިޓޭޖް މުޙައްމަދު ޠާރިޤާއި، ހަމަ އެވުޒާރާގެ ޕާރްމަނަންޓު ސެކެރެޓަރީ ޝަމްޢޫނު ޙަމީދާއި، ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް ޙައްވާ ނަޒްލާއާއި، ވެބް ސައިޓު ތައްޔާރު ކުރެއްވި މަޢުރޫފް ޖަމީލާއި ވެބްސައިޓު ފަރުމާކުރެއްވި މުޢައްވަޒު ޔޫސުފް، އަދި އީޔޫ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޕޮލިޓިކަލް ޓްރޭޑް އެންޑް ކޮމިއުނިކޭޝަންސް ސެކްޝަންގެ ވެރިޔާ ތޯސްޓަން ބާގްފްރީޑް ވެސް ބައިވެރިވެ ވަޑައިގަތެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީން ނެރުއްވާފައިވާ ނޫސް ބަޔާނުގައި ވިދާޅުވާ ގޮތުން މިވެބްސައިޓު ތަޢާރަފު ކުރުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ، އެމިސްކިތްތަކުގެ މުހިއްމުކަން ފާހަގަކުރުމެވެ. އެހެނީ ދިވެހި ހިރިގަލު މިސްކިތްތަކަކީ ދުނިޔޭގެ ނިސްބަތުންވެސް ތަފާތު ޚާއްޞަ ޞިފަތަކެއް ލިބިގެންވާ، ދިވެހީންގެ ފަންނުތައްކަމަށްވާ، ހިރިގަލުގައި ކުރެހުމާއި، ބޮޑު އަކުރު (ކެލިގްރަފީ) އެޅުމާއި، ލިޔެލާޖެހުން ފަދަ ހުނަރުތައް ދައްކުވައިދޭ މިސްކިތްތަކެކެވެ.
މިފަދަ ފަންނުވެރި ބިނާތަކުން ދިވެހީން ޒަމާނުއްސުރެ މިސްކިތްތަކަށް ދީފައިވާ އަހައްމިއްޔަތު ފާހަގަކުރެވެއެވެ. އަދި މިސްކިތްތައް އާބާދު ކުރުމަށް ކޮށްފައިވާ ރަމްޒީ މަސައްކަތްތައް ތަޞައްވުރުކުރެވެއެވެ. މިހެންކަމުން މިހުނަރުތައް ދައްކުވައިދޭ ގޮތަށް މިނިސްޓްރީއިން ހުޅުއްވާފައިވާ މިވެބްސައިޓުގެ ވެބް އެޑްރެހަކީ www.coralstonemosques.com އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...