ރިޕޯޓްދީނީ ލިޔުން

ބަދުރު ހަނގުރާމަ

ބަދުރު ހަނގުރާމަ ހިނގީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުގައެވެ. މި ހަނގުރާމަ ކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ ، ކުރީ ފަހަރެއްގައި މުސްލިމުން ދިމާކުރި ޝާމަށް ދިޔަ ޤުރަޝީ ޤާފިލާއެއް، މުސްލިމުން އަތު ނުޖެހި ފިލައިގެން ދިޔައެވެ. ދެން އެނބުރި އަންނަ ވަގުތަކަށް ބަލަބަލާ ތިބުމަށް ރަސޫލާ، ޠަލްޙާ ބިން ޢުބައިދުއްﷲ އާއި ސަޢީދު ބިން ޒައިދު ފޮނުއްވިއެވެ.

މި ދެ ބޭފުޅުން އަލްޙައުރާއޭ ކިއުނު ހިސާބުގައި ޚަބަރު ދަބަރު ބަލަން ތިއްބަވަނިކޮށް، މި ހިސާބުން އަބޫ ސުފްޔާނުގެ ވެރިކަމުގެ ދަށުގައި ދަތުރު ކުރަމުންދާ ޤާފިލާއެއް އަންނަކަން އެނގިއްޖެއެވެ.

މި ޤާފިލާގައި މުސްލިމުން ރަށުން ބޭރުކޮށް، މުދާކޮޅު ނިގުޅައިގަތް މައްކާގެ ބޮޑުންގެ ގިނަ ޢަދަދެއްގެ މުދަލާއި ސާމާނު ހުއްޓެވެ. ފަންސާސް ހާސް ދީނާރަށްވުރެ އަގު ހުރި 1000ޖަމަލުގެ މުދާ މި ޤާފިލާގައި ހުއްޓެވެ. އަދި ޤާފިލާގެ ފާރަވެރިންގެ ގޮތުގައި ތިބީ އެންމެ 40 ހަކަށް މީހުންނެވެ.

މިއީ މައްކާގެ މުޝްރިކުންގެ އިޤްތިޞާދުގެ މައި ބަދައިގައި ޖެހޭނެ ރަނގަޅު އެތިފަހަރެއް ޖެހޭނެ ރަނުގެ ފުރުސަތެއްކަން މުސްލިމުންނަށް ވިސްނުނެވެ. ދެން ރަސޫލާގެ އެންގެވުމުގެ މަތިން މި ޤާފިލާއާއި ދިމާކުރުމަށް ނިންމުނެވެ. މި ހަނގުރާމަ އަކީ ހަމައެކަނި ޤާފިލާއަކާއި ދިމާކުރަން ދާ ލަޝްކަރެއްކަމުން، ލަޝްކަރާއެކު ނުކުތުމަށް އެއްވެސް ބަޔަކަށް ރަސޫލާ މަޖްބޫރު ނުކުރައްވައެވެ. އޮތީ ބޭނުން ބަޔަކު ދާ ގޮތަށެވެ. ޤާފިލާގެ ބަދަލުގައި މުޝްރިކުންގެ ބިޔަ ލަޝްކަރަކާއި ބައްދަލު ކުރަން ޖެހިދާނެކަމަކަށް މުސްލިމުން އޭރު ނުބަލައެވެ.

އިސްލާމީ ލަޝްކަރުގެ ބާރު:

ކީރިތި ރަސޫލާ އަރިއަހުގައި މި ލަޝްކަރާއެކު ނުކުތީ ތިންސަތޭކަ ކޮންމެވެސް ވަރަކަށް މުސްލިމުންނެވެ. (313 ނުވަތަ 314 ނުވަތަ 317 އެވެ.) އެއީ މުހާޖިރުންގެ 82 ނުވަތަ 83 ނުވަތަ 86 މުސްލިމުންނެވެ. އަދި އައުސް ވަންހައިގެ 61، ޚަޒްރަޖު ވަންހައިގެ 170 އެވެ. އަސްވެސް އޮތީ އެންމެ އަހެއް ދެ އަހެއް ވަރެވެ. 70 ޖަމަލު އޮތެވެ. ޖަމަލެއްގައި ތިބީ ދެ މީހުން ނުވަތަ ތިން މީހުންގެ މަގުންނެވެ.

މުސްލިމުންގެ މައި ލަޝްކަރުގެ ހުދުކުލައިގެ ދިދަ ހިއްޕެވީ، މުޞްޢަބު ބިން ޢުމައިރު އަލްޤުރަޝީއެވެ. ލަޝްކަރު ބަހާލެވިފައިވަނީ ދެ ކަތީބާ (ބްރިގޭޑް) އަކަށެވެ. އެއީ މުހާޖިރުންގެ ކަތީބާ، ދިދަ ހިއްޕެވީ ޢަލީގެފާނު، ދެން އަންޞާރީންގެ ކަތީބާ، ދިދަ ހިއްޕެވީ ސަޢްދު ބިން މުޢާޛް އެވެ.

މި ލަޝްކަރާއިގެން ކީރިތި ރަސޫލާ މައްކާއަށް ދެވޭ މައި މަގާއި ދިމާލަށް މިސްރާބު ކުރެއްވިއެވެ. އަދި ރައުޙާއު ފެންވަޅު ކައިރީގައި މަޑު ކުރެއްވުމަށްފަހު ވާއަތަށް މިސްރާބު ކުރެއްވިއެވެ. އަދި ބަދުރާއި ދިމާއަށް ވަޑައިގަތެވެ. އަދި ޖާސޫސް ކުރުމަށްޓަކައި ބަސްބަސް ބިން ޢަމްރޫ އާއި ، ޢުދައްޔު ބިން އުބައްޔު ފޮނުވުނެވެ.

ކޮންމެ އަކަސް އަބޫ ސުފްޔާންވެސް ހުރީ މި ޤާފިލާއާ ވަރަށް ހުޝިޔާރުވެގެންނެވެ. މި މަގު މިހާރު ނުރައްކާވެފައި ވާ މިންވަރު އޭނާއަށްވެސް ވިސްނި ދިމަދިމާލަށް ''ލޯ'' (ޖާސޫސުން) ފޮނުވައިގެން ވާ ނުވާ ބަލައި ޚަބަރި އެއްކުރަމުން، އަބޫ ސުފްޔާން ދިޔައެވެ. އަދި މުސްލިމުންގެ ލަޝްކަރެއް މި ހިސާބު ގަނޑުގައި އުޅޭކަން އެނގިއްޖެއެވެ. އަދި ވަގުތުން މީހަކު މައްކާއަށް ފޮނުވައި، ކަންތައް ވަރަށް ގޯސްވެއްޖެ ކަން އެންގިއެވެ. އަދި ވީ އެންމެ އަވަހަކަށް އެހީ ފޮނުވުމަށްވެސް އެދުނެވެ. މައްކާއަށް ފޮނުވުނު މީހާ ހެދުން ވީދާލައި، ރަށު ތެރެއަށް ހަވަރު އެއްކޮށް، ޤުރައިޝުންގެ ޤާފިލާއަށް މުޙައްމަދުގެފާނުގެ ލަޝްކަރު ދިމާ ކުރަން އެބަ އުޅޭ ކަމަށާއި ކަމުގެ ނުރައްކާ ހާމަކޮށްދީފިއެވެ.

މައްކާ މީހުން ތައްޔާރުވުން:

މައްކާ މީހުން ފޯރި އަރުވައިގަނެ، ކުރީ ފަހަރު އިބްނުލް ޙަޟްރަމީގެ ޤާފިލާއަށް ވީހެން މިފަހަރު ނުވާނެކަން މުޙައްމަދަށް މިފަހަރު ދައްކާލާނަމޭ ބުނެ ބޮޑު ހަނގުރާމައަކަށް ތައްޔާރުވާން ފެއްޓިއެވެ. ބޮޑު ސިންގާ ލަޝްކަރެއް މުޝްރިކުން ތައްޔާރު ކުރިއެވެ. މައްކާގެ ބޮޑުން ކުރެ ހަނގުރާމައަށް ނުދަނީ އަބޫ ލަހަބު އެކަންޏެވެ. އަބޫ ލަހަބުވެސް ބަދަލުގައި މީހަކު ފޮނުވިއެވެ. މީގެ އިތުރަށް ކައިރި ޤަބީލާތަކުގެ މީހުންވެސް، ބަނީ ޢުދައްޔު ފިޔަވައި، އެއްކޮށްގެން، ލަޝްކަރު މިސްރާބު ފައްޓައިފިއެވެ.

މުޝްރިކުންގެ ޢަދަދު:

މި ލަޝްކަރުގެ ބޮޑު މިނަކީ ދަތުރު ފެއްޓިއިރު ގާތްގަނޑަކަށް އެއްހާސް ހަނގުރާމަވެރިންނެވެ. އެކުގައި ސަތޭކަ އަހާއި ހަސަތޭކަ ހަނގުރާމަ މަތީ ހެދުން އޮތެވެ. އަދި ވަރަށް ގިނަ ޢަދަދެއްގަ ޖަމަލުވެސް ހުއްޓެވެ. އިސްވެރިއަކަށް ހުރީ އަބޫ ޖަހުލް އެވެ. ކުރީއްސުރެ ބަނީ ބަކުރު ޤަބީލާއާއި ޤުރައިޝުންނާއި އޮންނަ ދުޝްމަން ކަމެއް އޮވެއެވެ. އަދި މިހާ ބޮޑު ލަޝްކަރަކާއި އެކީ ނުކުމެ އުޅެނިކޮށް މިބައި މީހުން ފަހަތުން ހަމަލާ ދީ، ދެ ފަރާތުން ދަންތުރަ ޖެހިދާނެ ކަމުގެ ބިރުވެރިކަންވެސް މުޝްރިކުންނަށް އޮތެވެ، ނަމަވެސް އެ ދޭތެރެއަށް އިބިލީސް، ސުރާޤަތު ބިން މާލިކްގެ ސިފަ ޖެހިގެން އައިސް ނުރައްކަލެއް ނުވާނެ ކަމުގެ ޔަޤީންކަން ދިނެވެ.

ޢަދާވާތްތެރިކަމުން ކެކިއަރަ އަރާ އޮތް މި ލަޝްކަރު، އަވަސް ފިޔަވަޅުތަކެއްގައި މުސްލިމުންނާ މުޤާބަލާ ކުރަން ދިޔައެވެ. އާދެ ބަދުރާ ދިމާލަށެވެ. ނަމަވެސް އަލްޖުޙްފާއާއި ހަމައަށް ދެވުނު ތަނާ، ޤާފިލާ ސަލާމަތް ވެއްޖެ ކަމަށާ، އެނބުރި މައްކާއަށް ދިއުމަށް ބުނެފައިވާ އަބޫ ސުފްޔާނުގެ ސިޓީއެއް ލިބުނެވެ.

މުޝްރިކުންގެ ލަޝްކަރު އެނބުރި އަންނަން އުޅުން:

މި ސިޓީ ލިބުމުން، ލަޝްކަރު އެނބުރި ދާން މީހުންތައް ކިޔައި ގަތެވެ. ނަމަވެސް އަބޫޖަހުލަށް މިއީ ކަމުދާ ޚިޔާލަކަށް ނުވިއެވެ. އޭނާ ބޭނުންވީ، ކިބުރުވެރިކަމާއި ބޮޑާކަން އެހެން މީހުންނަށް ދައްކާފައި ދާށެވެ. އެގޮތުން ބުންޏެވެ" ބަދުރާއި ހަމައަށް ދެވުމުގެ ކުރިން އަހަރެމެން އެނބުރި ނުދާނެކަމަށް ހުވާ ކުރަން، އެތާގައި ތިންދުވަސް ވަންދެން މަޑު ކޮށްފައި، ޖަމަލު ކަތިލައި ކައި، ރާ ބޮއެ، މިއުޒިކު ކުޅެ ހަދާނީ. އެހެން ހެދުމުން އެހެން ޢަރަބިންނަށްވެސް އަހަރެމެން މިތަނަށް ހަނގުރާމަ ކުރަން އައި ކަމާއި، އަހަރެމެންގެ ބާރުގަދަކަން އިޙްސާސް ކުރެވި އަހަރެމެން ދެކެ ފަސްޖެހި ބިރުގަންނަ ގޮތްވާނެ''

އަބޫ ޖަހުލު މިހެން ބުންޏަސް އަޚްނަސް ބިން ޝަރީޤް އޭނާއާއި އެކީ ދިޔަ ބަނީ ޒަހްރާ ޤަބީލާގެ މީހުންނާއިގެން އެނބުރި މައްކާއަށް ހިނގައްޖެއެވެ. އެވަރުންވެސް އަބޫ ޖަހުލު ގޮތް ދޫނުކޮށް ބަދްރާއި ކައިރިއަށް ދިޔައެވެ.

މުސްލިމުންގެ ލަޝްކަރު އުނދަގޫ ފައްތަރެއްގައި:

މުސްލިމުންގެ ލަޝްކަރުގެ ޖާސޫސުންގެ ފުށުން، ޤާފިލާ ފިލައިފި ކަމާއި އަބޫޖަހުލުގެ މި ބޮޑު ލަޝްކަރު އެބަ އޮތްކަން އެނގިއްޖެއެވެ. ނަމަވެސް ރަސޫލާ ވިސްނައިވަޑައިގަތުމުން އެނގިވަޑައިގަތް އެއްޗަކީ، މި ފަހަރު މިއީ ކޮންމެވެސް ކޮޅެއްގައި ޖައްސަން ޖެހޭ ފަހަރެއް ކަމަށެވެ. އަދި މި ސަރަހައްދުގައި މައްކާގެ ލަޝްކަރު ބޭނުން ގޮތަކަށް އެނބުރެން ދޫކޮށްފިނަމަ، އެއީ މުޝްރިކުންނަށް އިސްތުރާތީޖީ ގޮތުން ލިބޭނެ ބޮޑު ކާމިޔާބީއެއް ކަމާއި، މުސްލިމުންގެ ހައިބަތު ކުޑަވާނެ ކަމެއްކަންވެސް ރަސޫލާއަށް އެނގިވަޑައިގަތެވެ. ކިއެއްތަ ހަނގުރާމަ ނުކޮށްފިނަމަ މުސްލިމުންގެ ދައުލަތް ވާނީ، ރޫޙެއް ނެތް ހަށިގަނޑަކަށެވެ. އަނެއްކޮޅުން ހަނގުރާމަ ނުކުރިއްޔާ، މައްކާ ލަޝްކަރު މަދީނާއާއި ދިމާކުރަން ނާންނާނެކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެހެން ވެއްޖެނަމަ މުޝްރިކުން މުސްލިމުންގެ ގެދޮރި ސުންނާފަތި ކުރާނެއެވެ.

މަޝްވަރާ މަޖިލިސް:

ކުއްލިއަކަށް މި ދިމާވި ޢަސްކަރީ ހާލަތާއި ގުޅިގެން ރަސޫލާ މަތީފެންވަރުގެ ޢަސްކަރީ މަޝްވަރާ މަޖިލިހެއް ބޭއްވިއެވެ. އޭގައި މިހާރު ކަންތައް އޮތް ގޮތާއި، ކަންތައް ވެދާނެ ގޮތް ކިޔައި ދެއްވިއެވެ. އަދި އެހެން މީހުންގެ ޚިޔާލު ހޯއްދެވިއެވެ. އެ ހިނދު މުސްލިމުންގެ ބައެއް މީހުންގެ ހިތަށް ބިރުވެރިކަން ވަދެ ފިނޑިވާ ގޮތްވިއެވެ. ސޫރަތުލް އަންފާލްގެ 5، 6 އާޔަތުގައި ބަޔާން ކުރެވިފައިވަނީ މި ބައި މީހުންގެ ވާހަކައެވެ. كَمَا أَخْرَجَكَ رَبُّكَ مِن بَيْتِكَ بِالْحَقِّ وَإِنَّ فَرِيقاً مِّنَ الْمُؤْمِنِينَ لَكَارِهُونَ يُجَادِلُونَكَ فِي الْحَقِّ بَعْدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى الْمَوْتِ وَهُمْ يَنظُرُونَ

މާނައަކީ: ''ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ، ކަލޭގެފާނުގެ ގެކޮޅުން ޙައްޤު ގޮތުގައި ނެރުއްވިކަން ވީފަދައިންނެވެ. ހަމަ ކަށަވަރުން މުއުމިނުންގެ ތެރެއިން ބަޔަކު އެކަމާއި ނުރުހުންވެގެންވާކަން ކަށަވަރެވެ. * ޙައްޤުފާޅުވެ ބަޔާން ވުމަށްފަހުވެސް، ޙައްޤާއިމެދު އެބައި މީހުން ކަލޭގެފާނާއި ޖަދަލު ކުރެއެވެ. އެބައި މީހުން ބަލަބަލާ ތިއްބާ، މަރަށް ގެންދެވޭ ބަޔަކު ކަމުގައި އެބައި މީހުން ވާކަހަލައެވެ.''

ލަޝްކަރުގެ އިސް އަމުރުވެރިން ކަމަށްވާ އަބޫބަކުރު ޢުމަރު ޢަލީ ހަނގުރާމަ ކުރެއްވުން އެއީ ﷲ އާއި ރަސޫލާ އަށް ފެނިވަޑައިގަންނަވާ ގޮތް ނަމަ ކުރައްވަން ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވިއެވެ. ލަޝްކަރުގެ ބޮޑު ބަޔަކީ އަންޞާރުންކަމަށް ވުމުން، އަންޞާރުންގެ ޚިޔާލުވެސް ރަސޫލާ ހޯއްދެވިއެވެ. އަދި އަންޞާރުންވެސް ހަނގުރާމަ ކުރަން ތައްޔާރު ކަމަށް ބުނުމުން ލަޝްކަރާއިގެން ކުރިއަށް ވަޑައިގަތެވެ. އަދި އެއްކުރެވުނު މަޢްލޫމާތުން މައްކާގެ ލަޝްކަރުގެ ޢަދަދުވެސް ހޯދައިގަނެވުނެވެ.

ވާރޭވެހުން:

އެރޭގައި ވަރަށް ބޯ ވާރެއެއް މާތް ﷲ އެ ތަނަށް ވެއްސެވިއެވެ. މުޝްރިކުންނަށް އެ ވެގެން ދިޔައީ މުޞީބާތެއްފަ ބޯ ވާރެއަކަށްވެ. މުސްލިމުންނަށް ވީ ނިޢްމަތަކަށެވެ. އެ ހިސާބުގެ ފަސްގަނޑު ހަރުވެ، ޠާހިރުވެ، ހިތްވަރު ލިބޭ ގޮތްވިއެވެ.

ޢަސްކަރީ ތަންތަން ނެގުން:

ރަސޫލާ މުޝްރިކުންނަށްވުރެ ކުރިން ބަދްރުގެ ފެންވަޅު ކައިރިއަށް ވަޑައިގަތެވެ. އެއީ މުޝްރިކުން ފެނުން މަޙްރޫމަ ކުރުމަށްޓަކައެވެ. އަދި ފެންވަޅުތަކުގެ ތެރެއިން އެންމެ ޤުރައިޝުންނާއި އެންމެ ކައިރި ވަޅާއި ހަމައަށް ގޮސް، އެވަޅުތައް ބަރައި މުސްލިމުން ވަކިން ތަނެއްގައި ފެން ރައްކާ ކުރުމަށް ނިންމުނެވެ.

ޤިޔާދީ މަރުކަޒު:

ފެންވަޅުތަކަށް ބާރު ފޯރުވައި ނިމުމުން، ރަސޫލާ ހުންނަވާނެ ފޭލިގެކޮޅެއް ހެދުމުގެ ޚިޔާލު ސަޢްދު ބިން މުޢާޛް ހުށައެޅުއްވިއެވެ. އަދި ހަނގުރާމައިގައި ބަލިވެ ރަސޫލާއަށް ނުރައްކަލެއް ވިޔަ ނުދިނުމުގެ ރައްކާތެރި ފިޔަވަޅުތައް އެޅުނެވެ. ދެން ރަސޫލާ ސަޢްދު ބިން މުޢާޛް ގެ ހިތްޕުޅުގައި ރަސޫލާއަށައި މުސްލިމުންގެ މަސްލަހަތަށް އޮތް ސަމާލުކަމެއްގެ ބޮޑުކަމުން އެކަލޭގެފާނަށް ހެޔޮ ދުޢާކުރެއްވިއެވެ. އަދި ހަނގުރާމައިގެ ވާނުވާ ފެންނާނެފަދަ އުސް ވެލި ފުންޏެއް މަތީގައި ފޭލިގެ ޖެހުނެވެ. އެތަން ރައްކާތެރި ކުރަން ތިއްބެވީ ސަޢްދު ބިން މުޢާޛްއާއި އަންޞާރީ ޒުވާނުންކޮޅެކެވެ.

އަދި އެ ރޭ ރޭގަނޑު، ލަޝްކަރަށް ހިތްވަރު ދެއްވާ އިރުޝާދު ދެއްވުމުގައި ރަސޫލާ މަޝްޣޫލުވެވަޑައިގަތެވެ. މުސްލިމުންގެ ހިތްތަކަށް މާތް ﷲ ވަނީ ހިތް ހަމަ ޖެހުމާއި ޔަޤީންކަން ވައްދަވާފައެވެ. އަދި މުސްލިމުން ހިތްހަމަޖެހިގެން ފުން ނިންޖެއް ނިދިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ސޫރަތުލް އަންފާލްގެ 11 ، 12 ، 13 ، 14 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ: إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّن السَّمَاء مَاء لِّيُطَهِّرَكُم بِهِ وَيُذْهِبَ عَنكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَى قُلُوبِكُمْ وَيُثَبِّتَ بِهِ الأَقْدَامَ * إِذْ يُوحِي رَبُّكَ إِلَى الْمَلآئِكَةِ أَنِّي مَعَكُمْ فَثَبِّتُواْ الَّذِينَ آمَنُواْ سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُواْ الرَّعْبَ فَاضْرِبُواْ فَوْقَ الأَعْنَاقِ وَاضْرِبُواْ مِنْهُمْ كُلَّ بَنَانٍ  * ذَلِكَ بِأَنَّهُمْ شَآقُّواْ اللّهَ وَرَسُولَهُ وَمَن يُشَاقِقِ اللّهَ وَرَسُولَهُ فَإِنَّ اللّهَ شَدِيدُ الْعِقَابِ  * ذَلِكُمْ فَذُوقُوهُ وَأَنَّ لِلْكَافِرِينَ عَذَابَ النَّارِ 

މާނައަކީ: "އެންމެން އެކުލެވޭ ގޮތުގައި ނިދިޖެހުމެއް ތިޔަބައި މީހުންގެ މައްޗަށް، އެކަލާނގެ ފޮނުއްވި ހިނދެވެ. އެކަލާނގެ ޙަޟުރަތުން ފޮނުއްވި އަމާންކަމެއްގެ ގޮތުގައެވެ. (އެބަހީ ނަޞްރާއި މެދު ލިބުނު ޔަޤީންކަމަކާއި ހިތްހަމަ ޖެހުމެއްގެ ގޮތުގައެވެ.) އަދި އެއިން އެކަލާނގެ ތިޔަބައި މީހުން ޠާހިރު ކުރައްވައި، ޝައިޠާނާގެ ވަސްވާސް ތިޔަބައި މީހުންގެ ކިބައިން ފިއްލަވައި، ތިޔަބައި މީހުންގެ ހިތްތަކަށް ގަދަކަން ދެއްވައި، ތިޔަބައި މީހުންގެ ފައިތިލަތައް ހަނގުރާމައިގެ މައިދާނުގައި ސާބިތު ކުރެއްވުމަށްޓަކައި (އެ ބަހީ ހަރުލާނެ ގޮތް މެދުވެރިވުމަށްޓަކައި)، އެހިނދު ތިޔަބައި މީހުންގެ މައްޗަށް އުޑުން ވާރޭފެން ފައިބާއިލެއްވިއެވެ. * ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވި ހިނދެވެ. ހަމަ ކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައި މީހުންނާއި އެކު ވޮޑިގެން ވަމެވެ. ކާފިރުވީ މީސްތަކުންގެ ހިތްތަކުގެ ތެރެއަށް، ބިރުވެރިކަން ތިމަން ރަސްކަލާނގެ ލައްވާ ހުށީމެވެ. ފަހެ ކަނދުރާތަކުގައި ތިޔަބައި މީހުން ކަނޑިތަކުން ތަޅާށެވެ. އަދި އެބައި މީހުންގެ ކޮންމެ އިނގިލި ކުރިއެއްގައި ތަޅާށެވެ. (އެބަހީ ބޯތަކާއި އަތްފައި ކަނޑައި ޤަތުލުކުރަމުން ދާށެވެ.) * އެއީ އެބައި މީހުން ﷲ އާއި ރަސޫލާއަށް ނުކިޔަމަންތެރިވެ ދެކޮޅުވެރި ވީ ކަމަށްޓަކައެވެ. ﷲ އާއި ރަސޫލާއަށް ނުކިޔަމަންތެރިވެ ދެކޮޅުވެރި ވާ މީހާ ދަންނާށެވެ. ފަހަ ހަމަކަށަވަރުން މާތް ﷲ އީ ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. * އެއީ އެބައި މީހުންނަށް އެކަން އޮތް ގޮތެވެ. ފަހެ އެކަމުގެ ރަހަ ތިޔަބައި މީހުން (ކާފިރުން) ލިބިގަންނާށެވެ. އަދި ހަމަ ކަށަވަރުން ކާފިރުންނަށްޓަކައި ނަރަކައިގެ ޢަޛާބު ހުއްޓެވެ.''

މުޝްރިކުން ބައިބައިވެފައި:

އަނެއްކޮޅުން މުޝްރިކުންގެ ލަޝްކަރު އެރޭ ހޭދަކުރީ ކޯޅުން ގަނޑެއްގެ ތެރޭގައެވެ. އަދި މުސްލިމުންގެ ލަޝްކަރުގެ ޢަދަދު ބެލުމަށްޓަކައި ޢުމައިރު ބިން ވަހްބު އަލްޖުމަޙީ ފޮނުވުނެވެ. އޭނާ އެ ހިސާބު ގަނޑުގައި އެނބުރި ގޮސް، މުސްލިމުންގެ ތިބީ ތިން ސަތޭކަ ނުވަތަ އެއަށްވުރެ ކުޑަކޮށް މަދު ނުވަތަ ކުޑކޮށް ގިނަ ޢަދަދެއް ކަމަށް ބުންޏެވެ. އަދި ފަހަތުން އެހެން ލަޝްކަރެއް ނުވަތަ މަދެއް އެބައާދޭތޯ ބަލާށޭ ކިޔާފައި ވާދީގެ ދުރު ހިސާބަކަށް އަސް ދުއްވާފައި އެނބުރި އައިސް އެފަދަ އެއްވެސް ކަމެއްގެ ނިޝާނެއް ނުފެންނަ ކަމަށް، ކާފިރި ލަޝްކަރަށް އެންގިއެވެ.

މިހެން މިވާހަކަ ބުނެފައި، މުސްލިމުންގެ ލަޝްކަރުން ބޮޑު ނުރައްކަލެއްގެ ކުލަވަރު ފެންނަކަމަށްވެސް ބުންޏެވެ. މި ހިސާބުން އަނެއްކާ ހަނގުރާމަ ކުރަން ފައި ވިއްދާލައިގެން ހުރި އަބޫ ޖަހުލާއި ދެކޮޅު އަޑު އުފުލެން ފެށިއެވެ. ހަނގުރާމަ ނުކޮށް އެނބުރި ރަށަށް ދިއުމަށް ގޮވާލެވުނެވެ. އަދި ޙަކީމް ބިން ޙުޒާމް ޢަތަބާ ބިން ރަބީޢާ ކައިރިއަށް އައިސް ބުންޏެވެ.'' އޭ އަބޫ ވަލީދެވެ. ކަލެއަކީ ޤުރައިޝުންގެ ބޮޑު ބަސްވިކޭ މީހެކެވެ. ކިޔަމަން ގަނެވޭ މީހެކެވެ. ވީމާ މުޅި ޒަމާނަށްވެސް ދެމިގެންދާފަދަ ހެޔޮ ކަމެއް ކުރިއްޔާ ކީއްހެއްޔެވެ؟ '' ޢަތަބާ ބިން ރަބީޢާ ސުވާލު ކުރިއެވެ. '' އެއީ ކޮން ކަމެއް ހެއްޔެވެ؟ ''

ޙަކީމް ބިން ޙުޒާމް: '' ލަޝްކަރާއިގެން އެނބުރި ދިއުމެވެ."

ދެން ޢަތަބާ ބިން ރަބީޢާ މި ކަމާއި އެއްބަސްވެ، ތެދުވެ އެންމެން އެއްކޮށް ހަނގުރާމަ ކުރުމަކީ ފައިދާއެއް ހުރި ކަމެއް ނޫންކަމަށް ބުނެ ޚުތުބާ ދޭން ފެއްޓިއެވެ. އަދި ޙަކީމް ބިން ޙުޒާމް އަބޫ ޖަހުލު ކައިރިއަށް ގޮސް، މިވެނި މިވެނި ވާހަކައެއް ބުނެފައި ފޮނުވައިގެންނޭ ބުނެ ހަނގުރާމަ ނުކުރާވާހަކަ ވާހަކަ ކިޔައިދީފިއެވެ. އެ ހިނދު އަބޫ ޖަހުލު އައި އައި ރުޅީގައި ބަދު ދުޢާއެއްގެ ގޮތުން މުޙައްމަދު ފެނުމުން ''އޭނާގެ ފުއްޕާމޭ ފުފޭނެއޭ'' ބުންޏެވެ. އަދި ހަނގުރާމަ ކޮށްފައި ވާނެ އެއްޗެއްވެ ކޮންމެވެސް ކޮޅެއްގައި ޖައްސާފައި ނޫނީ ނުދާނެކަމަށްވެސް ބުންޏެވެ.

އަބޫ ޖަހުލު މި ބަދު ދުޢާ ކުރި ޚަބަރު ޢަތަބާއަށް ލިބުމުން އޭނާ ބުންޏެވެ. ''މޭ ފުފުނީ އަހަރެންކަން އޭނާކަން، ވައި ބޭރު ކުރާ މީހާއަށް އަދި އެނގޭނެއެވެ.'' ހަނގުރާމައާއި ދެކޮޅު ޚިޔާލު އިތުރުވެދާނެ ކަމުގެ ބިރުން، އަބޫ ޖަހުލު ޢާމިރް ބިން އަލްޙަޟްރަމީ ކައިރިއަށް ގޮސް އޭނާގެ ބޭބެގެ މަރަށް ބަދަލު ހިފަން ހުތް ލައިދީ ހަނގުރާމަ ކުރުމުގެ ހުޅުގަނޑު އިތުރު ކުރުވިއެވެ.

ސުން ގަޑި:

ހަނގުރާމައިގެ ފުރަތަމަ ދަރަށް ވެގެން ދިޔައީ އަސްވަދު ބިން ޢަބްދުލް އަސަދު އަލްމަޚްޒޫމީއެވެ. މީނާ ފެންވަޅުން ފެން ބޯނަމޭ، ނޫނީ އެ ހަލާކު ކުރާނަމޭ ނޫނީ މަރޭވާނީ ކިޔައި ހުވާކޮށްފައި މުސްލިމުންނާ ދެކޮޅަށް ނުކުތެވެ. އެ ހިނދު ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބް ނިކުމެވަޑައިގެން ޖެއްސެވި އަތިފަހަރަކުން ފައި ބުރިވިއެވެ. އެވަރުންވެސް ފެންވަޅާއި ދިމާލަށް ދާން ފެށުމުން އެތިފަހަރެއް ޖައްސަވާ އޭނާ މަރައިލިއެވެ.

މިއަށްފަހު މުޝްރިކުންގެ އެންމެ މޮޅު ތިން އަސްވާރުން ނުކުތެވެ. އެއީ އެއް ޢާއިލާއެއްގެ ޢަތަބާ އާއި އޭނާގެ ބޭބެ ޝައިބާ އާއި ވަލީދު ބިން ޢަތަބާއެވެ. މުސްލިމުންގެ ތެރެއިން މި މީހުންނާ މުޤާބަލާ ކުރައްވަން ނުކުމެވަޑައިގަތީ އަންޞާރީން ބޭކަލުން ކަމުގައިވާ ޙާރިޘްގެ ދެ ދަރިން ކަމުގައި ޢައުފްއާއި މުޢައްވިޛް އެވެ. ދެން ޢަބްދުﷲ ބިން ރަވާޙާއެވެ. ނަމަވެސް މުޝްރިކުން ބޭނުންވީ ބޮޑުބޭބެގެ ދަރިންނާއި ކުރިމަތިލާށެވެ. އެހެންވެ ދެން ނުކުތީ ޢުބައިދާ ބިން އަލްޙާރިޘްއާއި ޙަމްޒާއާއި ޢަލީއެވެ.

ޢުބައިދާ ކުރިމަތިލެއްވީ ޢަތަބާ ބިން ރަބީޢާއެވެ. ޙަމްޒާ ކުރިމަތިލެއްވީ ޝައިބާއާއެވެ. ޢަލީ ކުރިމަތިލެއްވީ ވަލީދުއާއެވެ. ޙަމްޒާއާއި ޢަލީ ވަރަށް ފަސޭހެ ކަމާއެކު އެ ދެމީހުން ޤަތުލު ކޮށްލެއްވިއެވެ. ނަމަވެސް ޢުބައިދާއާއި ޢަތަބާ ދެމެދު ހިނގި ކުރިމަތިލުމުގައި ޢުބައިދާގެ ފައިބުރިވިއެވެ. އެ ހިނދު ޢަލީއާއި ޙަމްޒާ ޢަތަބާވެސް މަރައިލިއެވެ.

ބޮޑު ހަމަލާ:

މި ހިސާބަށް ކަންތައް ދިއުމުން މުޝްރިކުން ތަނެއް ދޮރެއް ނުބަލާ، ހަނގުރާމަ ކުރަން ފެއްޓިއެވެ. ނަމަވެސް މުސްލިމުން ސާބިތު ކަމާއެކު، ކެތްތެރި ކަމާއެކު ހަނގުރާމަ ކުރަމުން ދިޔައެވެ. އަޙަދުން ޢަހަދު އޭ ކިޔަމުން މުސްލިމުން މުޝްރިކުންނަށް ބޮޑެތި ގެއްލުންތަކެއް ދެމުން ދިޔައެވެ.

އަދި ރަސޫލާ އެ ވަގުތު ﷲ ދުޢާ ދަންނަވަމުން ގެންދެވިއެވެ. އެ ހިނދު މާތް، ހަނގުރާމައިގައި މަދަދެއްގެ ގޮތުން މަލާއިކަތް ބޭކަލުން ފޮނުއްވިއެވެ.

ރައްދު ހަމަލާ:

ދަނޑިވަޅު ޖެހުމުން ރަސޫލާ އިސްލާމީ ލަޝްކަރު ރައްދު ބޮޑު ޙަމަލާއެއް ދިނުމަށް އެންގެވިއެވެ.

އަބޫ ޖަހުލު:

މުޝްރިކުން ބަލިވެގެން ދިޔައިރުވެސް އަބޫ ޖަހުލުގެ ހިތްވަރަށް ބަދަލެއް ނައެވެ. އަދި ލަޝްކަރަތް ހިތްވަރު ދެވޭތޯ ފާޑުފާޑު އެއްޗެހި ކިޔައި ހެދިއެވެ. ނަމަވެސް ކަންތައް އޮތީ މި ކަހަލަ ބަހަކުން ހަމައަކަށް އެޅުވޭވަރަށް ވުރެ ގޯސްވެފައެވެ. އަދި ރަސޫލާއަށް ގޯނާ ކުރި އަބޫ ޖަހުލަކީ ކޮބައިކަން ނޭނގިގެން ހޯދަމުން ދިޔަ ދެ ޒުވާނަކާއި ޢަބްދުއްރަޙްމާން ބިން ޢައުފާއި ދިމާވެގެ، އެ ދެ މީހުންނަށް އަބޫ ޖަހުލު ދެއްކުނެވެ. އެ ހިނދު އެ އަންޞާރީ ދެ ޒުވާނުން ގޮސް އަބޫ ޖަހުލަށް ހަމަލާ ދީ ނުދިރޭ ވަރުކޮށްލިއެވެ. އެ ހާލުގައި އަބޫ ޖަހުލު އޮތްވާ އިބްނު މަސްޢޫދު އޭނާގެ ފުރާނަ ދުއްވާލެއްވިއެވެ.

ބަދުރު ހަނގުރާމައިގެ ހައިރާންތައް:

މި ހަނގުރާމައަކީ ޢަޤީދާގެ ވަރުގަދަ ކަމާއި މުސްލިމުން ހިފަހައްޓާ އުސޫލުގެ މަތިވެރިކަމާއި ހަރުދަނާ ކަން ހާމަވެގެން ދިޔަ ހަނގުރާމައެކެވެ. ފަހެ މިހަނގުރާމައިގައި ބައްޕައިންނާއި ދަރިން މުޤާބަލާކުރިއެވެ. ކޮއްކޮއިން ބޭބެއިންނާއި މުޤާބަލާ ކުރިއެވެ. ތިމާގެ މީހުންނެއް ކަމަކު ޢަޤީދާ ޚިލާފު ވުމުން، އެ ޚިލާފުކަން ފިލުވީ ކަނޑިންނެވެ. ނިކަމެތި ކުރެވުނު މީހުން ނިކަމެތި ކުރި މީހާއާއި ބައްދަލުކޮށް ނަފްސަށް ޢިއްޒަތްތެރިކަން ހޯދިއެވެ.

1- ޢައްބާސް ބިން ޢަބުލް މުއްޠަލިބް، އަބުލް ބަޚްތަރީ ބިން ހިޝާމް، ހާޝިމް ވަންހައިގެ އެއްވެސް މީހެއް ނުމެރުމެށް ރަސޫލާ އެންގެވިއެވެ. އެއީ އޭގެ ތެރެއިން ބައެއް މީހުންނަކީ މަޖްބޫރު ކުރެވިގެން ހަނގުރާމައަށް ގެނެވުނު މީހުންނަށް ވާތީއެވެ. މިހެން ރަސޫލާ ޙަދީޘް ކުރެއްވުމުން އަބޫ ޙުޛާއިފާ ބިން އަލްޢަތަބާ އެކަމާއި ނުރުހުގެން ބުންޏެވެ . ''އަހަރެމެން އަހަރެމެންގެ ބަފައިންނާއި ދަރިންނާއި ބޭބެއިން އަދި ޤަބީލާ މީހުން މަރާ އިރު، ޢައްބާސް ނުމަރައި ދޫކުރަން ވީ ކީއްވެހެއްޔެވެ؟ ހުވާ ކުރަމެވެ. އަހަރެންނަށް އޭނާ ފެނިއްޖެނަމަ ކަނޑިއަށް އުތުވާލާނަމެވެ.'' މިވާހަކަ ރަސޫލާއަށް އިވިވަޑައިގަތެވެ. އަދި ޢުމަރުގެފާނަށް ޙަދީޘް ކުރެއްވިއެވެ. ''އޭ އަބޫ ޙަފްޞްއެވެ. ރަސޫލާގެ ބޮޑު ބޭބެފުޅުގެ މޫނުގައި ކަނޑިން ޖަހާހެއްޔެވެ؟'' އެ ހިނދު ޢުމަރުގެފާނު ކޯފާވެގެން އެހެން ބުނި މީހާއަކީ މުނާފިޤްވެއްޖެ މީހެއް ކަމަށް ވިދާޅުވެ އޭނާ ޤަތުލު ކުރައްވަން އުޅުއްވިއެވެ.

ފަހުން އަބޫ ޙުޛައިފާ ބުނެވުނު އެއްޗާއި މެދު ވަރަށް ދެރަވެ ހިތާމަ ކުރިއެވެ. އެއީ ރަސޫލާ ހިތްޕުޅުގައި ޖެހޭފަދަ އެއްޗެއް ބުނެވުމުންނެވެ. އަދި ބުނުވުނު މި ނުބައި ބަހަކީ ޝަހީދުވުން ނުން ކަމަކުން ފޮހެލެވޭނެ ކުށެއް ނޫންކަމަށް، އަބޫ ޙުޛައިފާ ކިޔައިގެން ހުއްޓާ ، ޔަމާމާ ހަނގުރާމައިގައި އޭނާ ޝަހީދުވިއެވެ.

2- އަބުލް ބަޚްތަރީ ނުމަރަން ރަސޫލާ އެންގެވީ އެއީ، އޭނާއަކީ މައްކާގެ މުޝްރިކުންގެ ތެރެއިން ރަސޫލާއަށް އެންމެ ގޯނާ ނުކުރާ މީހާއަށްވެފައި، ބަނީ ހާޝިމާއި ބަނީ މުއްޠަލިބު ޢާއިލާއާއި މައްކާ މީހުން މުޢާމަލާތު ކުރުން ހުއްޓާލާ އެކަހެރި ކުރު ޢަހުދު އެންމެ ފުރަތަމަ އުވައިލީވެސް އަބުލް ބަޚްތަރީއަށް ވީތީއެވެ.

މިހެން ކަންތަށް ކޮށްފައި އަދި އޭނާ ނުމަރަން ރަސޫލާ އެންގިވި އެންގެވުމުގެ ފައިދާއެއް އެ ދުވަހު އޭނާއަށް ނުކުރިއެވެ. އެއީ މުސްލިމުންގެ ތެރެއިން މުޖައްޛަރް ބިން ޒިޔާދު ހަނގުރާމަ ކުރުމުގެ ތެރޭގައި އަބުލް ބަޚްތަރީއާއި އެހެން މުޝްރިކެއް އެކު އެކީގައި ހަނގުރާމަ ކުރަނިކޮށް ފެނުނެވެ. ދެން މުޖައްޛަރު ބުންޏެވެ. ''އޭ އަބުލް ބަޚްތަރީއެވެ. ރަސޫލާވަނީ ކަލޭ މެރުން މަނާކޮށްފައެވެ.'' އަބުލް ބަޚްތަރީ ބުންޏެވެ. ''އަހަރެންގެ މި އެކުވެރިއާ ޔޯ ؟'' މުޖައްޛިރް ބުންޏެވެ. ''ހުވާ ކުރަމެވެ. ކަލޭގެ އެކުވެރިއާ ސަލާމަތުން ދުލެއް ނުކުރާނަމެވެ.'' އެ ހިނދު އަބުލް ބަޚްތަރީ'' އެހެން ވިއްޔާ އެނާއާއި އަހަރެން މަރުވާނީ އެކީގައި ކަމަށް ބުނެ ދެ މީހުންވެގެން މުޖައްޛަރާއި ހަނގުރާމަ ފެއްޓިއެވެ. އެ ހިނދު އޭނާއަށް މަޖްބޫރުވީ އަބުލް ބަޚްތަރީއާއި އޭނާގެ އެކުވެރިއާވެސް މަރާލާށެވެ.

3- ޢަބްދުއް ރަޙްމާން ބިން ޢައުފް އާއި އުމައްޔާ ބިން ޚަލަފް އަކީ ޖާހިލިއްޔަ ޒަމާނުގެ ވަރަށް ގާތް ދެ އެކުވެރިންނެވެ. ބަދުރު ހަނގުރާމަ ހިނގި ދުވަހު ޢަބްދުއް ރަޙްމާނަށް އުމައްޔާ ބިން ޚަލަފް އާއި އޭނާގެ ދަރި އަމާން ދީފައި ތިއްބާ ފެނިގެން ގެންދަނިކޮށް ބިލާލްގެފާނަށް އުމައްޔާ ފެނިއްޖެއެވެ. މި އުމައްޔާއަކީ މައްކާގައި ބިލާލަށް ޢަޛާބުގެ ހުރިހާ ކުލަވަރެއް ދައްކައި ނިކަން އަނިޔާކޮށްފައި ހުރި މީހެކެވެ. ކަން މިހެން އޮތުމާއެކު ބިލާލް ބޭނުންވީ އޭގަ ބަދަލު މިއަދި ހިފާށެވެ. ދެން ބިލާލް އަންޞާރީންގަ ބަޔަކަށް ގޮވައި އެ މީހުން ފަހަތުން ދުއްވައިގަނެއްޖެއެވެ. އަދި އުމައްޔާ ސަލާމަތް ވެއްޖިއްޔާ ޢަބްދުއްރަޙްމާންވެސް ސަލާމަތް ނުވާނެ ކަމަށް ބުންޏެވެ. މި މީހުން ފަހަތުން ދުއްވައި ގަތުމުން، އުމައްޔާގެ ދަރި ބިލާލް މެންނާ ހަވާލު ކުރެވުނުވެ. އެ ހިނދު އޭނާވެސް މަރާލާފައި ޢަބްދުއް ރަޙްމާން އާއި އުމައްޔާ އަތުލައިގަތެވެ. އަދި އުމައްޔާ ސަލާމަތް ކުރަން އޭނާގެ ގައިމަތީ ޢަބްދުއް ރަޙްމާން އޮށޯތުމުންވެސް އެކި ފަރާތް ފަރާތުން ކަނޑި ހަރައި އުމައްޔާ މަރައިލިއެވެ. އެ ކަންތައްގަނޑުގެ ތެރޭގައި ޢަބްދުއް ރަޙްމާން ގެ ފަޔަށްވެސް އެތިފަހަރެއް އަރައި ޒަޚަމްވިއެވެ. މި ވާހަކަ ކިޔައި ދެމުން ޒަޚަމްވި ލަކުނު ޢަބްދުއް ރަޙްމާން ދައްކައި އުޅެއެވެ. (މި ވާހަކަ ރިވާ ކުރެވިފައިވަނީ ބުޚާރީގެ ކިތާބުލް ވަކާލާ ގައި )

4- ހަމަ މިދުވަހު ޢުމަރުގެފާނުގެ މަންމަފަރާތު ބޮޑުބޭބެއެއް ކަމުގައިވާ ހިޝާމް ބިން މުޣީރާވެސް ޤަތުލު ކޮށްލެއްވިއެވެ. ތިމާގެ ކަމާއި ޢަޤީދާގެ ތެރެއިން ޢަޤީދާ އިޚްތިޔާރު ކުރެއްވީއެވެ.

5- އަބޫބަކުރުގެ ދަރިކަލުން ޢަބްދުއް ރަޙްމާންވެސް ހުރީ މުޝްރިކުންގެ ސަފުގައެވެ. އަދި އަބޫބަކުރުގެ ފައިސާ ކޮބައިތޯ އޭނާ ކައިރިން އަބޫ ބަކުރު އެއްސެވުމުން ބުނީ މިއަދު ހަތިޔާރު ނޫން އެއްޗެއް ނެތް ކަމަށެވެ.

6- މުސްލިމުން މުޝްރިކުން އަސީރު ކުރާތަން ފެނިގެން، ރަސޫލާގެ ފޭލިކޮޅު ބަލަހައްޓަން ހުންނެވި މުޢާޛް މޫނުފުޅު ކިލަނބުވާތަން ފެނިވަޑައިގެން ރަސޫލާ، ޙަދީޘް ކުރެއްވިއެވެ. ''ޔަޤީނުންވެސް ކަލޭ ތި ހުންނަ އެ މީހުން ކަންތައް ކުރާ ގޮތާމެދު ހިތްހަމަ ނުޖެހިފައެވެ.'' އެހިނދު މުޢާޛް ދެންނެވިއެވެ. ''އާދޭހެވެ. ﷲގެ ރަސޫލާއެވެ. މުޝްރިކުންނާއި ފުރަތަމަ ފަހަރު ބައްދަލު ކުރެވުނު ފަހަރު އަހަރެންނަށް ރަނގަޅީ އެ މީހުން ދިރި ބޭތިއްބުމަށްވުރެ މަރައިލުމެވެ.''

7-ހަނގުރާމަ ހިނގަމުން ދަނިކޮށް، ޢުއްކާޝާ ބިން މިޙްޞަން އަލްއަސަދީ ގެ ކަނޑި ބިންދައިގެން ދިޔައެވެ. އެހިނދު ރަސޫލާ އަރިއަހަށް ވަޑައިގަތުމުން ރަސޫލާ އަތްޕުޅުގައި އޮތް ދަނޑި ބުރިއެއް ދެއްވާފައި އެއީން ހަނގުރާމަ ކުރެއްވުމަށް ޙަދީޘްކުރެއްވިއެވެ. ދެން ޢުއްކާޝާ އޭތި ނަގާފައި ތަޅުވައި ގަތުމުން ދިގު ކަނޑިއަކަށް ބަދަލުވިއެވެ. މި ކަނޑިއަށް ދެވުނު ނަމަކީ ''އަލްޢައުން'' އެވެ. ރިއްދާ ހަނގުރާމައާއި ޖެހެންދެންވެސް އޭނާ އަތުގައި މި ކަނޑި އޮތެވެ.

8- މުޝްރިކުންގެ ހަށިތައް ވަޅަކަށް އެޅުމަށް ރަސޫލާ އަމުރު ކުރެއްވުމުން، ޤަތުލު ކުރެވިފައިވާ ޢަތަބާ ބިން ރަބީޢާގެ ހަށިގަނޑު އޭނާގެ މުސްލިމް ދަރި އަބޫ ޙުޛައިފާ ދަމާފައިގެންދާތަން ރަސޫލާއަށް ފެނިވަޑައިގަތެވެ. އެ ވަގުތު އޭނާގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވެއެވެ. ދެން ރަސޫލާ ޙަދީޘްކުރެއްވިއެވެ. ''އޭ އަބޫ ޙުޛައިފާއެވެ. ހީވާ ގޮތުން ކަލޭގެ ބައްޕާ މަރުވި ގޮތާމެދު ކަލޭގެ ހިތައް އެއްޗެއް އެބަ އަރައެވެ.'' އެ ހިނދު އަބޫ ޙުޛައިފާ ދެންނެވިއެވެ. ނޫނެކެވެ. ގަންދީ ބުނަމަވެ. އަހަރެންގެ ބައްޕަގެ ޙަޤީޤަތާއި އޭނާ މަރުވުމާއި މެދު އަހަރެން ހިތުތެރޭގައި ޝައްކެއް ނުއުފެދެއެވެ. އެކަމަކުވެސް އަހަރެން ބައްޕަގެ ކިބައިން، ރުޅި މަޑުކަމާއި ދީލަތިކަން، އަދި ރަނގަޅު ނަސޭޙަތް ދެކުނީމެވެ. އަހަރެން އެދިގެން ހުރީ އެކަންތަކުގެ ސަބަބުން ބައްޕައަށް އިސްލާމް ދީނުގެ ތެދުމަގު ލިބޭނެ ކަމަށެވެ. އެފަދަ އުއްމީދެއް ކުރަނިކޮށް މަރުވީމައި އަހަރެން ދަރަވަނީއެވެ.'' އެހިނދު ރަސޫލާ އޭނާއަށް ހެޔޮ ދުޢާ ކުރެއްވިއެވެ.

މަރުވި މީހުންގެ ޢަދަދު:

ހަނގުރާމަ ނިމުނީ މުޝްރިކުންނަށް ބަލިވެ އިނދަޖެހިގެންނެވެ.މުސްލިމުންނަށް ފާޅުވެގެންވާ ނަޞްރެއް ލިބިގެންނެވެ. މުސްލިމުންގެ ތެރެއިން ޝަހީދުވީ 14 މީހެކެވެ. އެއީ މުހާޖިރުންގެ 6 މީހުންނާއި އަންޞާރީންގެ 8 މީހެކެވެ.

މުޝްރިކުންގެ ތެރެއިން މަރުވީ 70 މީހުންނެވެ. އަދި 70 މީހުން އަސީރު ކުރެވުނެވެ. އޭގެ ތެރޭގައި ގިނައީ ޤުރައިޝުންގެ ބޮޑުންގެ މީހުންނެވެ.

ބަލިވި ޚަބަރު މައްކާއަށް ލިބުނު ގޮތް:

ހަނުގާރަމައިން ފިލައިގެން އެތަން މިތަނަށް މުޝްރިކުން ބެހި، މައްކާއަށް ދިޔައީ ލަދުން ކުރާނެ ކަމެއް ނޭނގި ތިބި ހާލަތުގައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ދިޔަ ހުރިހާ ބޮޑުންވަނީ މަރުވައެވެ. އަދި މި ޚަބަރުން އެންމެ ނުބައި އަސަރެއް ކުރީ އަބޫ ލަހަބަށެވެ. އެނބުރި އައި މީހަކު މަތިން ބަޔަކު ފޭބި ވާހަކަ ދެއްކިވަގުތު އެތާ ކައިރީ ހުރި އަބޫ ރާފިޢްއޭ ކިއުނު، ޢައްބާސްގެ ގޭގައި އުޅޭ އަޅެއް އެއީ މަލާއިކަތުން ކަމަށް ބުންޏެވެ.

މި ވާހަކައަށް އަބޫލަހަބު އެރި ރުޅިން އޭނާގައި ގައި ތަޅައި އަނިޔާ ކުރަނިކޮށް ޢައްބާސްގެ އަނބިކނބަލުން އުއްމުލް ފަޟްލު، އެތާ ހުރި ދަނޑިއެއް ނަގާފައި އަބޫ ލަހަބު ބޮލުގައި އެތިފަހަރެއް ޖެއްސެވެ. އަދި އެތަން ދުޅަވެ، ހަފްތާއެއްވެސް ނުވަނީސް އަބޫލަހަބް ބޮލުގައި ފާރުގަނޑު ބޮޑުވެ މަރުވެއްޖެއެވެ. މަރުވިތާ 3 ދުވަސް ވީއިރުވެސް އަބޫލަހަބު ވަޅުވެސް ނުލައި، އޭނާގެ ދަރިން އޭނޭ އެއްލާފައި އޮތެވެ. ތިން ދުވަސް ފަހުން ދަނޑިން ކޮއްޕައި ވަޅު ގަނޑަކަށް ވައްޓައި ދުރުގައި ތިބެގެން ގާ އުކައި ވަޅު ފުރާލިއެވެ.

ހަނގުރާމަ ނިމުނުތާ ތިން ދުވަސް ފަހުން، ޞަފްރާއު އޭ ކިއުނު ހިސާބަށް ދެވުމުން ބަދުރު ހަނގުރާމައިގެ މުޝްރިކުންގެ ދިދަ ހިފައިގެން ހުރި ޤުރައިޝުވަންހައިގެ މުޖުރިމް، އައްނަޟްރު ބިން އަލްޙާރިޘް ޤަތުލުކޮށްލަން ރަސޫލާ އެންގެވިއެވެ. މީނާއަކީ މުސްލިމުންނަށާއި ރަސޫލާއަށް އަނިޔާ ކޮށް ޢަޛާބު ދިނުމުގައި ހައްދެއް ނެތް މީހެކެވެ.

އަދި ޢިރްޤުއް ޡުބްޔާ އާއި ހަމައަށް ދެވުމުން ، ޢުޤްބާ ބިން އަބީ މުޢައިޠް ޤަތުލު ކުރަން އަމުރު ކުރެވުނެވެ. މީނާއަކީ ރަސޫލާ ބުރަކަށިކޮޅަށް ޖަމަލު ބަނޑުގައި އޮންނަ އުރަ އަޅައި ، އަބޫބަކުރެގެ ފާނު ނެތްނަމަ ރަސޫލާ ދަންޖައްސަން އުޅުނު މީހާއެވެ.

މި ދެމީހުންނަކީ ފަހަރެއްގައިވެސް ހަނގުރާމައިގެ އަސީރުންނެއް ނޫނެވެ. ކިއެއްތަ އެއީ މިޒަމާނުގެ ނަމުން ނަންދޭނަމަ، ހަނގުރާމައިގެ ބޮޑެތި ކުށްވެރިންނެވެ.

 

*މިއީ ކަވާސާ.ކޮމްގައި 31 އޮކްޓޫބަރ 2004 ގައި އިސްމާއިލް ނާޖީ ލިޔުއްވަފައިވާ ލިޔުއްވުމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް