މިޞްރުގެ އުތުރު ސައިނާގެ ބިއުރުލް ޢަބްދުގައި ހިނގާދިޔަ ޓެރަރިސްޓު ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން މިޙަމަލާ ކުށްވެރި ކޮށްފައިވަނީ އިއްޔެގެ ވަޤުތެއްގައި ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައެވެ.
މިބަޔާނުގައި ފޮރިން މިނިސްޓްރީއިންވަނީ ޒަމާނުއްސުރެން ރާއްޖެއާއި މިޞްރާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ޓެރަރިޒަމާއި ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި އިތުރަށް ޘާބިތުވެ ހުންނާނެކަމަށް ވިދާޅުވެފައެވެ. އަދި މިދަތި ވަޤުތުގައި ދިވެހިރާއްޖެވަނީ މިޞްރާއި އެކުގައި ކަމުގެ ޔަޤީންކަން އަރުވާފައެވެ. މީގެ އިތުރުން ރަމަޟާން މަސް ފަދަ މުސްލިމުންގެ އަޅުކަމުގެ މާތް މައްސަރެއްގައި މިފަދަ ޢަމަލުތައް ހިންގުމަކީ ޞުލްޙަވެރިކަމާއިއެކު ދެފަރާތުން ވާހަކަ ދެކެވިގެން މައްސަލަ ނިންމުމަށް އެޅިގެންދާނޭ ހުރަހެއްކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ވަކިން ޚާއްޞަކޮށް ކޯވިޑް 19 ގެ ސަބަބުން މުޅި ދުނިޔެ އެއްބައިވަންތަ ކަމާއިއެކު މަސައްކަތް ކުރަންވީ ދަނޑިވަޅެއްގައި މިފަދަ ޢަމަލުތަކުގެ ސަބަބުން ނިކުންނަ ނޭދެވޭ ނަތީޖާ އިތުރުވެގެންދާނޭކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދިން މިޙަމަލާގައި، މިޞްރުގެ ހަނގުރާމަ މަތީ އެއްގަމު އުޅަނދެއްވަނީ ގޮއްވާލައިފައެވެ. މިޞްރުގެ ޢަސްކަރިއްޔާގެ ސްޕޯކްސްޕާރސަން ބުނެފައިވާ ގޮތުގައި މިޙަމަލާގައި 2 އޮފިސަރުންނާއި 8 ޢަސްކަރީ ސިފައިންވަނީ ޒަޚަމްވެ، މަރުވެފައެވެ.
މިޞްރުގެ ޢަސްކަރިއްޔާއިން ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުވަނީ 7 ޓެރަރިސްޓަކު މަރާލައިފައެވެ. މިހެންކަމުން ބުރާސްފަތި ދުވަހުގެ ޙަމަލާއަކީ މީގެ ރައްދު ޙަމަލާއެއްކަމަށް ބެލެވެއެވެ. މިޙަމަލާގެ މަސްއޫލިއްޔަތު މިހާރު ވަނީ އައިސިސްއިން ނަގާފައެވެ. ސޫރިޔާއާއި ޢިރާޤުން ބޭރުގައި އެއްމެ ވަރުގަދައަށް ހިންގަމުންދާ އައިސިސްގެ ގޮފި އޮންނަނީ މިޞްރުގެ ސައިނާގައެވެ. 2019 ގެ މެދުތެރެއިން ފެށިގެން ބިއުރުލް ޢަބްދުގައި ދެވޭ މިފަދަ ޙަމަލާތައްދަނީ ގިނަވަމުންނެވެ.
މިޙަމަލާއާއި ވިދިގެން މިޞްރުގެ ޤައުމީ މަސްލަޙަތަށްޓަކައި، އަދި ޞިއްޙީ ސަލާމަތަށްޓަކައި އެޤައުމުގެ ޤާނޫނުހަދާ މަޖްލީހުންވަނީ 3 މަހުގެ ކުއްލި ޙާލަތުގެ އިއުލާނުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...