ވާހަކަ

ނަމޫނާ ގަވަރުނަރު

އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ޝާމްކަރައަށް ޒިޔާރަތެއް ކޮށްލެއްވިއެވެ. އެދަތުރުފުޅުގެ މަޤްޞަދަކީ އެސަރަޙައްދުގެ ޙާލަތު ދެނެވަޑައިގަތުމެވެ. އެދުވަސްވަރު ޙިމްޞުގެ މީހުންނަކީވެސް ކޫފާގެ އަހުލުވެރީން ފަދައިން ސަރުކާރުގެ ވެރީންގެ ޝަކުވާކުރުމުގައި ކުރިއަރައި ގޮސްފައި ތިބި ބައެކެވެ. އެދުވަސްވަރު ޙިމްޞުގެ ގަވަރުނަރަކަށް ހުންނެވީ ސަޢީދު ބިން ޢާމިރު ރަޟިޔަﷲ ޢަންހުއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު، ޙިމްޞަށް ވަޑައިގަތުމުން ރަށުގެ އަހުލުވެރީން އެކަލޭގެފާނަށް ސަލާމް ދެންނެވުމަށްޓަކައި ޙާޟިރުވިއެވެ. އަމީރުލްމުއުމިނީން، އެބައިމީހުންނާ ސުވާލުކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަމީރު ކިހިނެއް ހެއްޔެވެ؟"

އެހިނދު އެރަށުގެ މީހުން ގަވަރުނަރާއި ގުޅެގޮތުން ހަތަރު ޝަކުވާއެއް ޚަލީފާއަށް ހުށަހެޅިއެވެ. އެގޮތުން އެމީހުން ބުންޏެވެ. "އެކަލޭގެފާނު ކޮންމެ ދުވަހަކުވެސް ދުވާލުގެ އެއްދަން ވޭތުވެ ދާފަހުން މެނުވީ އަހަރަމެންގެ ތެރެއަކަށް ނުކުމެވަޑައެއް ނުގަންނަވައެވެ."

"ރޭގަނޑުގެ ވަގުތުގައި އެކަލޭގެފާނު އެއްވެސް މީހަކާ ބައްދަލެއް ނުކުރައްވައެވެ."

"ކޮންމެ މަހަކުވެސް އެއްދުވަހު އެކަލޭގެފާނު، އަޅުގަނޑުމެންގެ ތެރެއަށް ނިކުމެވަޑައެއް ނުގަންނަވައެވެ؟"

"އަޅުގަނޑުމެންގެ ތެރޭގައި މަޖިލީހުގައި އިންނަވާއިރު ބައެއް ފަހަރު ފަހަރަށް އެކަލޭގެފާނުގެ ހޭވެރިކަން ދާގޮތްވެއެވެ. މަޖިލީހުގެ އެއްވެސް މީހަކާ އެކަލޭގެފާނާ އެއްވެސް ގުޅުމެއް ނެތްހެން ހީވާކަހަލައެވެ."

ޢުމަރު ރަޟިޔަﷲ ޢަންހު ބަޔާންކުރައްވާފައިވެއެވެ. ދެން ތިމަން، ގަވަރުނަރާއި ގަވަރުނަރުގެ ޝަކުވާ ކުރި މީހުންނާއި އެއްތަނަކަށް ޖަމާކުރީމެވެ. އަދި ސައީދު ބިން ޢާމިރާ މެދު  ތިމަން ހީކުރާ ގޮތް ދޮގުވިޔަނުދިނުން އެދި ﷲ އަށް ދުޢާ ދެންނެވީމެވެ. އެހެނީ ތިމަންނައަށް އެނާގެ މައްޗަށް ވަރަށް ބޮޑު އިތުބާރެއް އޮތެވެ.

ދެން އެއަށްފަހު ޢުމަރު ރަޟިޔަﷲ ޢަންހު، ސަޢީދާ ސުވާލުކުރެއްވިއެވެ. "ސަޢީދެވެ! ރައްޔިތުންގެ ޝަކުވާތަކާއި ބެހޭގޮތުން ތިބާ ބުނަނީ ކީކޭ ހެއްޔެވެ؟"

ސަޢީދު ރަޟިޔަﷲ ޢަންހު ކުޑަވަގުތުކޮޅަކަށް ހަނުހުންނެވުމަށް ފަހު ވިދާޅުވިއެވެ. "ﷲ ގަންދީ ބުނަމެވެ! ތިޔަކަމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ދަންނަވާކަށް އަޅުގަނޑު ނޭދެމެވެ. ނަމަވެސް ޙަޤީޤަތް ސާފުސާފުކޮށް ބަޔާންކޮށްދިނުން ނޫން އެހެންގޮތެއް މިހާރު އަޅުގަނޑަކަށް ނެތެވެ. ޙަޤީޤަތަކީ އަޅުގަނޑަށް އެއްވެސް ޚާދިމަކު ލިބިގެނެއް ނުވެއެވެ. އަޅުގަނޑު ހެނދުނު ފަތިހާ ތެދުވަމެވެ. އަދި ގޭގެ އަހުލުވެރީންނަށް ފުށް މޮޑެދެމެވެ. ދެން ފުށްގަނޑު ކަމީރުވޭތޯ ކުޑަ އިރުކޮޅަކު މަޑުކޮށްލަމެވެ. އެއަށްފަހު އެބައިމީހުންނަށް ރޮށި ފިހެދެމެވެ. ދެން ވުޟޫކޮށްގެން މީސްތަކުންގެ ޚިދުމަތަށްޓަކައި ގެއިން ނިކުންނަމެވެ."

ދެވަނައަށް ރައްޔިތުންކުރި ޝަކުވާއާއި ގުޅޭގޮތުން ސަޢީދު ވިދާޅުވިއެވެ. "ﷲ ގަންދެމެވެ! ތިޔަ ކަމާ ބެހޭގޮތުން ވެސް އެއްޗެއް ފާޅުކުރަން އަޅުގަނޑު ނުރުހެމެވެ. ކުރުގޮތަކަށް ދެންނެވެން އޮތީ ދުވާލުގެ ވަގުތު އެބައިމީހުންނަށްޓަކައި އަޅުގަނޑު ވަޤުފުކޮށްފައިވާނެއެވެ. އަދި ރޭގަނޑުގެ ވަގުތު ﷲ ތަޢާލާ އަށް އަޅުކަން ކުރުމަށްޓަކައި އަޅުގަނޑު ޚާއްޞަކުރަމެވެ."

ދެންވެސް ރައްޔިތުންކުރި ޝަކުވާއަށް ޖަވާބު ދެއްވަމުން ސަޢީދު ވިދާޅުވިއެވެ. "މުއުމިނުންގެ އަމީރެވެ! އަޅުގަނޑަށް އެއްވެސް ޚާދިމަކު ލިބިގެނެއް ނުވެއެވެ. އަދި އަޅުގަނޑު ލައިގެން މިހިރަ ހެނދުން ފިޔަވައި އެހެން ހެދުމެއްވެސް އަޅުގަނޑަކަށް ލިބިގެނެއް ނުވެއެވެ. މަހަކު އެއްދުވަހު އަޅުގަނޑު މިހެދުން ދޮންނަމެވެ. ދެން ހެދުން ހިކޭނެ ވަގުތެއްގެ އިންތިޡާރުގައި ހުންނަމެވެ. ދެން ހެނދުން ހިކުމުން އެލައިގެން ދުވާލުގެ އެންމެ ފަހު ބައިގައި އެމީހުންނާ ބައްދަލުކުރުމަށް އަޅުގަނޑު ނުކުންނަމެވެ."

އެންމެ ފަހުން ރައްޔިތުންގެ ޝަކުވާއަށް ޖަވާބުދާރީވަމުން ސަޢީދު ވިދާޅުވިއެވެ. "ޚުބައިބު ބިން ޢަދިއްޔު (ރަޟިޔަﷲ ޢަންހު) ޝަހީދުކުރެވުނީ އަޅުގަނޑުގެ ލޯމަތީގައެވެ. އޭރު އަޅުގަނޑަކީ މުޝްރިކެކެވެ. ޤުރައިޝުންގެ މީހުން އެކަލޭގެފާނުގެ ގުނަވަނަކަށްފަހު ގުނަވަނެއް ބުރިކުރަމުން ގެންދިޔަ މަންޒަރު އަޅުގަނޑު ދުށީމެވެ. އަދި އެބައިމީހުން ބުނަމުން ގެންދިޔައެވެ. "ކަލޭގެ ބަދަލުގައި މިއަދު މިތާނގައި މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވުމަށް ކަލޭ ރުހޭނަން ހެއްޔެވެ؟" ޚުބައިބް ރަޟިޔަﷲ ޢަންހު ޖަވާބުގައި ވިދާޅުވަމުން ގެންދެވިއެވެ. "ﷲ ގަންދީބުނަމެވެ! އަހުރެން، އަހުރެންގެ އަހުލުންގެ ތެރޭގައި ހިތްހަމަޖެހުމާއެކު ހުރެފައި މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމަގެ ހަށިކޮޅަށް އެންމެ ކަށްޓެއްގެ މިންވަރު ހެރޭކަށްވެސް އަހުރެން އެއްގޮތަކަށްވެސް ނުރުހޭނަމެވެ." އަޅުގަނޑުގެ ހަނދާނަށް އެދުވަސް އަންނަ ކޮންމެ ފަހަރަކު އެކަލޭގެފާނަށް އެހީތެރިނުވެވުނީތީ ހިތާމަކުރަމެވެ. އަދި އަހުރެންގެ އެފާފަ ﷲ ތަޢާލާ ޢަފޫނުކުރައްވައިފާނެކަމަށް އަޅުގަނޑު ބިރުގަންނަމެވެ. އެއަށް ފަހު އަޅުގަނޑުގެ ހޭވެރިކަން ދަނީއެވެ."

މިޖަވާބު އިވިވަޑައިގަތުމުން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ސަޢީދާ މެދު ތިމަން ހީކުރި ގޮތް ތެދުކޮށްދެއްވި ކަމަށްޓަކައި ﷲ އަށް ޙަމްދު ހުއްޓެވެ."

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ