އިސްލާމްދީނަކީ އެންމެ ޢަދުލުވެރި ދީނެވެ. އެންމެ ރަޙްމަތުގެ ދީނެވެ. އިސްލާމްދީނުގައި ޤިޞާޞްގެ ޙުކުމްތައް ފަރުޟުކުރައްވާފައިވަނީ ވަރަށް މަތިވެރި ޙިކުމްތަކަށްޓަކައެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ޙަޤީޤަތްތަކަކީ މުޖްތަމަޢުގެ އަމަންއަމާންކަމާއި ހަމަޖެހުމާއި ބާއްޖަވެރިކަމާއި އުފާވެރިކަމެވެ. ޤިޞާޞްގެ ޙުކުމްތައް ޤާއިމުކުރުމަކީ ޢަދުލުވެރިކަމުގެ އެންމެ މަތީ ދަރަޖައެވެ. ﷲ ތަޢާލާ ޤިޞާޞް ސިފަކުރައްވާފައިވަނީ މުޖްތަމަޢަށް ލިބިގެންދާ ދިރުމެއްގެ ގޮތުގައެވެ. އަދި ޤިޞާޞްގެ ޙުކުމްތަކާމެދު ވިސްނާ ފިކުރުކުރުމަށް “ބުއްދީގެ އަހުލުވެރިން” ނަށް ﷲ އަންގަވާފައިވެއެވެ.
އާދެ! ޤިޞާޞްގައި ޤާތިލަށް މަޢާފް ކުރެވޭނީ ހަމަ އެކަނި މައްޔިތާގެ ޢާއިލާއަށެވެ. ޙާކިމަށް އެއިގެތެރެއަށް ވަނުމުގެ އެއްވެސް ޙައްޤެއް ނެތެވެ. ނަމަވެސް ޢާއިލާގެ ފަރާތުން އެކަން ޙާކިމާއާއި ވަކާލާގެ ދަށުން ޙަވާލުކުރެވިދާނެއެވެ. ޤިޞާޞްގައި ތިން ޙުކުމެއް ވެއެވެ. އެއީ މަރަށް މަރުހިފުމާއި، މަރުގެ ދިޔަ އަތުލައި ޤާތިލަށް މަޢާފް ދިނުމާއި، އެކީ އެކައްޗަކަށް މަޢާފްކުރުމެވެ. މީގެ ތެެރެއިން ވަކި މާތްކަމެއް ނެތެވެ. މާތްކަން ކަނޑައަޅާނީ އެޙާދިޘާއެއް މެދުވެރިކުރުވާ ޙާލަތު ކަމުގައި ފިޤުހުވެރިން ބަޔާންކުރައްވައެވެ. މަޢާފް ދިނުމަކީ އިޙްސާންތެރިކަމެއްކަމުގައި ﷲ އަންގަވާފައިވެއެވެ. މިއީ ކިހާމަތިވެރި ޝަރީޢަތެއްތޯއެވެ؟ މިގޮތައް މިޙުކުމްތައް ތަރުތީބު ކުރެވިފައިވަނީ އެހެން ކޮން ދީނެއްގައި ތޯއެވެ؟ ކޮން ވަޟްޢީ ފަލްސަފާއެއްގައި ތޯއެވެ؟
އަމިއްލަ އަމިއްލަ އަށް ޤިޞާޞް ހިފުމެއް ނެތެވެ. ޤިޞާޞްގެ ޙުކުމް ތަންފީޒު ކުރާނީ ދައުލަތުގެފަރާތުންނެވެ. ޤިޞާޞް ގެ ޙުކުމް ތަންފީޒުކުރެވެން ޖެހޭނީ ޝަރުޢީ އެންމެހާ މަރްޙަލާތަށް ކަނޑައްތުކުރުމަށް ފަހުގައެވެ. ދަށު ކޯޓާއި، ހައިކޯޓާއި، ސްޕްެރީމް ކޯޓުން އެ ޙުކުމް ޞައްޙަކަމުގެ ޙުކުމް އިއްވައި އެއަށް އިޤްރާރުވުމުންނެވެ.
އާދެ! މައްޔިތާގެ ވާރިޘުންގެ ތެރެއިން އެއްވެސް ފަރުދަކު ޤާތިލަށް މަޢާފް ދީފި ނަމަ މަރަށް މަރު ހިފުމެއް ނުވެއެވެ. ޤަސްތުގައި މީހަކު މެރުމާއި ކުރެވޭ ކަމަކުން، ނުވަތަ އަރައިރުންވުމުގެ ތެރޭގައި ކަންތައްކުރެވޭ ގޮތަކުން މަރުވުމާއި މިކަންކަމުގައި ވެސް އަދަބުތައް ތަފާތެވެ. ޝަރީޢަތުގައިވާ ގޮތުގެ މަތީން މިކަމުގައި ޤާނޫނުތައް އެކަށައެޅިއްޖެ ނަމަ މުޖްތަމަޢަށް ދިރުންލިބިގެންދާނެކަމީ ހަމަ ކަށަވަރު ކަމެކެވެ.
އާދެ! ޤިޞާޞްގެ ޙުކުމްތަކާމެދު ފާޑުކިޔާ، އެޙުކުމްތަކުން މީހުންނަށް ބިރު ދައްކާ، އެކަންކޮށްފި ނަމަ ޤައުމުގައި ތިބި މީހުންތައް މަރުވެ ގޮއްސާނެ ކަމަށް ބުނެ ފުރައްސާރަކުރުމަކީ ހުއްދަވާނެ ކަމެއްނޫނެވެ. އެއީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. ދީނުންވެސް ބޭރުވެދާނެކަމެކެވެ. ޤާނޫނު އެކަށައެޅުމުގައި ބަލަންޖެހޭނީ ޝަރީޢަތުގައި އޮތް ގޮތެވެ. ތަންފީޒީ މަރްޙަލާއަކީ ވަކި މަރްޙަލާއެކެވެ. ޤައުމުގެ މަޞްލަޙަތު ހުރިގޮތުން ޝަރުޢީ ގޮތުން ޤަބޫލުކުރެވޭ ފަދަ ޢުޒުރެއް އޮވެއްޖެ ނަމަ ޤިޞާޞްގެ ޙުކުމެއް ތަންފީޒުކުރުން ލަސްކޮށްލެވިދާނެއެވެ. މިކަން ކަނޑައަޅާނީ ޙާކިމެވެ. ނަމަވެސް ޝަރީޢަތާ ތަޢާރުޟްވާ ގޮތަށް ޤާނޫނު ހެދުމަކީ ހުއްދަވާނެ ކަމެއްނޫނެވެ. ޤިޞާޞްގެ ޙުކުމްތަށް ކަނޑަނޭޅޭ ނަމަ ނުޙައްޤުން އެތަށް ލެއެއް އޮހޮރިގެންދާނެއެވެ. އެތަށް ފުރާނައެއް ނުޙައްޤުން ދާނެއެވެ. މިފެންނަނީ އެއިގެ މަންޒަރެވެ. ޝަރީޢަތުގައި ކަންކަން އަދަބު ކަނޑައެޅިފައިވަނީ ފަސާދަ ކޮންޓްރޯލްކުރުމަށެވެ. ޢަދުލުވެރިކަން ފެތުރުއްވުމަށެވެ. ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށެވެ.
ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އެކި އެކި ކުށްތަކަށް މަރުގެ އަދަބު ކަނޑައަޅައެވެ. މިގޮތުން އެމެރިކާ، ޗައިނާ ފަދަ ޤައުމުތަކުގައި ވެސް މަރުގެ އަދަބު ދެއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގައި ވެސް ދެނީ ޝަރުޢީ އިމުގެ ތެރެއިންނެވެ.
ކުރީގެ އުންމަތްތަކުގެ މައްޗަށް ވެސް ﷲ ވަނީ ޤިޞާޞްގެ ޙުކުމްތައް ފަރުޟުކުރައްވާފައެވެ. އަދި މުޙައްމަދުގެ ފާނުގެ ޝަރީޢަތުގައި އެ ޙުކުމްތައް ސާބިތުކުރައްވައި އެޙުކުމްތައް ތަންފީޒުކުރުމަށް ގޮވާލާފައެވެ. مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ ﴿ المائدة : ٣٢﴾ އެކަމަށްޓަކައި އިސްރާއީލްގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.
ތައުރާތުގައި ވެސް ﷲ ވަނީ ޤިޞާޞްގެ ޙުކުމް ބާވާލައްވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالْأَحْبَارُ بِمَا اسْتُحْفِظُوا مِن كِتَابِ اللَّـهِ وَكَانُوا عَلَيْهِ شُهَدَاءَ ۚ فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْكَافِرُونَ ﴿المائدة: ٤٤﴾ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ توراة ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި، އަލިކަންވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުންނާއި، ربّانى ން (އެބަހީ: يهودى ންގެ އަޅުވެރިން) ނާއި، يهودى ންގެ علم ވެރިން، އެފޮތުން يهودى ންގެ މައްޗަށް حكم ކުރައްވަތެވެ. (އެއީ) اللَّه ގެ ފޮތް ރައްކާތެރިކުރުމުގެ أمانة އެއުރެންނާ މަތިކުރައްވާފައި ވުމުގެ ސަބަބުންނެވެ. އަދި އެއުރެންނީ، އެފޮތުގެ މައްޗަށް ތިބި ހެކިވެރިންނެވެ. ފަހެ، ތިޔަބައިމީހުން މީސްތަކުންދެކެ ބިރުނުގަންނާށެވެ! ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! އަދި ތިމަންރަސްކަލާނގެ آية ތަކަށް ކުޑަ އަގެއް ތިޔަބައިމީހުން ނުގަންނާށެވެ! اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ كافر ންނެވެ.
އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الظَّالِمُونَ ﴿ المائدة: ٤٥﴾ އެ توراة ގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاص ގެ أصول)ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ.
މި އުންމަތުގެ މާތް ނަބިއްޔާއަށް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَاءَ اللَّـهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَـٰكِن لِّيَبْلُوَكُمْ فِي مَا آتَاكُمْ ۖ فَاسْتَبِقُوا الْخَيْرَاتِ ۚ إِلَى اللَّـهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ ﴿ المائدة: ٤٨﴾ އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ. ފަހެ، اللَّه ބާވައިލައްވާފައިވާ حكم ން، އެއުރެންގެ މެދުގައި، ކަލޭގެފާނު حكم ކުރައްވާށެވެ! އަދި ކަލޭގެފާނުގެ އަރިހަށް އައިސްފައިވާ حق ގޮތާ خلاف އަށް އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި اللَّه އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (ތިޔަބައިމީހުން أمّة ތަކަކަށް ބައިބައިކުރެއްވީ) ތިޔަބައިމީހުންނަށް ދެއްވި شريعة ތަކާމެދު ތިޔަބައިމީހުން امتحان ކުރެއްވުމަށެވެ. ފަހެ، ހެޔޮކަންތަކަށް ތިޔަބައިމީހުން ވާދަކުރާށެވެ! ތިޔަބައިމީހުން އެންމެން رجوع ވުންއޮތީ، اللّه ގެ حضرة އަށެވެ. އޭރުން ތިޔަބައިމީހުން އެކަންކަމާމެދު خلاف ވެ އުޅުނުކަންތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.
ﷲ ޙުކުމްތަންފީޒުކުރެއްވުމުގައި އިތުރު އެކަލޭގެފާނަށް ބައެއްމީހުންގެ ފުށުން ދުއްތުރާތައް ކުރިމަތިވާނެ ކަމަށާއި އެއަށް އަޑު ނޭއްސެވުމަށް ﷲ އެނގެވިއެވެ. އަދި ﷲގެ ޙުކުމްފުޅު ތަންފީޒުކުރެއްވުމަށް އަމުރުކުރެއްވިއެވެ. وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّـهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ ﴿ المائدة: ٤٩﴾ ” އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށްعقوبات ދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިިނަމީހުންނީ فاسق ންކަން ކަށަވަރެވެ.”
އަދި ވެސް ﷲ ވަޙީކުރައްވާފައިވެއެވެ. أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴿المائدة: ٥٠﴾ ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟
މިއުންމަތުގެ އަހުލުވެރިންނާ މުޚާޠަބްކުރައްވައި ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ ﴿ البقرة: ١٧٩﴾ ” އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.
ބުއްދީގެ އަހުލުވެރީންނާ މުޚާޠަބު ކުރައްވައި ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ ﴿البقرة: ١٧٨﴾ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ.
އަދި ޙުރުމަތްތެރިވެގެންވާ ނަފްސެއް ނުޙައްޤުން މަރާނުލުމަށް ﷲ އަންގާފައިވެއެވެ. އަދި މަޢާފް ދިނުމުގެ ޙައްޤުވަނީ ވާރިޘުންނަށްކަމަށާއި އެއީ ވަރުފަދަ ބާރެއްކަމުގައި ﷲ އަންގަވާފައިވެއެވެ. وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِف فِّي الْقَتْلِ ۖ إِنَّهُ كَانَ مَنصُورًا ﴿الإسراء: ٣٣﴾ އަދި ތިޔަބައިމީހުން، اللَّه حرمة ތެރިކުރައްވާފައިވާ نفس އެއް حق އަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولى ވެރިޔާއަކީ، نصر ލިބިގެންވާ މީހެއް ކަމުގައިވިއެވެ.
ޤިޞާޞްގެ ޙުކުމްގެ އިތުރުން ބިންމަތީގައި ފަސާދައުފައްދައި ފޭރި، ލޫޓުވާ ހަދާމީހުންނަށް ވެސް ﷲ ވަނީ ގަދަފަދަ ޢުޤޫބާތް ކަނޑައަޅުއްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّـهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ ﴿ المائدة: ٣٣﴾ اللَّه އާއި، އެކަލާނގެ رسول އާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި فساد ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ صليب އަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި آخرة ގައި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.
މިޙުކުމްތައް ކަނޑައަޅުއްވާފައިވަނީ ޢާލަމްތަކުގެ ވެރި ރައްބެވެ. ﷲ އެވެ. އައްރަޙްމާންްއެވެ. އައްރަޙީމް އެވެ. މިކަންކަމާމެދު މުސްލިމުން ވިސްނުން ހުއްޓެވެ. ބުއްދީގެ އަހުލުވެރިންނަށް މެނުވީ މީގެ ފަހަތުގައިވާ ޙަޤީޤަތްތައް ނޭނގޭނެއެވެ. ފިކުރި ހިންގަވާށެވެ. ހޯދައިގަންނާށެވެ. މިއީ ﷲގެ މަތިވެރި ޙުކުމްފުޅުތަކެވެ. މިޙުކުމްފުޅުތަކަށް ފުރައްސާރަ ރައްދު ނުކުރެއްވުމަށް އެންމެހާ ފަރާތްތަކަށް އާދޭހާއެކު ނަސޭހަތްތެރިވަމެވެ. ޚާއްޞަކޮށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މަޖްލީހުގެ މެންބަރުން މިކަމުގައި ވިސްނާ ފިކުރު ހިންގެވުން އެދި ދަންނަވެ. ﷲ އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން.
މަޞްދަރު: ޢަދާލަތު ޕާޓީ ވެބްސައިޓް

















ޚިޔާލު