ވާހަކަ

ވަޢުދު (އަށާރަވަނަބައި)

ފޯނަށް ލިބުނު މެސެޖު ބެލުމުގެ ޝައުޤެއް އޭނަގެ ހިތުގައި އެއްގޮތަކަށް ވެސް ނެތުމުން އަޔާޒްގެ ކާރު ގޮސް ކާރަށް ވައްދާލެވުނު ވަގުތުވެސް އޭނައަށް ހުރީ އޭތި ނުފެނިއެވެ. ބޭސްފިހާރައިން ގެއަށް އައި އެ ދަތުރުގެ ބޮޑުބައިގައި އޭނައަށް އިނދެވުނީ އެދުވަހު އޭނައާއި މަލާކާއި ދެމެދު ހިނގި ވަގުތުކޮޅުތަކުގެ މަތިން ހަނދާންކޮށް ހިނިތުންވެވިފައެވެ. އެކަމާމެދު އަޔާޒަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައީ މައުވާގެ މަތިން ވެސް ހަނދާންވަމުން ދިޔައީތީވެއެވެ. އެހެނަސް އެކަން އެގޮތަށް ނަހަދަން އޭނަ ނިންމީ އޭނަ ވަކި މަލާކާއިމެދު ލޯބިވެރިއެއް ނޫނީ އަނތްބެއްގެ ގޮތުގައި ވެސް ނުދެކޭކަމަށް ހިތާހިތުން ކިޔަމުންނެވެ. އަދި ރާއްޖެތެރޭ 'ދަށް' ފެންވަރުގެ ކުއްޖަކާމެދު އޭނައަށް އެގޮތަށް ދެކުމަކީ ވެސް ނާދިރު ކަމެއްކަމަށް އަޔާޒް އަމިއްލަ ނަފްސުގާތު ބުނެލައިފިއެވެ. ވީއިރު މަލާކްގެ ޚިޔާލުތައް މިގޮތަށް ކުރެވުނަސް އޭނަ ހާސްވާންވީ ސަބަބެއްނެތެވެ.

އެހެންކަމުން އަޔާޒް ލިފްޓުން ފޭބުމަށްފަހު އެދުވަހު ދެވަނަ ފަހަރަށް އެމީހުން އުޅޭ ގެއަށް ވަދެގެން ދިޔައީ ހަމަޖެހިފައިވި ހިތަކާއި އެކީގައެވެ. ހަމަ އެހިނދު އަޔާޒްގެ ކޮޓަރިން ނިކުތް ވަސީމާއަށް އެ މޫނުމަތިން ފެނުނު އާރޯކަން ފެނިފައި ވަސީމާއަށް ވެސް ހިނިތުންވެލެވުނީ އުއްމީދުން ފުރިގެން ދިޔަ ހިތަކާއި އެކީގައެވެ.

"މިހާރު ނިދިފަ މަލާކް އޮތީ....ވަރަށް ވަރުބަލިވެފަ ހުރިހެން ހީވަނީ. އަސްލު ހިއެއްނުކުރަން މަލާކް މިހާ ބަލިވެދާނެ ކަމަކަށް...މަލާކަށް ޖެހިފަ ހުރި ބަލީގެ ސަބަބުން ކަންނޭނގެދޯ އެއީ؟" ވަސީމާ ސުވާލުކުރިއެވެ. އަޔާޒް ހިނިތުންވުމަކާއެކީ ބޮޑުމަންމަ ކައިރިއަށް އައިސް ތުންފިއްތާލަމުން ބޯޖަހާލިއެވެ. ބޮޑުމަންމަ ދެން އަޔާޒް ބަލާނަންދޯއޭ ބުނެލުމުން އަޔާޒް ދެވަނަ ފަހަރަށް ވެސް ބޯޖަހާލުން ނޫންކަމެއް ނުކުރިއެވެ. ބޮޑުމަންމަ އޭނައާއި ދިމާލަށް ޒާތަކަށް ހީލާފައި ދިޔަގޮތުން އަޔާޒްގެ ގާތަށް ހިނިއައެވެ. އޭނަ ގޮސް މަލާކާއި ކައިރިވާނެ ކަމަށް ބޮޑުމަންމަ ހީކުރަނީތޯ ހިތް ބުނުމުންނެވެ. ބޮޑުމަންމަ ދިޔުމުން އަޔާޒް ކޮޓަރިއަށް ވަންނަން ދިޔައީ އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ބޯހޫރުވާލަމުންނެވެ.

ކޮޓަރިއަށްވަދެ މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު ފަސްއެނބުރި ވަގުތުން މަލާކަށް ގޮވައި ބޭސްދޭން އަޔާޒްގެ ހިތަށްއެރިއެވެ. އެހެނަސް އެދިމާލަށް ބަލައި މަލާކްގެ ނަމުން ގޮވަން އުޅުނު ވަގުތު ފެނުނު މަންޒަރުން އޭނަ ހުއްޓުންއެރިއެވެ. ދެލޯ މެރިފައި އެނދުމަތީގައި އެއޮތް އަންހެން ކުއްޖާއަކީ ކާކުކަން ވެސް އަޔާޒް ހިނދުކޮޅަކަށް ހަނދާންނެތުނެވެ. އޭނަގެ ހިތަށް ލޮޅުމެއް އައީ އެ މޫނުމަތިން ފެނުނު ރީތިކަން އެ ހިތާއި ކުޅެލުމުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ގޮތަކުން އޭނައަށް އެ ސޫރައަށް ތަޢުރީފު ކުރެވުނެވެ. އޭނައަށް މަލާކް ނިދިފައި އޮތް މަންޒަރު މި ފެނުނީ ފުރަތަމަ ފަހަރަށްކަން އެނގުންވީ އެއަށްފަހުއެވެ.

މަންޒަރު ބަލަން ހުރެފައި މަލާކްގެ ނަން ހިތަށް ވެރިވުމުން އޭނައަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނެވެ. ހަމަ އެއާއެކު އަޔާޒް ދެބުމަ ކައިރިކޮށްލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެހެން ނޫނަސް ނިދަން އޮންނައިރު ރީތި ނުވާނީ ކޮން ޒުވާން އަންހެން ކުއްޖެއްތޯ ހިތާހިތުން ކިޔަމުން އަޔާޒް މަލާކާއި ދިމާލަށް ދާންފެށިއެވެ. މަލާކްގެ އެނދު ކައިރިއަށް ގޮސް މަޑުކޮށްލަމުން އަނެއްކާވެސް އޭނައަށް ގޮވާލަން އުޅުނެއްކަމަކު އަނެއްކާވެސް އަޔާޒްގެ ދުލުގައި ތަޅުއެޅުވިގެން ދިޔައީ މަލާކްގެ މޫނުމަތިން ފެނުނު އަސަރުންނެވެ. ދެލޯ މަރައިގެން ނިދިފައި އޮތެއްކަމަކު އެ މޫނުމައްޗަށް ވެރިވެފައިވީ އުދަގުލެއްވެގެން އުޅޭ ފަދަ އަސަރެކެވެ. ނިދުމުގެ ކުރިން ތަދު އިޙްސާސް ކުރެވެމުން ދިޔައިރު އެ މޫނުމައްޗަށް ވެރިވެފައިވި އަސަރު އެހާއިރު ވީއިރުވެސް ނުފިލާ ހުރި ފަދައެވެ. އެ މަންޒަރު ފެނިފައި އަޔާޒް ދެންވެސް ހަނދާންވެގެން ދިޔައީ އޭނަ މަލާކްގެ އެ ބައްޔާއިމެދު ދިރާސާ ކުރިއިރު ފެނުނު ވާހަކަތަކެވެ. އެ ވާހަކަތަކާއެކީ މަލާކްގެ އެމްއާރްއައި ސްކޭން މަތިން ވެސް ހަނދާންވުމުން އެ ވާގޮތް އަޔާޒަށް ސާފުކޮށް ދޭހަކުރެވުނެވެ. މަލާކަށް އޭނަގެ މޫނުމައްޗަށް ވެރިވާ އަސަރުތަކަށް ވެސް ބާރު ފޯރުވޭނީ ވަކި ވަރަކަށްކަން އޭނައަށް އެނގުންވިއެވެ. ހަމަ އެއާއެކު މަލާކްގެ ބާރެއް ނެތް މިންވަރު ހިތަށް ގެނެވުމުން މަލާކަށް އެހީވާން އޭނަގެ ހިތުގައި އޮތް އެދުން ބޮޑުވިއެވެ. އެވަގުތުން ވަގުތަށްވެސްމެއެވެ. އެކަމަށްޓަކައި އަޔާޒް ކުރުފައި މައްޗަށް ތިރިވީ ދެވަނަ ވިސްނުމެއްވެސް ނެތިއެވެ. ހަމަ އެހިނދު ހަނދަންވީ ގޮތްވެސް އޭނަގެ ސިކުނޑި ވަގުތުން ކިޔައިދީފިއެވެ. އެކަން އެގޮތަށް ކުރުމުން މަލާކްގެ މޫނު އެވަގުތު ބަދަލުވެގެންދޭތޯ ވެސް ބަލަން ޑޮކްޓަރެއްގެ ޙައިސިއްޔަތުން އޭނަ ކެތްމަދުވިއެވެ. އެހެން ކަމުން އޭނަ ބޭސްކޮތަޅު އެނދުމަތީގައި ބޭއްވުމަށްފަހު މަލާކްގެ މޫނާއި ދިމާލަށް އޭނަގެ އަތް ގެންދިޔައެވެ. އޭނައަށް ވީހާވެސް މަޑުމަޑުން ގޮސް މަލާކްގެ ނިތުގައި ޝަހާދަތް އިނގިލި ޖައްސާލީ މަލާކް ސިއްސައިގެން ހިނގައިދާނެތީ ވަރަށް ވެސް ބޮޑު ނުތަނަވަސްކަމެއްގައި ވެސް ހުރެއެވެ. އޭނަގެ މަޤްޞަދަކަށްވެފައިވީ އޭނަ މި ބަލާ 'ބަލިމީހާއަށް' އިތުރު އުދަގުލެއް ނުވެ އޭނަގެ ފަރުވާ އެ ބަލިމީހާއަށް ފޯރުކޮށްދިނުމެވެ. އެކަން އެގޮތަށް ކުރުމުގައި އޭނަ ނާކާމިޔާބުވެއްޖެނަމަ އޭނަގެ ނާޤާބިލިއްޔަތުކަން އޭނައަށް އިޙްސާސް ކުރެވޭނެއެވެ.

އެހެނަސް އަޔާޒަކީ ނާޤާބިލިއްޔަތު ޑޮކްޓަރެއްނޫނެވެ. އެ ނާޒުކު ދަނޑިވަޅުގައި ވެސް އޭނަ ނުހަނު ވިސްނައިގެން މަލާކްގެ ނިތުގައި އިނގިލިން މަސާޖުކުރަން ފެށުމުން ވެސް މަލާކް ސިއްސައިގެނެއް ނުދެއެވެ. އެކަމާމެދު ފަޚުރުވެރިކަމުން އަޔާޒްގެ ހިތް ފުރިގެން ދިޔަ ހިނދު އޭނައަށް ހިނިތުންވެލެވުނެވެ. އެ ހިނދު އޭނައަށް ނޭނގުނު ކަމަކީ އެ ވީ އުފަލުގައި އޭނައަށް އޭނަގެ އިނގިލިތައް ހިންގެން ފެށީ އިހުނަށްވުރެ ހަލުވިކޮށްކަމެވެ. އެހެންނޫނީ އޭނަ އެހެން ހެދިޔަސް މަލާކްވީ ފުން ނިދީގެ ސަބަބުން މަލާކަށް ހޭނުލެވޭނެ ކަމަށް ހީކުރެވުނީއެވެ.

ނަމަވެސް ނިދީގައި އޮތް މަލާކަށް އޭނަގެ ނިތުގައި އެއްޗެއް ޖެހޭހެން އެވަގުތު ހީވިއެވެ. އެއާއެކު އޭނަގެ ހިތް އެންމެ ފުރަތަމަ ނުތަނަވަސްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ބުރަކަށްޓަށް ވަމުން ދިޔަ ތަދު އިޙްސާސް ކުރެވުމުން އޭނަ އޮތް ތަން ހަނދާންވެ މީގެ އިރުކޮޅެއް ކުރިން ބޮޑުމަންމަ ކޮޓަރިން ނިކުމެގެން ދިޔަ ހަނދާންވެސްވިއެވެ. އޭނައަށް ނިދުނުއިރު ކޮޓަރީގައި އެއްވެސް މީހަކު ނެތިއްޔާ އޭނައަށް މީހެއްގެ އިނގިއްޔެއްގެ އިޙްސާސް މި ކުރެވެނީ ކީއްވެތޯ ހިތް ސުވާލު ކުރި ވަގުތު އެ ހިތް ބިރުވެރިކަމުން ފުރިގެންއައެވެ. ނުބައެއްގެ އިންޒާރު އޭނަގެ ސިކުނޑި ދިނުމާއެކު މަލާކަށް ހަޅޭކަކާއެކީ ލޯ ހުޅުވާލަމުން ތެދުވެލެވުނެވެ. ހަމަ އެ ހިނދު އެފަދަ ކަމަކަށް ތައްޔާރުވެގެން ނެތް އަޔާޒަށް ވެސް ލިބުނު ސިހުމާއެކީ ހަޅޭއްލަވައިގަތް ހިނދު ކުއްލިއަކަށް ދުރުކޮށްލަން ޖެހުނު އަތުގެ ސަބަބުން ބިމަށް ތިރިވިއެވެ. ކުރު ނޭވައެއް ލެވުނު މަލާކަށް އަޔާޒާއި ދިމާލަށް ބަލާލެވުނީ ހިތުގެ ތެޅުން އަވަސްވެފައިވާ ޙާލުގައެވެ. އެހިނދު އަޔާޒް މޭގައި އެއްއަތް އަޅައިގެން ބިންމަތީގައި އިށީނދެވިފައި އިންގޮތުން މަލާކަށް ބަލަހައްޓައިގެން އިނދެވުނެވެ. ކަންވީގޮތް ނަގައިގަންނަން އޭނައަށް ހިނދުކޮޅެއް ނެގިއެވެ. އޭނަގެ ނިތުގައި އިނގިލިތައް ޖެއްސީ އަޔާޒް ކަމާއި އޭނައަށް ކުއްލިއަކަށް ތެދުވެވުމުން އޭނައާއެކީ އަޔާޒަށް ވެސް ހަޅޭއްލަވަގަތް ހިނދު އަޔާޒް ވެއްޓުނީކަން އެނގުންވިއެވެ. އެ މަންޒަރު ލޮލަށް ސިފަވެގެން ދިޔުމުން މަލާކްގެ ގާތަށް އައީ ނުލަފާ ހިންޏެވެ. އޭނަ ހިނިގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ދެތުންފަތް އެތެރެއަށް ވައްދަމުން ފިއްތާލަމުން އަނގަމަތީގައި އެއްއަތް އަޅާލިއެވެ. އެ ހިނދު އޭނަގެ ލޯމަތިން ލާނެތް ވިދުވަރެއް ފާޅުވަމުން ދިޔަ މަންޒަރު އަޔާޒަށް ފެނުނެވެ. މަލާކަށް އެއުޅެނީ ކިހިނެއްވާކަން އަޔާޒަށް އެނގުންވި ވަގުތަކީ މަލާކްގެ ބަޑި ފަޅައިގެން ގޮސް އޭނައަށް ހެވެން ފެށި ވަގުތެވެ. އެ ހިނދު އޭނަގެ ވަށައިގެންވި ހުރިހާ އެއްޗެއް ހިނދުކޮޅަކަށް ގެއްލުނުހެން އަޔާޒަށް ހީވިއެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް ހުއްޓިގެން ދިޔައީ މަލާކްގެ ހިނިތުންވުމަށެވެ. އަދި ރީތި ރާގެއް ފަދައިން އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔަ ހުނުމުގެ އަޑަށެވެ. މަންޒަރު ބަލަން އިނދެ އޭނައަށް ހިނިތުންވެލެވުނެވެ. ހަމަ އެ ހިނދު ދެންމެ އޭނައަށާއި މަލާކަށް އެކުއެކީގައި ހަޅޭއްލެވިގެން ދިޔަ ގޮތް އެނގުންވެގެން ދިޔުމުން އޭނައަށް ވެސް ހެވެން ފެށިއެވެ. ހަމަ އެ ހިނދު މަލާކް އޭނަގެ ހުނުން ކޮންޓްރޯލް ކުރަމުން ވާހަކަ ދެއްކިއެވެ.

"އައި...އައި އޭމް ސޯ ސޮރީ. ހެހެހެ..." މަލާކަށް ދެންވެސް ހުއްޓުމެއްނެތި ހެވުނީއެވެ. އޭނައަށް ރޮވެން ފަށައިފިނަމަ ހުއްޓަން އުދަގޫވާ ފަދައިން ހެވެން ފަށައިފިނަމަވެސް އެ ހުއްޓުމަކަށް ގެނައުމަކީ އެހާމެ އުދަގޫކަމެކެވެ. އެކަމަށްޓަކައި މަލާކް އަމިއްލަ ނަފްސު ދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެ ހިނދު ވެސް އޭނަ ހުނުން ހުއްޓުވޭތޯ އެތައް މަސައްކަތެއް ކުރަމުން ގެންދިޔައެވެ. މީހަކު މިއުޅެނީ ވެއްޓިގެން ކަމާއި މި ވަގުތުކޮޅުގެ ސީރިއަސްކަން އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ބެލިއެވެ. އެހެނަސް ދެންމެ ކަންތައްވީ ގޮތް ތަކުރާރުކޮށް އޭނަގެ ސިކުނޑި ހަނދާންކޮށްދެމުން ދިޔަ ގޮތުން މަލާކް އެކަމުގައި ކާމިޔާބުވުން ނާދިރު ކަމަކަށްވިއެވެ.

"ކޮން ކަމަކަށްޓަކައި ސޮރީ ތިބުނަނީ؟" އަޔާޒް ޓައިލްސް މަތީގައި އޭނަގެ ދެއަތް ވިއްދައި މަލާކަށް މި ވަމުންދާ ގޮތާއިމެދު ވިސްނަމުން އަހާލިއެވެ.

"ހެހެ...އަހަރެން ސިއްސައިގެން ދިޔައީމަ އަޔް...ޔާޒްވެސް ސިއްސައިގެން ދިޔައިމަ...އަޔާ.ޒް ވެސް ވް..ވެއްޓުނީމަ. އަދި..ހެ....މި ގަޑީގަ ހެވޭތީ..ހެހެހެ....." މަލާކަށް ހުއްޓުމެއްނެތި ހެވުނެވެ. އެ ހިނދު އޭނަ ހުއްޓަން ކުރަމުން ދިޔަ މަސައްކަތް އޭނަގެ ލޯމަތިން ވެސް ދޭތެރެދޭތެރެއިން ފާޅުވަމުން ދިޔައެވެ. އަޔާޒް އެ މަންޒަރަށް ފަރުވާތެރިކަމާއެކީ ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

"ސޮރީ ޤަބޫލުކުރެވޭނީ ކޮންމެވެސް ކަމެއް ކޮށްދީގެން." އަޔާޒް އޭނަގެ އަތް ބިންމަތިން ނަގައި ސީދާވެލަމުން ބުނެލިއެވެ.

"ކް...ކޮންކަމެއް؟" މަލާކް އެހެން ބުނެލި ހިނދުވެސް ހުނުން މައިތިރިކުރަން އޭނަ އެތައް މަސައްކަތެއް ކުރަން ޖެހުނެވެ. އޭނައަށް ބާރު ނުފޯރުވޭ އެ ޤައިދުގައި ވަނިކޮށް ކުއްލިއަކަށް އަޔާޒް ކަކޫ މައްޗަށް ތެދުވެ އޭނައާއި ކައިރިއަށް ޖެހިލަމުން އޭނަގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. އެ ހިނދު މެއަށް ފިނިވެގެން ދިޔަ މަލާކް އޭނަ ހޭންޖެހެންވީ ހުރިހާ ސަބަބެއްގެ މަތިން އެއްފަހަރާ ހަނދާން ނެތުނެވެ. ކަންވީ ގޮތް ނަގައިގަނެވުނު ވަގުތު އަޔާޒްގެ މޫނުވީ އޭނަގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައެވެ. އެ ހިނދު އަޔާޒްގެ ގައިން ދުވަމުން ދިޔަ ސެންޓު ވަހެއްގެ ސަބަބުން މަލާކްގެ މޭތެރޭގައި ނުތެޅި އޮތް ބައެއް ތެޅެން ފެށިހެން ހީވިއެވެ. ދުވަހަކުވެސް ނުކުރެވޭ އިޙްސާސްތައް ކުރެވެން ފެށި ވަގުތު މަސްތެއްގެ ތެރެއަށް އޭނަ ގެއްލެން ފެށިހެން މަލާކަށް ހީވިއެވެ.

އޭނަގެ އެ ޙަރަކާތުގެ މުރާދުވެސް ޙާޞިލުވެގެން ދިޔުމުން އަޔާޒަށް މިފަހަރު ހިނިތުންވެލެވުނީ އެއްމިޔަކަނުންނެވެ. އޭނަ ބޭނުން ގޮތަކަށް އޭނައަށް މި ކުއްޖާއާއި ކުޅެވިދާނެތާއޭ އޭނަގެ ހިތް ބުންޏެވެ. އެ ޚިޔާލުން އޭނަގެ ހިތް ހިސާބަކަށް ބިރުވެސްގަތެވެ. ކުރިމަތީގައި ހުރި ކުއްޖާގެ މައްޗަށް އޭނައަށް ފޯރުވޭނެ ބާރު ހިތަށް ގެނެވެމުންނެވެ. އެހެނަސް ހަމަ އެވަގުތުން އެވަގުތަށް ވެސް އަޔާޒަށް އަމިއްލަ ނަފްސާއި ވަޢުދުވެވުނެވެ. އޭނައަށް މި ކުއްޖާއާއިމެދު އެނގިފައިވާ މަޢުލޫމާތުގެ އެހީގައި އެ ކުއްޖާއަށް އެއްވެސް ކަހަލަ ދެރައެއް ނުދިނުމަށެވެ. އަދި ބަދަލުގައި އޭނައަށް ވެވުނުހާ މިންވަރަކުން އެކުއްޖާއަށް އެހީވުމަށެވެ.

އަޔާޒް އޭނަގެ ޚިޔާލުތަކުގައި ވަނިކޮށް ފިނިވެފައިވި މަލާކް ދެލޯ މަރައި އިސްޖަހާލި މަންޒަރު ފެނިފައި އޭނައަށް މަލާކްގެ އަތުން ދޫކޮށްލެވުނެވެ. މިވަގުތު މަލާކަށް ކުރެވެމުން ދާނެ އިޙްސާސްތައް އެނގުންވުމުން އޭނައަށް ކަރުކެހިލަމުން މަލާކާއި ދުރުވެލެވުނެވެ. އެ ހިނދު މަލާކް އިސްއުފުލާލަމުން އަޔާޒަށް ބަލާލީ ހަމައަކަށް އެޅެން މަސައްކަތް ކުރަމުންނެވެ.

"ސޯ ވަޓް އައި ވޯޒް ސޭއިންގް.....ސޮރީ ޤަބޫލުކުރެވޭނީ ކަމެއް ކޮށްދީގެން. މަލާކަށް އަހަންނަށްޓަކައި ކޮށްދެވޭނެ ކަމެއް އެބައޮތް." އަޔާޒް އެހެން ބުނެލީ ހަމަ ޙަޤީޤަތުގައި ވެސް އޭނައަށް މަލާކްގެ އެހީ ހޯދިދާނެ ކަމެއްގެ މަތިން ހަނދާން ކުރަމުންނެވެ.

"ކޮންކަމެއް؟" މަލާކް އެނގެން ބޭނުންވެފައި ހުރިވަރުން ދެންމެ ކުރެވުނު އިޙްސާސްތަކުގެ މަތިން ވެސް ހިނދުކޮޅަކަށް ހަނދާން ނެތުނެވެ. ޖަވާބުގައި އަޔާޒް މަލާކަށް ހިނިތުންވުމެއް ދައްކާލިއެވެ.

މަލާކަށް ކޮށްދެވޭނީ ކޮންކަމެއްކަން މަލާކަށް ކިޔައިދިނުމަށްފަހު އަޔާޒް ކޮޓަރިން ނިކުމެގެން ދިޔައީއެވެ. އެ ނިކުމެގެން ދިޔަ ގޮތަށް އޭނަ ދިޔައީ ދޮންބެ ކޮބައިތޯ ބެލުމަށެވެ. ކަންދިމާކުރި ގޮތުން އޭނަ ނިކުތްތާ މިނެޓްތަކެއްގެ ތެރޭގައި ދޮންބެ ދެކުދިންނާއެކީ ގެއަށްއައެވެ. އެއަށްފަހު ދެބެއިން އެކީގައި މަޝްޣޫލުވެގެން ދިޔައީ ދެބެއިން ވެގެން ހުޅުމާލޭގައި ފަށަން އުޅޭ ބޮޑު ގަރާޖެއް ހުޅުވައި ގަރާޖުގެ ޚިދުމަތްތަކުގެ ވާހަކަ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދެވޭނެ ގޮތަކާއިމެދު މަޝްވަރާ ކުރުމުގައެވެ. މިގޮތުން ހަވީރުގެ އެ ވަގުތު ވެސް ހުޅުމާލެއަށް ގޮސް، އެމީހުންނަށް ލިބިފައިވި ބިމުގައި ހަދާފައި ހުރި ގަރާޖު ބަލައި އެތަނަށް ގެނެސްފައި ހުރި ކާރުތައް ބަލައި، އޭގެތެރެއިން ސެކަންޑް ހޭންޑް ކާރުތައް ރަނގަޅުކުރަން ކުރަންޖެހޭ މަސައްކަތްތަކާމެދު އެމީހުން މަސައްކަތަށްޓަކައި ގެނެސްފައި ތިބި މީހުންނާއި ވާހަކަ ދެއްކިއެވެ. އެދެމީހުން މާލެއަށް އަނބުރާ އައީ ޢިޝާ ނަމާދަށް ވެސް ފަހުގައެވެ. ގަރާޖު އިޝްތިހާރު ކުރުމާމެދު ވާހަކަ ދެއްކުމަށްޓަކައި އެމީހުންގެ ވިޔަފާރިތައް އިޝްތިހާރު ކުރުމުގައި އިސް ދައުރެއް އަދާކުރާ މާރކެޓިންގް މެނޭޖަރު ކަމަށްވާ މަޒުހަރު ގެއަށް ގެނެވޭނެ ވާހަކަ ގެއަށް އައި މަގުމަތީގައި ދޮންބެ ހަނދާންކޮށްދިނެވެ.

މަޒުހަރު އެރޭ އަޔާޒްމެންނާއި ބައްދަލުކުރަން އެމީހުންގެ ގެއަށް އައީ ކުރިން ވާހަކަ ދެކެވިފައިވި ފަދައިން 8 ޖެހި ވަގުތެވެ. އަޔާޒްގެ ދެބެއިންނާއި އެކީގައި މަޒުހަރު ގޮސް ސިޓިންގް ރޫމުގެ ސޯފާގައި އިށީނީ ގަރާޖުގެ ޚިދުމަތްތައް އިޝްތިހާރު ކުރުމަށްޓަކައި މަޒުހަރު ހަދާފައި ހުރި ޕޯސްޓަރުތައް ދެއްކުމަށެވެ. ސޮފްޓްވެއާރއެއްގެ އެހީގައި ލެޕްޓޮޕް އެގޭގެ ސްމާޓް ޓީވީއާ ކަނެކްޓް ކުރެވިފައިވުމުން ލެޕްޓޮޕް ސްކްރީނަށް މަޒުހަރު އަޅުވަމުން ދިޔަ މަންޒަރުތައް ޓީވީއިން ފެންނަމުން ދިޔައެވެ. ނިޝާން މަޒުހަރު ހަދާފައިވި އާދައިގެ ޕޯސްޓަރުތަކަށް ބޯޖަހަމުން ދިޔައީ ނުހަނު %

ގުޅުންހުރި

ޚިޔާލު

Comments are closed.

More in ވާހަކަ