ރިޕޯޓްކޮލަމިސްޓް

ތާރީޚުގެ ތެރެއިން ޙައްޖުގެ އަޅުކަން މެދުކެނޑިގެން ދިޔުން

ޙައްޖަކީ އިސްލާމްދީނުގެ ފަސްވަނަ ރުކުނެވެ. ކެރިކުޅަދާނަ ވެގެންވާމީހާ އުމުރުން އެއްފަހަރު ޙައްޖުވުމަކީ ވާޖިބެކެވެ. ނަމަވެސް މިވާޖިބު އަދާކުރުމުގެ ނިޔަތް ގަނެގެން މާތްވެގެންވާ މައްކާގެ ބިމަށް ދިއުމަށް މިއަހަރު ޢަޒުމް ކަނޑައަޅައިގެން ތިބި އެންމެހާ މުސްލިމްތަކުންނަށް މިދިޔަ އަންގާރަ ދުވަހަކީ ހިތާމަވެރި ދުވަހެކެވެ. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ވައިރަހާއި ގުޅިގެން ސައުދީ އަރަބިއާއިން އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން މިއަހަރުގެ ޙައްޖުގެ ތައްޔާރީތައް މަޑު ޖައްސާލުމަށް ޙައްޖުގެ އަޅުކަމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް ސަޢުދީޢަރަބިއްޔާގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

އަހަރަކު ދެމިލިއަނެއްހާ މީހުން ސައުދީ އަރަބިޔާގެ މައްކާއަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ދެއެވެ. މިއަހަރުގެ ޙައްޖު މޫސުން ދިމާވަނީ މިއަހަރުގެ ޖުލައިމަހާއެވެ. ސައުދީ އަރަބިޔާގެ މިއިލްތިމާސާއެކު މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސައުދީއަށް ދެވިދާނެ ކަމާމެދު ގިނަ ބަޔަކުވަނީ ސުވާލު އުފެދިފައެވެ. ނުރައްކާތެރި ކޮވިޑް19 ޖެހިފައިވާ 1563 މީހުން ސައުދީއިން ފެނިފައިވާއިރު އެބަލި ޖެހިގެން އެޤައުމުންވަނީ މިހާތަނަށް 10 މީހުން ނިޔާވެފައެވެ.

ތާރީޚަށް ބަލާއިރު އެކިފަހަރު ތަކުގެ މަތިން އެކި ސަބަބުތަކާއި ހުރެ 40 ފަހަރަކު ޙައްޖުގެ އަޅުކަންވަނީ މެދުކެނޑިފައެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން މެދުކެނޑިއްޖެ ކަމުގައިވާނަމަ މިކަންވެގެންދާނީ މިސިލްސިލާއަށް އިތުރުވެގެންދާ ބޮޅަކަށެވެ. މިލިޔުމުގައި މިބަލާލަނީ ޙައްޖުގެ އަޅުކަން މެދުކެނޑިގެންދިޔަ ބައެއް އަހަރުތަކަށާއި ޙައްޖުގެ އަޅުކަން މުދެކެނޑެން ދިމާވި ސަބަބުތަކަށެވެ.

865މ- އަރަފާތު ފަރުބަދައިގައި ހިނގާދިޔަ ޤަތުލްއާއްމު

އަރަފާތުގައި ހުންނަ ޖަބަލު އަރަފާތު ނުވަތަ ޖަބަލުއްރަޙްމާއަކީ މީގެ 14 ޤަރުނުގެ ކުރިން ކީރިތި ރަސޫލާ (صلى الله عليه وسلم) ހައްޖަތުލްވަދާއުގައި ޚުތުބާ ދެއްވިތަނެވެ. އެކަލޭގެފާނު ހައްޖު ޚުތުބާ ދެއްވީ ޖަބަލުއްރަޙްމާ ނުވަތަ ޖަބަލު އަރަފާތުގެ ތިރީގައި ހުންނަވައިގެންނެވެ.

މީލާދިން 865 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ބަޤްދާދުގައި ޤާއިމްވެ އޮތް އައްބާސީ ޚިލާފަތުގެ ލަޝްކަރާއި އިސްމާއިލް ބިން ޔޫސުފްގެ ލަޝްކަރާއިދެމެދު އަރަފާތު ފަރުބަދައިގައި ހިނގާދިޔަ އަނިޔާވެރި ޤަތުލްއާއްމުގައި ގިނަ އަދަދެއްގެ ޙައްޖުވެރިން ޤަތުލްވުމާއި ގުޅިގެން އެއަހަރުގެ ޙައްޖުގެ އަޅުކަންވަނީ މެދުކަނޑާލާފައެވެ.

930މ- ޤަރްމަތީ ހަނގުރާމަވެރިންގެ ހަމަލާ

ޤަރްމާތީންނަކީ ޝިއައީންގެ ފިރުޤާއެއް ކަމުގައިވާ އިސްމާއިލީއިންނަށް ނިސްބަތްވާބައެކެވެ. ހިޖުރައިން 278 ވަނަ އަހަރު ކޫފާގެ ރައްޔިތެއް ކަމުގައިވާ ހަމްދާން، މަޝްހޫރު ނަމުން ނަމަ ޤަރްމާތާ އުފަންކުރި މިފިރުޤާގެ މީހުން ޤަބޫލުކުރާ ގޮތުގައި މުޙައްމަދު ބިން އަލްހަނަފިއާ ބިން އަލީ ބިން އަބީ ޠާލިބްއަކީ ރަސޫލެކެވެ. އަދި ޤުރުއާނުގެ ބައެއް އާޔަތްތައް މުޙައްމަދު ބިން އަލްހަނަފިއާއަށް ބާވަލެއްވިއެވެ. އަދި ނަމާދު ކުރުމުގައި ޤިބްލައަކީ މަސްޖިދުލް އަޤްޞާކަމާއި ނަމާދުކުރަންޖެހޭނީ ދުވާލަކު ދެފަހަރުކަމަށް މިމީހުން ޤަބޫލުކުރެއެވެ.

ބަހްރެއިންގައި ޤާއިމްވެ ހުންނަ މިފިރުޤާގެ ކޮމާންޑަރު އަބޫ ޠާހިރު އަލްޖަނަބީ ހިޖުރައިން 318 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ލަޝްކަރާއެކު މައްކާއަށް ދިޔައެވެ. އަބޫ ޠާހިރުގެ ލަޝްކަރަށް މައްކާއަށް ދެވުނީ ޙައްޖު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މައްކާއަށް ދެވުމާއެކު ޙައްޖުވެރިންނަށް ހަމަލާދީ ޙައްޖުވެރިން ޤަތުލުކޮށް އެމީހުންގެ މުދާތައް ލޫޓުވަން ފެށިއެވެ. ބުނެވޭ ގޮތުގައި އަބޫ ޠާހިރު ލަޝްކަރުން 30000 ޙައްޖުވެރިން ޤަތުލުކޮށް 11 ދުވަސްވަންދެން މައްކާ ލޫޓުވާފައިވެއެވެ. ކައުބާގެ ސަރަޙައްދުގައި ޙައްޖުވެރިން ޤަތުލުކޮށް އެމީހުންގެ ހަށިތައް ޒަމްޒަމްވަޅަށް އަޅަމުން ގެންދިޔަ ކަމަށް ތާރީޚް ފޮތްތަކުގައި ލިޔެވިފައިވެއެވެ.

އަބޫ ޠާހިރުގެ ލަޝްކަރުން މައްކާ ދޫކޮށްފައި ދަމުން ދިޔައީ ހަޖަރުލް އަސްވަދު ވަގަށް ނަގައިގެންނެވެ. އަދި ހަޖަރުލް އަސްވަދު އަނބުރާ މައްކާއަށް ގެނެސްފައިވަނީ އެއިގެ 22 އަހަރު ފަހުންނެވެ.

983މ- އައްބާސީންއާއި ފާޠިމީންގެ ސިޔާސީ ކޯޅުން

ގާތްގަނޑަކަށް 6 ގަރުނަށް ދެމިގެންދިޔަ ޢައްބާސީ ދައުލަތް ނިސްބަތްވަނީ ކީރިތި ރަސޫލާގެ ބޮޑުބޭބެފުޅުގެ ދަރިކަލުން ޢައްބާސް ބިން ޢަބުދުލް މުއްޠަލިބުއަށެވެ. އައްބާސީ ދައުލަތް ހަޤީޤީ ސިފައެއްގައި އުފެދިގެން އައީ ހިޖުރައިން 132 ވަނަ އަހަރު ގައެވެ. ތާރީޚީ ޢިލްމުވެރިން އައްބާސީ ދައުލަތް މައިގަނޑު ތިން ޒަމާނަކަށް ބަހާފައިވާއިރު ދެވަނަ ޒަމާނުގެ ތެރެއިން ދައުލަތުގެ ބާރުތައް ދަށްވެގެންގޮސްފައިވަނީ އެދުވަސްވަރު އައްބާސީ ދައުލަތާއި ވަކިން މުސްތަގިއްލު ކުދިކުދި ދައުލަތްތައް އުފެދިގެން ދިއުމުން ކަމުގައި ބުނެވެއެވެ. މީގެތެރެއިން އެއްބަޔަކީ ފާޠިމީ ނުވަތަ ޢުބައިދީ ދައުލަތެވެ.

ފާޠިމީންގެ ކަންތައް ފެށިގެން އައީ ހިޖުރައިން 297 ވަނަ އަހަރު ޠޫނީސްގައެވެ. އަދި އޭގެ 65 އަހަރު ފަހުން ހިޖުރައިން 362 ގައި މިމީހުން މިޞްރުގައި ވަކިހިއްޕާލިއެވެ. އެމީހުންގެ ބާރުގަދަވެ މުސްލިމު އުއްމަތުގެ މައްޗަށް، ޚާއްޞަކޮށް ސީރިޔާ އާއި ޢަރަބި ބައްރަށް އެމީހުންގެ ނުފޫޒު ފެތުރެން މެދުވެރިވީ އެހިސާބުންނެވެ.

އެގޮތުން އިރާޤާއި ސޫރިޔާގައި އޮތް އައްބާސީ ދައުލަތާއި މިޞްރުގައި އޮތް ފާޠިމީ ދައުލަތުގެ ވެރިންގެ މެދުގައި ބައެއް ސަރަހައްދުތަކުގެ ސަރަހައްދީ ރޮނގާއި ގުޅޭގޮތުން އުފެދުނު ސިޔާސީ ކޯޅުންގަނޑުގެ ސަބަބުން މީލާދީން 983 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާނުކުރެވި ޙައްޖުގެ އަޅުކަން މެދުކެނޑިފައި 8 އަހަރު އޮތެވެ.8 އަހަރު ވަންދެން ޙައްޖުގެ އަޅުކަން މެދުކެނޑިފައި އޮތުމަށްފަހު ދެބައިމީހުންގެ މެދުގައި އެއްބަސްވުމަކަށް އާދެވި މުސްލިމުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.

1831މ- ކޮލެރާގެ ބަލިމަޑުކަން

ޤަތުލްއާއްމާއި ސިޔާސި ކޯޅުންތަކުގެ އިތުރުން ދުނިޔޭގައި ފެތުރުނު ތަފާތު ބަލިމަޑުކަމުގެ ސަބަބުންވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާނުކުރެވި މެދުކެނޑުންތަކެއްވަނީ އައިސްފައެވެ. އެގޮތުން މިފަދަ އެއް ބަލިމަޑު ކަމަކީ ކޮލެރާއެވެ.

ކޮލެރާގެ ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެން ފަށާފައިވަނީ އިންޑިއާގެ ޖައިސޫރު އިންނެވެ. އެއިގެ ފަހުން އެސަރަހައްދާއި ކައިރި ސަރަހައްދުތަކަށް މިބަލިމަޑުކަން ފެތުރެންފެށިއެވެ. މިބަލިމަޑުކަމުގައި އެތައް މިލިއަން މީހުންނެއް މަރުވެފައިވާއިރު މިލާދީން 1831 ވަނަ އަހަރު މިބަލިމަޑުކަމުގެ އަސަރުވަނީ މައްކާއަށްވެސް ކޮށްފައެވެ. އަދި އެއަހަރުގެ ޙައްޖުގެ އަޅުކަމަށް މައްކާގައި ތިބި ހަތަރުބައިކުޅަ ތިންބައި މީހުންވަނީ ކޮލެރާ ޖެހިގެން މަރުވެފައެވެ.

1837-1858 މ- ސިލްސިލާކޮށް ފެތުރުނު ބަލިމަޑުކަން

ސިލްސިލާކޮށް ފެތުރުނު ބަލިމަޑުކަންތަކުގެ ސަބަބުން މިވިއަހަރު ދުވަހުގެ ތެރެއިން ތިން ފަހަރެއްގެ މަތިން ހައްޖުގެ އަޅުކަން މެދުކަނޑާލާފައިވާއިރު 7 އަހަރަކުވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެހެން ސަރަހައްދުތަކުން މީހުން މައްކާއަށް ޖަމާވުން ހުއްޓުވާފައެވެ. އެގޮތުން މީލާދީން 1837 ވަނަ އަހަރު މައްކާގައި ފެތުރެންފެށި ބަލިމަޑުކަމާއި ގުޅިގެން 1840 ވަނަ އަހަރާއި ހަމައަށް ޙައްޖުގެ އަޅުކަން މެދުކަނޑާލާފައިވާއިރު 1846 ވަނަ އަހަރު މައްކާއަށް ކުރިމަތިވި ކޮލެރާގެ ބަލިމަޑު ކަމުގައި 15000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މީގެ އިތުރުން 1858 ވަނަ އަހަރު ކޮލެރާ ފެތުރެން ފެށުމާއެކު އެއަހަރުގެ ހައްޖުގެ އަޅުކަމަށް މިޞްރުން އައި ހައްޖާޖީންވަނީ ރަތްކަނޑުގެ އައްސޭރީގައި ކަރަންޓީނުވެގެން ތިބެފައެވެ.

މިހާރު އުފެދޭ ސުވާލަކީ ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ތައްޔާރުވެގެންތިބި2 މިލިއަނަށްވުރެ ގިނަ މީހުންނަށް އެފުރުޞަތު ލިބޭނެބާވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް