ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާ ރެގިއުލޭޓްކުރުމަށް ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފައްދާ ބާ ކައުންސިލްގެ ރައީސް ކަމަށް ދެބޭފުޅަކު ވާދަކުރާނެކަން އިއުލާނުކޮށްފިއެވެ.
ބާ ކައުންސިލްގެ އިންތިހާބުގައި ރައީސްކަމުގެ މަޤާމަށް ވާދަކުރާނެކަން އިޢުލާނުކޮށްފައިވަނީ ހުސްނުއް ސުއޫދުއާއި މައުމޫން ހަމީދެވެ.
ބާ ކައުންސިލްގެ މަޤާމަކަށް ވާދަކުރާނެކަމަށް ފުރަތަމަ އިއުލާނުކުރި ފަރާތަކީ ރައީސް މުޙައްމަދު ނަޝީދު ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި މިހާރު ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސްކަން ކުރައްވާ ހުސްނުއް ސުއޫދެވެ. އެކަން އިޢުލާނުކޮށް ސުއޫދުކުރި ޓުވީޓުގައި ބުނެފައިވަނީ އަލަށް އުފެދޭ ބާ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
އިންތިހާބުގައި ވާދަކުރާނެކަން އިޢުލާނުކޮށް މައުމޫން ހަމީދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ބާ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށާއި ގުޅިގެން ބާ ކައުންސިލް މިނިވަން ތަނަކަށް ހަދައި ހައްޤު ބަސް ބުނާނެ ކަމަށެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2019 ޖުލައި 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ތިރީސް މިނުޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2019 ޖުލައި 14 ވާ އާދީއްތަ ދުވަހު އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...