ޝައިޚް މުޢުތަސިމް އަލް ޙަމީދު ދަރުހެއްގައި ޝައިޚާ ދިމާވި މީހެއްގެ ވާހަކަ ކިޔައި ދިނެވެ. އެމީހަކީ ޢުމުރުން ފަސްދޮޅަސް އަހަރު ވަންދެން ދުވަހަކުވެސް ﷲ އަށްޓަކައި ބިންމައްޗަށް ތިރިވެ ސަޖިދައެއް ޖެހި މީހެއް ނޫނެވެ. މުސްލިމް އާއިލާއަކަށް އުފަންވެ، އިސްލާމީ ޤައުމެއްގައި މުސްލިމުންނާ އެކު އުޅެމުން އައި މީހެއްކަމަކު ފަސްދޮޅަސް އަހަރު ވަންދެން ދުވަހަކުވެސް ނަމާދެއް ނުކުރެއެވެ. ﷲ އޭނާ އަށް ދެ ފިރިހެން ކުދިން ދެއްވިއެވެ. އަދި ﷲ ވަނީ އެ ދެކުދިންނަށް އެއިލާހުގެ ދީނަށް ހިދާޔަތް ދައްކުވާފައެވެ. އެތަނުން އެއް ކުއްޖަކީ މިސްކިތެއްގެ އިމާމެކެވެ. ދީނީ ކަންކަމަށް ބޮޑު އަހަންމިއްޔަތުކަމެއް ބަހައްޓާ މިދެކުދިން އިސްލާމް ދީނުގެ ދަޢުވަތު ފެތުރުމުގައި ވެސް ވަގުތު ހޭދަކުރެއެވެ. އެގޮތުން އެކުދިންގެ ބައްޕައަށް ވެސް ދީނީ ގޮތުން ނަސޭޙަތް ދީ، ބައްޕަ ހަމަމަގަށް އެޅުވޭތޯ އެކުދިން ވަރަށް މަސައްކަތް ކުރެއެވެ.
ނަމަވެސް މި މީހާ އެކުދިންގެ ބަހެއް ނާހައެވެ. އޭނާ ދެކޭގޮތުންނަމަ އެއީ އޭނާގެ ދަރިންނެވެ. އޭނާއަށް އެކުދިންނަށް ވުރެ މާ ބޮޑަށް ކަންކަން އެނގޭނެއެވެ. އޭނާގެ ކިބައިގައިވާ ކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުން، އޭނާގެ ދަރިންގެ ނަސޭހަތް އަޑުއަހަން އޭނާ ފަސްޖެހެއެވެ. އެއްދުވަހަކު މި މީހާއަށް އޭނާގެ ދަރިފުޅުގެ ތުނބުޅިއަށް އިޝާރާތް ކޮށްފައި ބުންޏެވެ: "މީތި ބާލަންވީ ނޫންހެއްޔެވެ؟" ބައްޕައަށް ނަސޭހަތް ދިނުމުގައި ދެމި ހުރި ދަރިފުޅަށް މިކަމުން ޙައިރާން ކަމެއް ލިބުނެވެ. އެއީ ބައްޕަ އަށް ރަނގަޅަށް އިނގޭނެ އެމީހުން ތުނބުޅި ދިގުކުރަނީ އެއީ ދީނީ ކަމެއްކަމުގައި ބަލައިގެން ކަން. ރަނގަޅަށް އިނގޭއިރު ބައްޕަ އެފަދަ އެއްޗެއް ބުނުމުން ދަރިފުޅަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ. އަދި ބައްޕައާ ދިމާލަށް ބުންޏެވެ: "ބައްޕަ ނަރަކައަށް ގޮސްފާނެތީ އަހަރެން ބިރުގަންނަމެވެ."
މިހެން ބުނުމާއެކު ބައްޕަގެ ހިތަށް އެއްޗެހިތަކެއް އަރަންފެށިއެވެ. ދަރިފުޅު މިހެން ބުނި އިރު އެތައް އަހަރެއްވަންދެން ބަންދުވެ ސިއްކަ ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ، ބައްޕަގެ ހިތް ވަނީ ހުޅުވިފައެވެ. ދުނިދަނޑިން ދޫކޯށްލެވުނު ތީރެއްފަދައިން ވަގުތުން ދަރިފުޅު އެބުނި ބަސް ބައްޕަގެ ހިތުގެ ތެރެއަށްވަނެވެ. އަދި އެހިސާބުން އެމީހާ، އޭނާގެ ޙަޔާތާމެދު ވިސްނަންފެށިއެވެ. ދުނިޔޭގެ ދިރިއުޅުމުގެ މަޤްސަދާމެދު ވިސްނަންފެށިއެވެ. މިގޮތަށް މަސްތަކެއް ވެއަތުކުރުމަށްފަހު މިސާލިޙް ދެކުދިންގެ ބައްޕަ އޭނާގެ ފުރަތަމަ ނަމާދު ކުރުމަށްޓަކައި މިސްކިތަށް ދިޔައެވެ. އޭނާގެ ދަރިފުޅު އިމާމުވެ ނަމާދުކުރާ މިސްކިތުގައި އޭނާ، ޙަޔާތުގެ ފުރަތަމަ ނަމާދު ކުރިއެވެ. މިނަމާދާއެކު އޭނާ ބަރާބަރަށް ނަމާދު ކުރަން ފެށިއެވެ. ދަރިފުޅަކަށް ފުރަތަމަ މިކަން ނޭނގެއެވެ. ނަމަވެސް ބައެއް މީހުން ދަރިފުޅުގެ ސަމާލުކަމަށް މިކަން ގެނައެވެ. ދަރިފުޅު ހިތަށްއެރިއެވެ. ބައްޕައަކީ ބައްޕަގެ ކިބައިގައި ބޮޑާކަން ވަރަށް ބޮޑަށް ވާ މީހެކެވެ. މިޙާލަތުގައި އަހަރެން، ބައްޕަޔާ މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ފަށައިފި ނަމަ ނުބައި ނަތީޖާ އެއް ނުކުމެދާނެއެވެ. ބައްޕަ އެދަނީ ތެދުމަގާ ދިމާލަށް ދަތުރު ކުރަމުންނެވެ. ބައްޕަ އަމިއްލަ އަށް ކުރިއަށް ދާން ދޫކޮށްލިއްޔާ މާ ރަނގަޅުވާނެއެވެ.
ނަމާދު ކުރަން ފެށުމާއެކު، މިސްކިތުގައި އޭނާގެ ދަރިފުޅު ދޭ ދަރުސް ތައް އޭނާއަށް އަޑު އިވެން ފަށައިފިއެވެ. އެއާއެކު ދަރުސް އަޑުއެހުމަށް އޭނާގެ ހިތުގައި ޝަޢުޤުވެރިކަން އުފެދެން ފަށައިފިއެވެ. މިހެން ގޮސް މިސްކިތުގެ ތަނބެއްގެ ފަހަތުގައި (ދަރިފުޅަށް ނުފެންނާނެހެން) އިނދެ އޭނާ ބަރާބަރަށް ދަރިފުޅުގެ ދަރުސްތައް އަޑުއަހަމުން ދިޔައެވެ. މިހެންގޮސް އޭނާއަށް ސިގިރޭޓު ބުއިމުގެ ނުބައިކަން އެނގެން ފެށިއެވެ. މި މީހަކީ ކޮންމެ ދުވަހަކު އަށްޑިހަ ވަރަކަށް ސިގިރޭޓުބޯ މީހެކެވެ. ސިގިރޭޓު ބުއިމުކީ ކިހާ ނުބައި ކަމެއް ކަން އެނގުމާއެކު އޭނާ ސިގިރޭޓު ބުއިން ހުއްޓާލުމާމެދު ވިސްނަންފެށިއެވެ. އަދި އެދުވަހު އޭނާ ވަގުތުން ސިގިރޭޓު ބުއިން ހުއްޓާލުމަށް އަޒުމް ކަނޑައެޅިއެވެ. އެއްވެސް ޙާލެއްގައި މަދުކުރަމުން މަދު ކުރަމުންނެއް ނޫނެވެ. އައްޑިހަ ސިގިރޭޓުން ސުމަކަށް އޭނާ ތިރިކޮށްލީ އެންމެ ދުވަހަކުންނެވެ. އޭގެ ފަހުން އޭނާ ދުވަހަކުވެސް ދުންފަތުގެ އިސްތިޢުމާލެއް ނުކުރެއެވެ.
މިހާރު އެމީހަކީ 73 އަހަރުގެ މީހެކެވެ. ވާހަކަ ކިޔައިދެއްވަމުން ޝައިޚް ވިދާޅުވީ، އަޅުގަނޑުގެ ޙަޔާތުގައި ދިމާވެފައިވާ ދީނީ ޢިލްމު ދަންނަ މީޙުންގެ ތެރެއިން މި މީހަކީ މިހާރު އެންމެ އުހުގައި ވާ މީހުންގެ ތެރެއިން މީހެކެވެ. އުމުރުން 68 އަހަރުގަ އޭނާގެ ޙަޔާތަށް ސަތޭކަ އަށްޑިހަ ޑިގްރީގެ ބަދަލެއް އައި އިރު، މިހާރު އޭނާއަށް ޙަޔާތުގެ މާނަ އޭގެ އެންމެ ފުރިހަމަ މާނާގައި އެނގެއެވެ. ލިބުނު ދުވަސްކޮޅުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފައި، ޢިލްމީ ގޮތުން އެތައް ކުރިއެރުންތަކެއް އޭނާ ވަނީ ހޯދާފައެވެ. އެގޮތުން ތަފްސީރު އިބްނު ކަޘީރު 15 ފަހަރު އެއްކޮށް ކިޔައިފައިވާއިރު، ވިހި މުޖައްލަދަށް (ވޮލިޔުމް) ވުރެ ދިގު ފޮތެއް ކަމަށްވާ ތަފްސީރު އިބްނު ޖަރީރު އައް ޠަބަރީ ދިހައަކަށްވުރެ ގިނަ ފަހަރު އޭނާ ވަނީ ކިޔައިފައެވެ. އިބްނު ޖަރީރު އައް ޠަބަރީގެ ޠާރީޚު ފޮތް ވެސް އޭނާ އެތައްފަހަރަކު ކިޔައިފިއެވެ. މީގެ އިތުރުން އޭނާ ވަނީ، ތިރީސް މުޖައްލަދަށް ވުރެ ގިނަ މުޖައްލަދު ހިމެނޭ ފޮތެއް ކަމަށްވާ ޝައިޚް އަލްބާނީގެ ސިލްސިލަތުއް ސަޙީޙްއެއްކޮށް ކިޔައިފައެވެ. އޭނާ އާއެކު މަޖްލިސް ކޮށް އިށީނދެއްޖެ ނަމަ މުޅިންވެސް ދައްކަނީ ޢިލްމީ ވާހަކައެވެ.
މިފެނިގެން ދިޔައީ، ﷲ ސުބުޙާނަހޫ ވަތަޢާލާ، މީހެއްގެ ޙަޔާތް ބަދަލުކޮށްދެއްވި ގޮތުގެ ވާހަކައެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ އީ ހިތްތައް ބަދަލުކުރަށްވާ އިލާހެވެ. އެއިލާހުގެ ކިބައިން ހިދާޔަތަށް އެދި އަހަރެމެން އަބަދުވެސް ދުޢާ ކުރަން ވާނެއެވެ.















ޚިޔާލު