ތިއީ ބޮޑު ވެގެންވާ ބުހުތާނެއް
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އަޅުގަނޑުމެންގެ ދުލުން ބޭރުވާ ބަހަކާ ދޭތެރޭ މާ ބޮޑު ވިސްނާލުމެއް ނެތި ވާހަކަ ދައްކަމުން ދާ މި ފަދަ ޒަމާނެއްގައި ނޫރު ސޫރަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބާވައިލައްވާފައި ވާ ބައެއް އާޔަތްތަކާއި ދޭތެރޭ އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
﴿إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ﴾ [النور : 23]
"ހަމަކަށަވަރުން، ޢިފްފަތްތެރި، ޣަފްލަތްތެރި (އެބަހީ: ފާފަކުރުމުގެ ޚިޔާލެއް ވެސް ނެތް) މުއުމިން އަންހެނުންނަށް ޤަޛުފު ކުރާ މީހުންނަށް، ދުނިޔެއާއި، އާޚިރަތުގައި ލަޢުނަތް ލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ."
އާދެ! މިއީ ވަރަށް ނުރައްކާތެރި ވައީދެކެވެ. އަޅުގަނޑުމެން ވިސްނާނުލާ ބުނާ އެންމެ ބަހެއް އެއީ އަޅުގަނޑުމެން ނަރަކައަށް އެއްލާލެވިގެން ދާ ސަބަބެއް ކަމުގައި ވެގެން ހިނގައިދާނެއެވެ.
އެހެނީ ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ.
إن العبد ليتكلم بالكلمة من سخط الله لا يلقي لها بالا يهوي بها في نار جهنم
"ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަޅަކު ވިސްނާނުލާ ބުނާ އެންމެ ބަހެއްގެ ސަބަބުން އެ ބަސް ބުނީތީ އޭނާ ނަރަކައަށް އެއްލާލެވިގެން ދެއެވެ."
ނަރަކައަށް އެއްލާލެވޭ ސަބަބަކަށް މި ވަނީ މާ ބޮޑު ވިސްނާލުމެއް ނެތި ބުނެލާ އެންމެ ކުޑަ ބަހެކެވެ.
އާދެ! އަންހެން ކަނބަލުންގެ ބޮލުގައި ފާޙިޝް ކަންކަމުގެ ތުހުމަތު އަޅުވާ ވާހަކަ ދައްކާ ބައެއް މީހުން ބުނެ އުޅެއެވެ. އެމީހުން ދައްކާ އެފަދަ ވާހަކައަކީ އެ މީހުން އަމިއްލައަށް ދައްކާ ވާހަކައެއް ނޫންކަމަށައި އެފަދަ ވާހަކަތަކަކީ އެހެން މީހުން ބުނާތީ، އެހެން މީހުން ބުނި އެއްޗެއް އެ މީހުން ބުނި ގޮތަށް އެއްވެސް އުނި އިތުރު ކުރުމެއް ނެތި ބުނާ ވާހަކަތަކެއް ކަމަށެވެ.
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ.
كفى بالمرء كذبا أن يحدث بكل ما يسمع
"އިވޭ ކޮންމެ އެއްޗެއްގެ ވާހަކަ މީހަކު ދެއްކުން އޭނާ ދޮގު ހެދުމަށް ޓަކައި ފުދެއެވެ."
އާދެ! އަޅުގަނޑުމެން އިވޭ ކޮންމެ އެއްޗެއްގެ ވާހަކަ ދައްކާކަމުގައި ވާ ނަމަ އަޅުގަނޑުމެން އެއަށް އުނި އިތުރު ކަމެއް ނުގެނައި ކަމުގައި ވިއަސް އޭގެ ސަބަބުން އަޅުގަނޑުމެން ދޮގު ހަދާ މީހުންގެ ތެރެއިން ވެގެން ހިނގައިދާނެެއެވެ.
މިޒަމާނަށް އަޅުގަނޑުމެން ބަލާލާއިރު އިވޭ ކޮންމެ ވާހަކައެއް ދެއްކުމުގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބޭ ކޮންމެ މެސެޖެއް ފޯވާޑު ކުރުމައި ފެންނަ ކޮންމެ އެއްޗެއް ޝެއާ ކުރުން ފަދަ ކަންކަންވެސް ހިމެނިގެންދާނެއެވެ.
އާދެ! އަޅުގަނޑުމެންގެ ދުލުން އެހެން މީހުންގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެލެވޭފަދަ ވާހަކަތައް ދައްކާ ކަމުގައި ވާ ނަމަ އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ އެހެން މީހަކު އަޅުގަނޑުމެންނޭ ކިޔައިގެން އެ ފަދަ ވާހަކައެއް ދައްކައިފި ކަމުގައި ވާ ނަމަ އަޅުގަނޑުމެންނަށް ވާނީ ކިހިނެތްތޯ؟
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
﴿لَّوْلَا إِذْ سَمِعْتُمُوهُ ظَنَّ الْمُؤْمِنُونَ وَالْمُؤْمِنَاتُ بِأَنفُسِهِمْ خَيْرًا وَقَالُوا هَٰذَا إِفْكٌ مُّبِينٌ ﴾ [النور : 12]
"އެވާހަކަ އިވުނުހިނދު، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން އެއުރެންގެ އަމިއްލަ ނަފްސުތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟"
އާދެ! އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް އެފަދަ ބޮޑު ނުބައި މުޑުދާރު ކަމެއް ނުކުރާނެކަން އަޅުގަނޑުމެން ޤަބޫލުކުރާ ފަދައިން އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށްވެސް ހަމަ އެ އުޒުރު ހޯދައިދޭން އަޅުގަނޑުމެން ޖެހެއެވެ.
އެހެނީ ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ.
لا يؤمن أحدكم حتى يحب لأخيه ما يحب لنفسه
"އެއްވެސް މީހަކު އީމާންވި ކަމުގައި ނުވެއޭ އޭނާގެ އަމިއްލަ ނަފްސަށް އެދޭ ކަންތައް އޭނާގެ އަޚާއާއި ދޭތެރޭ ވެސް އެދިއްޖައުމަށް ދާންދެން"
އާދެ! އަޅުގަނޑުމެންގެ އަމިއްލަ ބޮލުގައި މި ފަދަ ނުބައި ތުހުމަތެެއް އެޅެން އަޅުގަނޑުމެން ނޭދޭ ފަދައިން އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ބޮލުގައި ވެސް މި ފަދަ ނުބައި ތުހުމަތެއް އެޅެން އަޅުގަނޑުމެން އެއްވެސް ވަރަކަށް ހިތްވަރު ދީގެން ނުވާނެއެވެ. އަޅުގަނޑުމެންގެ ބޮލުގައި ނުބައި ތުހުމަތެއް އެޅޭހިނދު އެކަމަށް އިންކާރު ކުރަން އެދޭ ފަދައިން އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ބޮލުގައި އެފަދަ ތުހުމަތެއް އެޅޭ އިރުވެސް އެކަމަށް އިންކާރު ކުރަން ޖެހޭނެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
﴿وَلَوْلَا إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَا أَن نَّتَكَلَّمَ بِهَٰذَا سُبْحَانَكَ هَٰذَا بُهْتَانٌ عَظِيمٌ﴾ [النور : 16]
"ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެން ހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއްނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ ބުހުތާނު ދޮގެކެވެ."
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ.
اجتنبوا السبع الموبقات
"ހަލާކު ކޮށްލަނިވި ހަތް ފާފައިން ތިޔަބައިމީހުން ދުރުހެލިވާށެވެ."
އޭގެ ތެރެއިން އެކަލޭގެފާނު ފާހަގަ ކުރައްވާފައި ވަނީ ވަރަށް ބޮޑެތި ފާފަތަކެވެ. ޝިރުކު ކުރުމާއި، ސިޙުރު ހެދުމާއި، އެއްވެސް ޙައްޤަކާއި ނުލައި މައުސޫމު ނަފްސެއް ގަތުލުކުރުމާއި، މި ފަދަ ބޮޑެތި ކަންކަން ބަޔާން ކުރައްވަމުން އައިސް އެފަދަ ކަންކަމާއި އެކުގައި އެކަލޭގެފާނު ޙަދީޘް ކުރައްވަނީ
وقذف المحصنات الغافلات المؤمنات
"އަދި ޣާފިލުވެ ނުބައި ކަމެއް ކުރުމުގެ ވިސްނުން ވެސް ނާންނަ ހެޔޮލަފާ ޞާލިޙު އަންހެން ކަނބަލުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުން "
އާދެ! އެއީ މީހާ ހަލާކު ކޮށްލަނިވި ހަތް ފާފައިގެ ތެރެއިން އެއް ފާފަ ކަމުގައި އެކަލޭގެފާނު ބަޔާންކުރައްވާފައި ވެއެވެ. އަދެ! މި ޙަދީޘްގައި ޒިނޭ ކުރުމުގެ ވާހަކައެއް، ރާ ބުއިމުގެ ވާހަކައެއް ނާދެއެވެ. އަދި ވައްކަން ކުރުމުގެ ވާހަކައާއި މީހުންގެ އަތުން އެއްޗެހި ފޭރުމުގެ ވާހަކައެއްވެސް ނާދެއެވެ. އެހެން ނަމަވެސް އެ ހުރިހާ ކަންކަމަކަށް ވުރެ ބޮޑުކަން އަޅުގަނޑުމެންނަށް އެނގެންދަނީ ޢިއްފަތްތެރި އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ. އަދި ޢިއްފަތްތެރި ފިރިހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުން ވެސް ހަމަ މީގައި ޝާމިލުވެގެން ދާ ކަމުގައި ޢިލުމުވެރިން އިޖުމާއު ވެފައިވެއެވެ.
އާދެ! މީހެއްގެ ބޮލުގައި މި ފަދަ ތުހުމަތެއް އެޅުވުން މިއީ އެ ފަދަ ބޮޑު ނުރައްކާތެރި ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން އެ ފަދަ ބޮޑެތި ނުބައި ވާހަކަތައް ދައްކާ މީހުން ސަމާލުވާން އެބަ ޖެހެއެވެ. ދުނިޔެ މަތީގައި ފިލައިގެން އުޅެވުނު ކަމުގައި ވީ ނަމަވެސް އާޚިރަތް ދުވަހުގައި ފިލާން ވަންނާނެ އެއްވެސް ތަނެއް ނޯންނާނެ ކަން ދަންނަން އެބަ ޖެހެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
﴿يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ﴾ [النور :24]
"އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެއުރެން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހުންނެވެ."
﴿يَوْمَئِذٍ يُوَفِّيهِمُ اللَّهُ دِينَهُمُ الْحَقَّ وَيَعْلَمُونَ أَنَّ اللَّهَ هُوَ الْحَقُّ الْمُبِينُ﴾ [النور : 25]
"އެދުވަހުން اللَّه، އެއުރެންނަށް، އެއުރެންގެ ޙައްޤު ޖަޒާ ހަމަޔަށް ދެއްވާނެތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ބަޔާން ވެގެންވާގޮތުގައި، ހަމަ ޙައްޤުވަންތަ ކަލާނގެކަން އެއުރެންނަށް އެނގޭނެތެވެ."
މިއަދު ސަލާމަތް ވި ކަމުގައި ވިއަސް އެ ދުވަހުން އަޅުގަނޑުމެން ސަލާމަތް ވާނެ އެއްވެސް ގޮތެއް ނޯންނާނެެއެވެ. އަޅުގަނޑުމެންނަށް މި ފަދަ ކަމެއް ކުރެވިފައި ވާ ނަމަ އަޅުގަނޑުމެން އެ ކަމަށް ތައުބާވާން އެބަޖެހެއެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...