ރާއްޖޭގެ ޚަބަރު ޖީލުތަކަށް ދިވެހި ބޭސްވެރިކަން ފޯރުކޮށްދެވޭނީ ޒަމާނީ ބޭސްވެރިކަމުގެ ހަމަތަކަށް ކުރިއަރުވައިގެން: ރައީސް

ޖީލުތަކަށް ދިވެހި ބޭސްވެރިކަން ފޯރުކޮށްދެވޭނީ ޒަމާނީ ބޭސްވެރިކަމުގެ ހަމަތަކަށް ކުރިއަރުވައިގެން: ރައީސް

ޖީލުތަކަށް ދިވެހި ބޭސްވެރިކަން ފޯރުކޮށްދެވޭނީ ޒަމާނީ ބޭސްވެރިކަމުގެ ހަމަތަކަށް ކުރިއަރުވައިގެން: ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހި ބޭސްވެރިކަމަކީ، ދިވެހީންގެ މަދަނިއްޔަތާއި ދިވެހި ރަށްވެހިކަމުގެ އަގުހުރި ތަރިކައެއްކަމަށާއި އެ ތަރިކަ ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޒިންމާއަކަށްވާއިރު އެކަން ކުރެވޭނީ މިޒަމާނުގެ ބޭސްވެރިކަމުގެ ހަމަތަކާ އެއްގޮތަށް ދިވެހި ބޭސްވެރިކަން ވެސް ކުރިއަރުވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނިގެން ކުރިޔަށް ގެންދާ "ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާއި ގުޅޭ މަހާސިންތާ" އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް ވިދާޅުވީ އެވޭލާ ދިވެހީންގެ މެދުގައި ދިވެހި ބޭސްވެރިކަން ނަޤުލުވަމުން އައީ ލިޔެވިފައި ހުރި ފޮތްތަކުން ކިޔެވުމުގެ ބަދަލުގައި، އެދުރުންގެ ފަރާތުން އުނގެނި ދަސްކޮށްގެންކަމަށާއި އެހެންކަމުން ދިވެހި ބޭސްވެރިކަމަކީ އަމިއްލަ ތަޖުރިބާތަކާއި ހޯދުންތައް ވަރަށް ބޮޑަށް އެކުލެވިފައިވާ ޢިލްމެއްކަމަށެވެ. އަދި ދިވެހި ބޭސްވެރިކަމަކީ ވެސް، ރާއްޖޭގެ ވަށައިޖެހިފައިވާ ޞިއްޙީ ނިޒާމުގެ އެއް ގުނަންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކައި، ދިވެހި ބޭސްވެރިކަން ދަސްކޮށްދިނުމާއި، ފަރުވާދިނުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ޤާއިމްކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.

"ވިލާތުގެ ބޭސްވެރިކަމުން ދުނިޔޭގެ ޞިއްޙީ ނިޒާމުވަނީ ބަދަލުވެފައި. އެއީ ކިތަންމެ މުޖައްރިބު ބޭސްވެރިކަމަކަށް ވިޔަސް، ޙަކީމީ ބޭސްވެރިކަމާއި އޯލަޓަނޭޓިވް ބޭސްވެރިކަމަށް އަލްވަދާޢު ކީ ހަމަ އެންމެ ޤައުމެއް ވެސް ނެތް. އޭގެ ބަދަލުގައި ކޮންމެ ޤައުމެއް ވެސް މަސައްކަތް ކުރީ، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޙަކީމީ ބޭސްވެރިކަން ކުރިއަރުވައި އާލާކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި ބޭސްފަރުވާއަކީ، ދުޅަހެޔޮ ޞިއްޙަތެއްގެ އެއް ފަރާތްކަމަށާއި، އޭގެ އަނެއް ފަރާތަކީ، ދިރިއުޅުމުގެ ރަނގަޅު އާދަތަކަށާއި ޞިއްޙަތަށް ފައިދާހުރި ކާނާއެވެ. އަދި ކޮންމެ ޢާއިލާއެއްގެ ވެސް ވިސްނުން ބަހައްޓަންވީ، އެ ޢާއިލާއެއްގެ ދަރީންނަކީ، ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދިންގެ އެންމެ ތުއްތު ޢުމުރުގައި، އެކަމަށް އަމާޒު ހިފައިގެން ނޫނީ، އެކަން ޙާޞިލެއް ނުކުރެވޭނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަދިވެސް ދިރިއުޅުމުގެ ނުރަނގަޅު އެތައް އާދަތަކެއް ދިވެހިންގެ ކިބައިގައި އެބަހުރިކަމަށެވެ. އެގޮތުން ޒަމާނީ ލުއިފަސޭހަތަކާއެކު، ސިކުނޑިތަކަށް ކަންނެތްކަމާއި ވަރުބަލިކަން ސަވާރުވެ ހަށިތަކަށް ފަލަކަމާއި ލޮޑުކަން ވެރިވަމުންދާ ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި، މިކަމަށް އޮތް އެންމެ މުޖައްރިބު ފަރުވާއަކީ، ޞިއްޙަތަށް ފައިދާ ހުރި ކާނާއާއި ޙަރަކާތްތެރި ދިރިއުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ދިވެހިންގެ ވިސްނުން ބަހައްޓަންވީ، ބަލިވުމުން ބޭސްކުރަން ތިބުމުގެ ބަދަލުގައި، ބަލިތަކުން ދުރުހެލިވެ، ދުޅަހެޔޮ ދިރިއުޅުމެއް ވެއަތުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.