ރާއްޖޭގެ ޚަބަރު

ޕީސްގެ ސުޖޫދު ވޯރކްޝޮޕް އިންޓަރނޭޝަނަލް ބްރޭންޑަކަށް

ނަމާދުގެ މުހިންމުކަމާއި ނަމާދު ކުރާނޭ ގޮތާއި އަދި ނަމާދާ ގުޅުންހުރި ޙުކުމްތައް ކުދަކުދިންނާ އެކަށޭނެ ގޮތަށް ޝައުގުވެރިވާފަދަ ހަރަކާތް ތަކާއެކުގައި ކުދިންނަށް ދަސްކޮށްދީ އަށަގެންނެވުމަށް ޕީސް ފައުންޑޭޝަނުން ކުރިއަށް ގެންދާ "ސުޖޫދު" ވޯރކްޝޮޕް ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ވިދާޅުވީ "ސުޖޫދު" ވޯރކްޝޮޕް އިންޓަރނޭޝަނަލް ބްރޭންޑަކަށް ބަދަލުކޮށް ދުނިޔޭގެ އެކި ޤައުމުތަކުގައި މިވޯރކްޝޮޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން މިވޯރކްޝޮޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޕީސް ފައުންޑޭޝަނާއި އޮސްޓްރޭލިއާގެ މަދީނާ އެކަޑަމީއާއި ގުޅިގެން ކަމަށެވެ. އެގޮތުން ޕީސް ފައުންޑޭޝަންގެ ފަރާތުން ވޯރކްޝޮޕްގެ ކޮންޓެންޓް ޑިވެލޮޕްކުރުމާއި މާރކެޓް ކުރުމުގެ މަސައްކަތް ކުރާއިރު މަދީނާ އެކަޑަމީގެ ފަރާތުން ވޯރކްޝޮޕް ހުށަހަޅައިދިނުމާއި ޢިލްމީ ގޮތުން ރިވިއުކުރުމުގެ މަސައްކަތް ކުރާނެއެވެ.

ޞަބާހް ވިދާޅުވީ "ސުޖޫދު" ވޯރކްޝޮޕް ކުރިއަށް ގެންދިޔުމަށް މެލޭޝިއާ، ސްރީލަންކާ، ފިޖީ، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް ހަމަޖެހިފައިވާއިރު 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ން 3 ކަށް ނިއުޒިލޭންޑްގެ ވެލިންޓަންގައި "ސުޖޫދު" ވޯރކްޝޮޕް ކުރިއަށް ގެންދާނެއެވެ. އަދި 2019 ވަނަ އަހަރުގެ ޖުލައި މަސްތެރޭގައި މާލެ އަދި އައްޑޫ ސިޓީގައި "ސުޖޫދު" ވޯރކްޝޮޕް ކުރިއަށް ގެންދާނެ ކަމަށް ޞަބާހް ވިދާޅުވިއެވެ.

އެކި ޤައުމުތަކުގައިވެސް "ސުޖޫދު" ވޯރކްޝޮޕް ހުށަހަޅައިދޭން ހަމަޖެހިފައިވަނީ ރާއްޖޭގައިވެސް މިވޯރކްޝޮޕް ހުށަހަޅައިދިން ޝައިޚް ނަސީމްއެވެ. ޞަބާހް ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ތަނުގައި "ސުޖޫދު" ވޯރކްޝޮޕް ކުރިއަށް ގެންދިޔުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން މީޙުން ތަމްރީންކުރުމުގެ މަސައްކަތް މަދީނާ އެކަޑަމީއާއި ގުޅިގެން ޕީސް ފައުންޑޭޝަނުން ކުރިއަށް ގެންދާނެއެވެ.

އެނގިފައިވާ ގޮތުގައި މިއީ ރާއްޖޭގައި ދީނީ ދައުވަތު ފެތުރުމަށް ކުރިއަށް ގެންދާ މިފަދަ މަސައްކަތެއް އިންޓަރނޭޝަނަލް ބްރޭންޑަކަށް ބަދަލުކޮށް ދުނިޔޭގެ އެކި ޤައުމުތަކުގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

ކުޑަކުދިންނާއި އެކަށޭނަ މަޖާ ކުޅިވަރު ހަރަކާތްތަކާއެކު ނަމާދުގެ ކަންކަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ "ސުޖޫދު" ވޯރކްޝޮޕް 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާއިރު މިހާތަނަށް މާލެ ސިޓީއިން މާލެ އާއި ވިލިމާލޭގެ އިތުރުން ފުވައްމުލައް ސިޓީގައި މިވޯރކްޝޮޕް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މިވޯރކްޝޮޕްތަކުގައި 250 އަށްވުރެ ގިނަ ކުދިންވަނީ ބައިވެރިވެފައެވެ.

"ސުޖޫދު" ވޯރކްޝޮޕް ހުށަހަޅުއްވާ ދެއްވާ އޮސްޓްރޭލިއާއަށް އުފަން ޝެއިހް ނަސީމަކީ ސްވިޒަރލޭންޑް، ފިޖީ އަދި މެލޭޝިއާ ފަދަ ޤައުމުތަކުގައި ޒުވާނުންނަށް ހިންގޭ އެކި އެކި އިވެންޓުތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެލައްވާ ބޭފުޅެކެވެ. ސަޢޫދީ އަރަބިޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން އިސްލާމިކް ލޯ ކިޔަވައިވިދާޅުވެގެން ހުންނެވި ޝެއިހް ނަސީމް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިސްލާމިކް ކޮލެޖް އޮފް އޮސްޓްރޭލިއާގައެވެ. މީގެ އިތުރުން ޝެއިހް ނަސީމަކީ އެތައް ތަޢުލީމީ އަދި އެހެނިހެން ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *