ރާއްޖޭގެ ޚަބަރު 25 ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭންފަށަނީ

25 ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭންފަށަނީ

25 ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭންފަށަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިރާސީ އައުއަހަރުގެ ކިޔެވުން ފަށާއިރު ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދޭން ފަށާނެ ކަމަށާއި ފުރަތަމަ އެކަން ފަށާނީ 25 ސްކޫލުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ދަރިވަރުންގެ އާބާދީއަށް ބެލުމަށްފަހު ނާސްތާ ދޭނެ 25 ސްކޫލެއް ކަނޑައަޅާފައިވާ ކަމަށާއި އަދި ޔުނިސެފްގެ އެހީއާއެކު ނާސްތާގެ ގޮތުގައި ދޭނެ 10 މެނޫއެއްވެސް ތައްޔާރުކޮށްފައިވާ ކަމަށެވެ.

ހެނދުނުގެ ނާސްތާ ފަށާ 25 ސްކޫލް:
1- މަޖީދިއްޔާ ސްކޫލް

2- އަމީނިއްޔާ ސްކޫލް

3- އިސްކަންދަރު ސްކޫލް

4- ހުރަވީ ސްކޫލް (ހުޅުމާލޭގައި އަލަށް ކިޔަވައިދޭން ފަށާ ސްކޫލް)

5- މުހްޔިއްދީން ސްކޫލް

6- ޝަހީދު އަލީ ތަކުރުފާން ސްކޫލް (ހއ. ތަކަންދޫ)

7- މ. ނާލާފުށި ސްކޫލް

8- ވ. އަތޮޅު މަދަރުސާ

9- ތ. ބުރުނި ސްކޫލް

10- އއ. މާޅޮހު ސްކޫލް

11- ރ. ރަސްމާދޫ ސްކޫލް

12- ހދ. ނޭކުރެންދޫ ސްކޫލް

13- ލ. އަތޮޅު ސްކޫލް (މާބައިދޫ)

14- ނ. މާފަރު ސްކޫލް

15- ދ. އަތޮޅު މަދަރުސާ (މީދޫ)

16- ގދ. އަތޮޅު ތައުލީމީ މަރުކަޒު (ގދ. ތިނަދޫ)

17- ގއ. ދާންދޫ ސްކޫލް

18- ކ. އަތޮޅު ތައުލީމީ މަރުކަޒު (ތުލުސްދޫ)

19- ޅ. އަތޮޅު މަދަރުސާ (ކުރެންދޫ)

20- ޏ. އަތޮޅު ތައުލީމީ މަރުކަޒު

21- އދ. އަތޮޅު ސްކޫލް (މާމިގިލި)

22- ފ. އަތޮޅު ތައުލީމީ މަރުކަޒު (ނިލަންދޫ)

23- މިލަންދޫ ސްކޫލް

24- ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)

25- ޝަރަފުއްދީން ސްކޫލް (ސ. ހިތަދޫ)

ޑރ އައިޝަތު އަލީ ވިދާޅުވީ ނާސްތާ ދިނުމަކީ ދަރިވަރުންނާ ސީދާ ގުޅޭ ކަމަކަށް ވުމުން ބެލެނިވެރިންގެ ރުހުން އޮތްތޯ ބެލުމަށް ފޯމެއް ފުރަންޖެހޭނެ ކަމަށާއި އެކަމަށް ބެލެނިވެރިއަކު ބޭނުން ނުވާ ނަމަ އެ ދަރިވަރަކު ނާސްތާގައި ބައިވެރިއެއް ނުކުރާނެ ކަމަށެވެ. އަދި މިފޯމްގެ ޒަރީއާއިން ދަރިވަރަކު ކާ އެއްޗަކަށް އެލާޖިކް ވޭތޯ އާއި ސިއްހަތާ ގުޅޭ މުހިއްމު މައުލޫމާތުތައް ދެނެގަނެވިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނާސްތާ ދޭން ފަށާ 25 ސްކޫލުގެ ޖުމުލަ އާބާދީ އަކީ 14،720 އެވެ. އޭގެ ތެރެއިން ވެސް ނާސްތާ ދޭން ހަމަޖައްސާފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ. އެ ދަރިވަރުންނަށް ނާސްތާ ދޭނީ ކިޔެވުން ފެށުމުގެ ކުރިން ކްލާސްރޫމުގަ އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ނާސްތާ ދިނުމުގައި ދަރިވަރުންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް ސްކޫލު ފެންވަރުގައި އެޅުމަށް ބަޔާންކޮށްފައިވާނެކަމަށާއި އޭގެ ތެރޭގައި ދަރިވަރުންނަށް ލިބޭ ކާބޯތަކެތީގެ ތާޒާކަން ސްކޫލު ފަރާތުން ބެލުމާއި ކާބޯތަކެތި ތައްޔާރުކުރާ ތަން ސްކޫލު ފަރާތުން ބެލުމަށް އިރުޝާދު ދެވިފައިވާނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ތާޒާކަމާއި އެތަކެތީ ތައްޔާރުކުރާ ތަނާއި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސާފުތާހިރުކަމަށް ވެސް ހާއްސަ އިރުޝާދުތަކެއް ހިމަނާފައިވާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސްކޫލް ކުދިންނަށް ނާސްތާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.