މިއަދު ދިވެހިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަވަނަވެފައިވާ ދުނިޔޭގައި ހިނގާ އޮއިވަރުތަކުގެ ސަބަބުން ޒުވާން ޖީލަށް ނުބައި އަސަރުތަކެއް ކުރުން ކަމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ ޒުވާން ޖީލަށް އެންމެ ރަނގަޅު ގޮތުގައި ތައުލީމާއި ތަރުބިއްޔަތު ދެވިފައި ނުވުމުގެ ނަތީޖާއެއްގެ ގޮތުން އެކި ޒާތްޒާތުގެ ކަންކަމުގެ ތެރެއަށް ޒުވާނުން ވަދެގެން ގޮސްފައިވާ ކަމަށާއި މި ހާލަތުން އަރައިގަނެވޭނީ ޒުވާނުން މަތިވެރި އިސްލާމީ ތަރުބިއްޔަތަކުން، ތަރުބިއްޔަތުކޮށް ރިވެތި އަޚްލާޤެއް އަށަގަންނުވައިގެން ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާއި ނައިބް ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވި މިޖަލްސާގައި ޝައިޚް އިމްރާން ވިދާޅުވީ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތަށް ގޮންޖެހުން ކުރިމަތިވި ކޮންމެ ފަހަރަކު އެކަމުން ސަލާމަތްވީ ކާބަފައިންގެ ކެތްތެރިކަމާއި އަޒުމުންކަމަށާއި އެކަންކަން ކާބަފައިންގެ ކިބައިން ދަސްކޮށް ޢިބްރަތް ހާސިލްކުރަންޖެހޭ ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާއެއް ކަމުގައިވާނީ އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމިއްޔަތާއި އިސްލާމްވަންތަކަމާއި ރިވެތި އަހުލާޤު ފޯރުކޮށްދިނުންކަމަށާއި އެކަން ކުރެވޭނީ ގުޅިގެން މަސައްކަތް ކޮށްގެންކަމަށެވެ.
ރޭގެ ޖަލްސާގައި ކުރީގެ ރައީސް މައުމޫނާއި މަޖްލީހުގެ ރައީސް ޤާސިމް އިބްރާހިމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...