ރާއްޖޭގެ މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ މަޝްރޫއު މިއަދު އިފްތިތާހު ކޮށްފިއެވެ.
މިމަޝްރޫއު މިއަދު އިފްތިތާހް ކޮށްދެއްވީ މިކަމަށްޓަކައި ކ މާފުށި މަސްޖިދުލް ފާރޫޤްގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބް ރައީސް ފައިސަލް ނަސީމްއެވެ.
މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ތެރެއިން ފުރަތަމަ 30 ދުވަހު ފެށުމަށް ކަނޑައަޅާފައިވާ ކަމެކެވެ.
މިމަޝްރޫއުގެ ދަށުން މިއަދުވަނީ ރާއްޖޭގެ 11 އަތޮޅެއްގެ 17 މިސްކިތެއްގައި ޤުރުއާން ކިޔަވައިދިނުމަށް ފަށާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވިދާޅުވީ މި މަޝްރޫއަކީ އެދުރުގެތަކުގައި އަދާކުރަމުންދިޔަ ދައުރު މިސްކިތްތަކަށް ބަދަލުކޮށް ދަރިންގެ ހިތްތަކުގައި ދީނާމެދު އޮންނަ ލޯބި އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެއްކަމަށެވެ އަދި މިމަޝްރޫއުއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށާއި މިކަމުގެ ސަބަބުން މުޅި މުޖުތަމަޢުއަށް ފައިދާތަކެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ އަކުރު ދަސްކޮށްދޭ ކްލާސްތަކަކާއި ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކަކާއި ބަލައިގެން ހަތިމް ކުރުމަށް ކުދިންނަށް ދަސްކޮށްދޭ ކްލާސްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ބައިވެރިވެޑައިގެންނެވި ހޯމް އެފެއަރޒް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ ރަނގަޅު ތަރުބިއްޔަތެއްގެ މަތީ ޤުރުއާނާއި މިސްކިތްތަކަށް ޅަފަތުގައި ދަރިންގެ ހިތްތަކުގައި ލޯބި ޖެއްސިއްޖެނަމަ މުޖުތަމައުގައި ކުށްކުރުން މަދުވެގެން ދާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...