ދީނީގޮތުން ހައްދުފަހަނައަޅައި، ލާއިންސާނީ ހަރުކަށި ޢަމަލުތަކަށް އަރައިގަންނަނީ އިސްލާމްދީނުގެ ލުއިފަސޭހަކަމާއި، އިސްލާމްދީނުގައިވާ ރަޙްމާއި އޯގާތެރިކަމާއި، ހަމްދަރުދީގެ މަތިވެރި އުސޫލުތަކާއި ހަމަތައް ނޭނގޭތީކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ނެރުއްވި ތަހުނިޔާގެ ޚިޠާބެއްގައެވެ.
ޚިޠާބުގައި ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ، އިސްލާމީ ޢަޤީދާގެ އެއްބައިވަންތަކަންކަމާއި، ދިވެހިންނާ ކުރިމަތިވާ ބޭރުގެ ލާދީނީ އޮއިވަރުތަކުން، މި ރާއްޖެ ޙިމާޔަތްކޮށް ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނައަކީ އިސްލާމީ ޢަޤީދާގެ ސާބިތުކަމާއި ހަރުދަނާކަން ކަމަށެވެ.
ރައީސް ވިދާޅުވީ ރަނގަޅު ނޫން މައުލޫމާތުގެ ސަބަބުން އެތައް ދިވެހިންނަކަށް މަގު އޮޅި ލޯބިވާ އާއިލާތަކާ ވަކިވެ ދުނިޔެ ދޫކުރަމުން ދާ ކަމީ ދިވެހިން ހިތާމަކުރާ ކަމެއް ކަމަށެވެ. ދީނުގެ ހަރުކަށި ފިކުރުތަކުގެ ސަބަބުން ވެސް އެތައް ޒުވާނުންނެއް މަގުއޮޅެމުންދާކަން މިއަދު ހަނދާނުގައި ބަހައްޓަންޖެހޭކަމަށް ވެސް ވިދާޅުވި އެވެ.
ރައީސްވަނީ ދިވެހި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ތަރުބަވީ މުއައްސަސާތަކާއި މުދައްރިސުންނަށް އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...