މިސްކިތްތަކަށް އެހީވާ ވަޤުފް ފަންޑާއި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ "ދާރުލް އީމާން" ވަޤުފް ބިނާއިން މަހުން މަހަށް ލިބެންޖެހޭ ކުލި ނުލިބި ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް އޮޑިޓަރ ޖެނެރަލް ހާމަކޮށްފިއެވެ.
އޮޑިޓް އޮފީހުން ނެރެފައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ 2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ދާރުލް އީމާން އާއި ގުޅޭ 2 މައްސަލައެއް ފާހަގަކޮށްފައިވެއެވެ.
އެގޮތުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ވަޤުފް ބިނާގެ 9 ފަންގިފިލާއެއް ފިނޭންސް މިނިސްޓްރީއަށާއި އައިލެންޑް އޭވިޝަންއަށް ކުއްޔަށް ދީފައިވަނީ އެފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިންކަމަށާއި މިކަމަކީ ދައުލަތުގެ މާލިއްޔަތު ޤަވައިދާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށްފައިވެއެވެ. އަދި 2017 ވަނަ އަހަރު ބެކްޑޭޓަށް މިތަންތަން ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަންވެސް މިރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
10 ފަންގިފާގެ މައްޗަށް އެކުލެވޭ ދާރުލް އިމާން އިމާރާތުން އައިލެންޑް އޭވިއޭޝަންއަށް 6 ފަންގިފިލާ ފަސް އަހަރަށް ކުއްޔަށް ދީފައިވަނީ މަހަކު ފަންގިފިލާއެއް 22،222 ރުފިޔާގެ ރޭޓުންނެވެ. 3 ފަންގިފިލާ ފިނޭންސް މިނިސްޓްރީއަށް ދޫކޮށްފައިވަނީ ފަންގިފިލާއެއް މަހަކު 49،000 ރުފިޔާގެ ރޭޓުންނެވެ. އަދި ބާކީއިން ފަންގިފިލާ އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑްކިޔާ ކުންފުންޏަކަށް ފަސްއަހަރަށް ދޫކޮށްފައިވާއިރު މަހަކު 40،000 ރުފިޔާ ކުލީގެ ގޮތުގައި ދައްކަންޖެހެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އައިލެންޑް އޭވިއޭޝަނާއި އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ވަނީ ނުދައްކައެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރ މަހުގެ ނިޔަލަށް އައިލެންޑް އޭވިއޭޝަންއިން ކުލީގެ ގޮތުގައި 6 މިލިއަން ރުފިޔާ ނުދައްކާ ހުރިއިރު އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑުން ކުލީގެ ގޮތުގައި 380،000 ރުފިޔާ ނުދައްކާ ހުރިކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
މިފައިސާ ނުލިބި ހުރުމަކީ ދައުލަތަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ފާހަގަކޮށް އެއްމަސްދުވަހުގެ ތެރޭގައި މިފައިސާ ހޯދުމަށް އިސްލާމިކް މިނިސްޓްރީއަށް އަންގާފަވެއެވެ.
ދާރުލް އީމާން އިމާރާތަކީ ރާއްޖޭގައި މިސްކިތްތައް އިމާރާތްކޮށް މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާނެ ފައިސާ ހޯދުމަށް ޑރ ޝަހީމްގެ އިސްލާމިކް މިނިސްޓަރކަމުގައި ފެއްޓެވި މަސައްކަތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...