މި ސޫރަތާއި ގުޅޭ ގޮތުން އިމާމް ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "މީސްތަކުންގެ މައްޗަށް ހަމައެކަނި ސޫރަތުލް ޢަޞްރި ބާވާލެއްވި ނަމަވެސް ފުދިގެން ދިޔައީހެވެ." އޭގެ މާނައަކީ މިސޫރަތުގައި ހުރިހާ ކަމެއް ޝާމިލުވެގެން ވެއެވެ.
އެހެން ބަސްފުޅެއްގައި ވެއެވެ. (لَوْ تَدَبَّرَ النَّاسُ سُوْرَةَ الْعَصْرِ لَكَفَتْهُمْ، مَا فِيْ هَذِهِ السُّوْرَةِ) މާނައަކީ: "ސޫރަތުލް ޢަޞްރިގައިވާ ކަންތައްތަކާއި މެދުގައި މީސްތަކުން ވިސްނާ ފިކުރުކޮށްފިނަމަ، އެބައިމީހުންނަށް ފުދިގެން ވެއެވެ."
އަލްއިމާމް އައްޠަބަރާނީ އަބޫ މަދީނާ އައްދާރިމީގެ ފަރާތުން ރިވާ ކުރައްވާފައިވާ ރިވާޔަތެއްގައި ވެއެވެ. (كَانَ الرَّجُلَانِ مِنْ أَصْحَابِ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا الْتَقَيَا لَمْ يَفْتَرِقَا إِلَّا عَلَى أَنْ يَقْرَأَ أَحَدُهُمَا عَلَى الْآخَرِ سُوْرَةَ الْعَصْرِ إِلَى آخِرِهَا، ثُمَّ يُسَلِّمُ أَحَدُهُمَا عَلَى الْآخَرِ) މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ދެބޭކަލަކު ބައްދަލުވެ ވަޑައިގެންފިނަމަ، ވަކިވެވަޑައިގަތުމުގެ ކުރިން އެއްބޭކަލަކު އަނެއް ބޭކަލަކަށް ސޫރަތުލް ޢަޞްރި ކިޔަވައިދެއްވާ އުޅުއްވައެވެ."
(وَالْعَصْرِ ﴿١﴾) މި އާޔަތުގައި މިވަނީ "ޢަޞްރު"ގެ ވަގުތު ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައެވެ. "ޢަޞްރު" ގެ ވަގުތަކީ ދުވާލުގެ އެންމެ ފަހު ވަގުތެވެ. އެއީ ދުވާލުގެ އެންމެ މާތް ވަގުތެވެ. އެވަގުތުގައި ކުރެވޭ ޢަޞްރު ނަމާދަށްނަންދެއްވާފައިވަނީވެސް "އަލްވުސްޠާ" ގެ ނަމުންނެވެ. ސޫރަތުލް ބަގަރާގެ 238 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّـهِ قَانِتِينَ ﴿٢٣٨﴾) މާނައަކީ: "ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ!"
މެދު ނަމާދަކީ ޢަޞްރު ނަމާދު ކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
ޢަޞްރު ނަމާދުގައި ހިމެނިގެންވާ ބައެއް ޚާއްޞަ ކަންތައްތައް ބަޔާން ކުރައްވަމުން އަލްއިމާމް އައްދިމްޔާޠީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
1. އެމީހެއްގެ އަހްލުވެރިންނާއި މުދާ ގެއްލިދާނެތީ ބިރުގަންނަ ފަދައިން ޢަޞްރު ނަމާދު ފާއިތުވެދާނެތީވެ އެކަމަށް ސަމާލު ވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބާރުއަޅުއްވާފައިވާކަން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ فَاتَتْهُ الْعَصْرُ ، فَكَأَنَّمَا وُتِرَ أَهْلَهُ وَمَالَهُ)[1] މާނައަކީ: "އެމީހަކަށް ޢަޞްރު ނަމާދު ފާއިތުވެއްޖެ މީހާ އޭނާގެ އަހްލުންނާއި މުދާ ގެއްލުނު ކަހަލައެވެ."
2. ޢަޞްރު ނަމާދު ގެއްލިއްޖެ މީހާގެ އެންމެހައި ހެޔޮކަންތައް ފޮހެވިގެން ހިނގައްޖެ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ تَرَكَ صَلَاةَ الْعَصْرِ ، فَقَدْ حَبِطَ عَمَلُه)[2] މާނައަކީ: "ޢަޞްރު ނަމާދު ދޫކޮށްލައިފި މީހާގެ އެންމެހައި ޢަމަލުތައް ފޮހެވިގެން ހިނގައްޖެއެވެ."
3. އެބޭކަލުންގެ އަމިއްލަ ނަފްސާއި، މައިންބަފައިންނާއި، މުދަލާއި އަހްލުވެރިންނަށް ވުރެ ޢަޞްރު ނަމާދު ޞަޙާބީންނަށް ލޮބުވެތިވެފައިވެއެވެ.
4. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ފުރަތަމަ ކަޢްބަތުﷲ ގެފުޅަށް ކުރިމަތި ލައްވައިގެން ކުރެއްވި ނަމާދަކީ ޢަޞްރު ނަމާދެވެ.
5. "ޞަލާތުލް ޚައުފް" ނުވަތަ ހަނގުރާމައިގެ ތެރޭގައި ނަމާދު ކުރާނެ ގޮތް ބާވާލެއްވީ ޢަޞްރު ނަމާދެއްގައެވެ.
6. ޢަޞްރު ނަމާދަކީ މެދު ނަމާދުކަމުގައި ވުން.
(وَالْعَصْرِ ﴿١﴾) ގެ މުރާދަކީ ޒަމާން ކަމުގައިވެސް ބައެއް މުފައްސިރުން ވިދާޅުވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ޒަމާން ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައިވަނީ މީސްތަކުންނަށް އެކި ދުވަސްވަރު އެކިކަހަލަ ކަންތައްތަކާ ކުރިމަތިވާނެތީވެއެވެ. ފަސޭހަ ވަގުތާއި ދަތިވަގުތު، ފުރިހަމަ ޞިއްޙަތުގައި ހުންނަ ވަގުތާއި ބަލިވެ އުޅޭ ވަގުތު އަންނާނެތީވެއެވެ.
(إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ )
(الْإِنسَانَ)ގެ މުރާދަކީ ހުރިހާ އިންސާނުންނެވެ. އެގޮތަކީ މިތަނުގައި އެވާ "أل" އަކީ "އިސްތިޣްރާގުލް ޖިންސި" ނުވަތަ އެޖިންސުގެ ހުރިހާ އެންމެން ޝާމިލުވާ ގޮތަށް އޮތް އެއްޗެކެވެ.
މިއާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވަނީ އިންސާނާގެ ޙާލަތެވެ. އިންސާނުންގެ ތެރެއިން އިސްތިޘްނާ ވެގެންވާ ބަޔަކު މެނުވީ ވަނީ ދުނިޔެ އާއި އާޚިރަތުގައިވެސް ގެއްލުމާއި ހަލާކުގެ ތެރޭގައި ކަމެވެ. މިކަން ޔަގީންކޮށް ދެއްވުމަށް ތިންކަމެއް ބޭނުން ކުރައްވާފައިވެއެވެ. އެއީ (ހުވާވަޙީ ކުރެއްވުން)، (އިންނަ )، (ލާމު ).
(خُسْرٍ ) ގެއްލުމާއި ހަލާކު (خَاسِرُ) ގެއްލެނިވެ ހަލާކުވެފައިވާ މީހާ.
(إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ ) "ހަމަކަށަވަރުން އިންސާނާ ވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައެވެ."
މިތަނުގައި (إِنَّ الْإِنسَانَ لَفِي خَاسِرٍ ) "ހަމަކަށަވަރުން އިންސާނާ އަކީ ގެއްލުމާއި ހަލާކުގެ ތެރޭގައިވާ މީހެކެވެ" މިހެން އޮތުމުގެ ބަދަލުގައި (إِنَّ الْإِنسَانَ لَفِي خُسْرٍ) "ހަމަކަށަވަރުން އިންސާނާ ވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައެވެ." އޮތުން މާ ބަލާޣާތްތެރިއެވެ. އެހެނީ އިންސާނާވަނީ ގެއްލުމާއި ހަލާކުގެ ތެރެއަށް ޣަރަގު ވެގެންނެވެ. ހުރިހާ ދިމާލަކުންވެސް ވަނީ ގެއްލުމާއި ހަލާކެވެ.
(إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾ ) ގެއްލުމާއި ހަލާކުގެ ތެރޭގައިވާ އިންސާނުންގެ ތެރެއިން ހަތަރު ޞިފަ ލިބިގެންވާ ބަޔަކު އިސްތިޘްނާވެގެންވެއެވެ. އެއީ:
1. އީމާންކަމުގެ ރުކުންތަކަށް (ﷲ އަށާއި މަލާއިކަތުންނަށް، ބާވާލެއްވި ފޮތްތަކަށް، އެންމެހައި ރަސޫލުންނަށް، އާޚިރަތް ދުވަހަށް، ގަޟާގަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް) ޝައްކެތް ނެތް މިންވަރަށް އީމާންވެ ގަބޫލުކޮށްގެން ހުރުން. މިކަންތައް ތިމާގެ ލޮލަށް ފެނިގެން ގަބޫލު ކުރާ ފަދައިން ގަބޫލުކޮށްގެން ހުރުން. މިކަމުގައި އިންސާނުން ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ:
ފުރަތަމަ ބައި: އެއްވެސް ޝައްކެތް ނެތް މިންވަރަށް އިޚްލާޞްތެރި ކަމާއި އެކު އީމާންވެފައިވާ މީހުން.
ދެވަނަ ބައި: އިންކާރުކޮށް ދެކޮޅު ހަދާ ކާފިރުން.
ތިންވަނަ ބައި: ދެފުށަށް ކެނޑޭ މީހުން.
ނުނިމޭ
[1] صحيح مسلم » كِتَاب الْمَسَاجِدِ وَمَوَاضِعِ الصَّلَاةِ » بَاب التَّغْلِيظِ فِي تَفْوِيتِ صَلَاةِ الْعَصْرِ ... رقم الحديث: 998
[2] سنن النسائى الصغرى » كِتَاب الصَّلَاةِ » بَاب مَنْ تَرَكَ صَلَاةَ الْعَصْرِ، رقم الحديث: 470
ޚިޔާލު