"ފުރާވުނަ" ނަމުގައި ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް (ޗޭ) ވިދާޅުވީ ޒުވާނުން ޝައިޤުވެރިވާނެ ގިނަ ކަންތައްތަކެއް ހިމަނައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްއިން ޒުވާނުންނަށް ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށެވެ.
އެގޮތުން ޞަބާހް ވިދާޅުވީ ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ޒުވާނުންނގެ ދިރިއުޅުމަށް ބޭނުންވާނެ ތަފާތު ގިނަ މައުލޫމާތު ތަކެއް މިޕްރޮގްރާމްގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ. އަދި ޒުވާނުންގެ ތެރޭގައި އުޅޭ ތަފާތު ފިކުރުތަކާއި ކުރިމަތިލާނެ ގޮތަތަކާއި ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށް ވިޔަފާރިއާއިގެން ކުރިއަށްދާނެ ގޮތްތަކާއި ވިޔަފާރީގެ ސްކިލްތައްވެސް މިޕްރޮގްރާމްގައި ކިޔައިދެވޭނެއެވެ.
މީގެ އިތުރުން ވަޒީފާއަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް ވަޒީފާއަށް ބޭނުންވާނެ ބޭސިކް ހުނަރުތައްވެސް މިޕްރޮގްރާމްގެ ތެރެއިން ދަސްވެގެން ދާނެ ކަމަށް ޞަބާހް ވިދާޅުވިއެވެ.
އުމުރުން 15 އަހަރާއި 25 އަހަރާއި ދެމެދުގެ ފިރިހެނުންނަށް ޙާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
ހަހަފްތާ ވަންދެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރުދުވަހު ހަތަރު ގަޑިއިރަށެވެ.
މިޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދޭ ބޭފުޅުންގެ ތެރޭގައި ކްލިކް ކޮލެޖްގެ ރައީސް ނައުޝާދު މުޙައްމަދު ، ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް، ޚަޒާނާ މޯލްޑިވްސްގެ އިންޓަރިމް އިންޗާރޖް އަބްދުލްރަހްމާން ހުސައިން، އައްޝައިޚް ނިމާލު މުހައްމަދު އަދި ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ހިމެނެއެވެ.
މިޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްދާނީ ކްލިކް ކޮލެޖްގައެވެ. އަދި އަންހެން ބޭފުޅުންނަށް ޙާއްސަކޮށްގެން މީގެ ޕްރޮގްރާމެއް ޖުލައިމަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕީސް ފައުންޑޭޝަންއިން ބުނެއެވެ.
މިޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް ފުރާވުނަ ޖަހާފައި އެސްއެމްއެސް ކުރާނީ 7341781 ނަންބަރު ފޯނަށެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...