ކޮލަމިސްޓް މި ސިލްސިލާއަށް ހުއްޓުމެއްނެތެވެ.

މި ސިލްސިލާއަށް ހުއްޓުމެއްނެތެވެ.

މި ސިލްސިލާއަށް ހުއްޓުމެއްނެތެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްނެންގެވީ ފާޠިމާ ބިންތު މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެވެ. އަބޫ ޖަހުލާ އޭނާގެ އަޢުވާނުން، އެކަމަނާގެ ބައްޕާފުޅު ސަޖިދައިގައި އޮންނަވަނިކޮށް ޖަމަލުގެ ކަރުގޮހޮރުތައް، އެކަލޭގެފާނުގެ އިސްތަށިފުޅަށް އަޅައިލިހިނދުގައެވެ. ތުއްޕުޅު، އެހެން ނަމަވެސް ހިތްވަރުގަދަ އެކަމަނާ، އެއްވެސް ޖެހިލުމެއްނެތި އަނިޔާވެރިންގެ ކުރިމަތިން ދުވެވަޑައިގެންފައި، ވަޑައިގެން ބައްޕާފުޅުގެ އިސްތަށިފުޅުން އެތަކެތި ނަގައި ސާފުކުރެއްވިއެވެ.

ހަނގުރާމައިގެ މައިދާނުގައި ޒަޚަމްވެ އަނިޔާވާ މީހުންނަށް ފަރުވާދިނުމަކީ މުސްލިމް އަންހެން ކަނބަލުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރަމުން ގެންދިޔަ މަސައްކަތަތެކެވެ. އެއީ މާތްވެގެންވާ ޞަޙާބިއްޔާތުންގެ ސުންނަތެކެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އެހެނިހެން އުއްމަހާތުލް މުއުމިނީނުން އެމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.

ނުސައިބާ ބިންތު ކަޢުބު ރަޟިޔަﷲ ޢަންހާ އުޙުދުގެ ދުވަހާއި ޔަމާމާގެ މައިދާނުގައި ދެއްކެވި ހިތްވަރާއި ފަންވަރު ހަނދާންނައްތައިލާނީ ކިހިނަކުންތޯއެވެ؟ ޚައުލާ ބިންތު އަޒްވަރު ރަޟިޔަﷲ ޢަންހާ ފަދަ ކިތައް ކިތައް އަންހެން ފަހުލަވާނުން މި އުންމަތުގައި އުފެދިފައިވޭތޯއެވެ؟

ފަލަސްތީނުގެ މުސްލިމް އުޚުތެއްކަމުގައިވި ރަޒާން އަލް ނައްޖާރަކީވެސް މިއަދުގެ އިސްލާމީ އުންމަތުގައި އުފެދުނު ހަމަ އެފަދަ ބަޠަލާ އެކެވެ. އެ އުޚުތާވެސް މިވަނީ މާތް ޞަޙާބިއްޔާތުން ނަމޫނާއެއްކަމުގައި ބަލައިގެން، މަސައްކަތް ކުރަމުންދަނިކޮށް، އަނިޔާވެރި ޔަހޫދީންގެ އުންޑައަކުން ޝަހީދުކޮށްލެވިފައެވެ. އަނިޔާވެރިންގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި އޭނާގެ އަޚުންނާއި އުޚުތުންނަށް ފަރުވާދޭން ކުރި މަސައްކަތުގެ އަގު ދައްކަން ޖެހުނީ އޭނާގެ ފުރާނައިންނެވެ. ދުޢާ އަކީ ﷲ ތަޢާލާ ޖަންނަތުލް ފިރްދައުސުގައި މާތްވެގެންވާ ޞަޙާބިއްޔާތުންނާއެކު އޭނާ ލެއްވުމެވެ.

ފަލަސްތީނުގެ ބިމުގައި ކޮންމެ ދުވަހަކު ވެސް ޞިޙުޔޫނިއްޔަތުގެ ”ޢިފުރީތުން“ އެމީހުންގެ ކަރުހިއްކުން ފިލުވަމުން އެ ގެންދަނީ ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ ލޭ ”ބޮއިގެންނެވެ.“ ނަމަވެސް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ”ކަނު“ ޤާނޫނުތަކުގެ ބެލެނިވެރިންގެ ލޯތައްވެސް މިވަނީ ކަނުވެފައެވެ. އެހެންނޫނަސް މުސްލިމުންނަށް އެޤާނޫނުތަކުން ދުވަހަކުވެސް ލިބުނު ރައްކާތެރިކަމެއްނެތެވެ. ރަޒާނަށް ވެސް ޙިމާޔަތްނުލިބުނީ އޭނާއަކީ މުސްލިމަކަށް ވީތީއެވެ.

ޞިޙުޔޫނީން އެގެންދަނީ އަމިއްލައަށް އެމީހުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރަމުންނެވެ. އެބައިމީހުންގެ ނުބައިކަމާއި ނުލަފާކަމުގައި ސިއްކަޖެހޭ ދުވަސްވެސް އަދި އަންނާނެއެވެ. އެދުވަހުން އެބައިމީހުންނަށް ރަޙުމްކުރާނެ ހަމަ އެއްވެސް ނަފުސެއް މި ބިންމައްޗަކު ނުހުންނާނެއެވެ.

ފަލަސްތީނުގެ އަޚުންނާ އުޚުތުންނޭވެ!ތިޔަބައިމީހުންގެ ފައިތިލަތަކުގެ ސާބިތުކަމުގެ އަޑުން އަހަރަމެންގެ ޣާފިލުވެފައިވާ ހިތްތަކުގައިވެސް ޖޯޝު އުފައްދައިދެއެވެ. ކާމިޔާބާއި ނަޞްރުގެ ފަތިހަކަށް އަލިވިލޭނެކަމުގެ އުންމީދު އާކޮށްދެއެވެ. މިއަދު ތިޔަބައިމީހުންނަކީ ހިތްވަރުގަދަކަމުގެ މުންނާރެވެ.

އަހަރެމެންނަށް މާފުކޮށްދޭށެވެ. އަހަރަމެންގެ މިސާލަކީ ބަންދުކޮށްފައިވާ ކުޑަ ކޮށްޓެއްގެ ތެރެއަށް އުފަންވެފައިވާ ދޫނިތަކެއްގެ މިސާލެވެ. އުދުހުން އަހަރަމެންނަށް ވެފައިވަނީ ބައްޔަކަށެވެ. އަދި ހިތާމައަކީ އަހަރަމެންގެ ތެރެއިން މީހަކު އުދުހެން މަސައްކަތްކޮށްފިނަމަ އެމީހެއްގެ ފިޔަވެސް ކޮށައިލެވޭތީއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.